މިދިޔަ މަހުގެ 27 ވަނަ ދުވަހު, ށ. ކަނޑިތީމު, ނިއަމި ރިޒްނާ ޝަމީމް ކުއްލި ގޮތަކަށް ނިޔާވީ އުމުރުން 27 އަހަރު ގަ އެވެ. ރިޒްނާގެ ކުއްލި ވަކިވުމާއެކު އޭނާގެ ފިރިމީހާ, ޒައިޝަން ސައީދު އަދި ދެ ފަރާތުގެ އާއިލާއަށް ލިބިފައި ވަނީ ބޮޑު ހިތާމަ އެކެވެ.
ރިޒޫ އަކީ ދިވެހީންގެ މެދުގައި މަގުބޫލު ޒުވާނެކެވެ. އޭނާގެ "އައިވަރީ ޑިޒައިން" އަކީ ބުރުގާއާ މޫނު ބުރުގާ އަޅާ އަންހެނުންނާއި އަންހެން ކުދީންގެ މެދުގައި މަގުބޫލު ބްރޭންޑްކެވެ.
ޒުވާން އުމުރުގައި އަނބިމީހާގެ ކުއްލި ވަކިވުމާއެކު ހިތުގައި އުފެދިފައިވާ ޝުއޫރުތައް ޒައިޝަން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
Advertisement
ޒައިޝަންގެ ވާހަކަ ފެށީ މިހާ ހިސާބުންނެވެ.
"އަންހެނުންގެ ޖަނާޒާގައި ބައިވެރިވި އަދި ހެޔޮއެދޭ ފަރާތްތަކުން ފޮނުއްވި މެސެޖުތަކާއި ކުރެއްވި ފޯނު ކޯލުތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން,"
އޭނާ ބުނި ގޮތުން އަނބިމިހާގެ ކުއްލި ވަކިވެދިއުން ވެގެންދިޔައީ ދުނިޔެއަށް ލޯހުޅުވުނު ކަމަށެވެ. ހަޔާތަކީ އަގެއް ނެތް އެއްޗެއްކަމާއި މަރަކީ ކޮންމެ ވަގުތެއްގައި ވެސް ބައްދަލުކޮށްފާނެކަން ހަގީގަތް ކަމުގައި ފެނި އިހްސާސް ކުރެވުނު ކަމަށެވެ. އަދި ދުނިޔޭގައި އުޅެވޭނީ ކެތްތެރިވެގެންކަމާއި، އެނޫން އެހެން އެއްވެސް ކަމެއް އިސްނުކުރެވޭނެކަން ޔަގީން ކުރެވުނު ކަމަށެވެ.
"އަޅުގަނޑުގެ އަންހެނުންނަކީ ޢިއްފަތްތެރި، ކެތްތެރި، އަދި ނުހަނު އޯގާތެރި ހިތެއްގެ ވެރިއެއް. އިސްވެ މީހުންނާ މުޚާޠަބުކޮށް ވާހަކަ ދެއްކުމަށް ލަދުގަނެ، އަޑުހަރުކޮށް ވާހަކަދައްކާ ހެދުމަށްވެސް ލަދުގަންނަ، ވަރަށް ރީތި އާދަތަކެއް ގެންގުޅުނު ފަރާތެއް," ވަކިވެދިޔަ އަނބިމީހާގެ ހަނދާންތައް އައުކޮށް ޒައިޝަން ލިޔެފައިވެ އެވެ.
އޭނާ ފާހަގަ ކުރި ގޮތުގައި ރިޒޫ އަަކީ ކުދިންނަށް ކީރިތި ގުރުއާން ކިޔަވައިދީ އަކުރު ދަސްކޮށްދިނުމުގައި މުހިއްމު ހުނަރެއް ލިބިފައިވި މީހެކެވެ. އަތްތެރި މަސައްކަތުން، އަމިއްލަ ނަފްސަށް އިތުބަާރުކޮށް ފެށި ކުޑަ ވިޔަފާރި ވަރަށް ގަޔާވެގެން ކުރިއަށް ގެންދިޔަ މީހެއް ކަމަށެވެ.
"އަބަދުވެސް ބޭނުންވީ 'މޮޑެސްޓް' ކޮށް ކަންކަން ކުރަން. ހިޖާބީ އަދި ނިޤާބީންނަށް ހާއްސަ ވެޑިން ޑްރެސް ލޯންޗުކުރުމަށްފަހު، ތައްޔާރުވަމުން އައީ ހިޖާބީ/ނިގާބީންނަށް ހާއްސަ 'ސުވިމް ވެއާ' ލޯންޗު ކުރުމަށް. 2026ގެ ޖެނުއަރީގައި ފެށޭނެ ކަމަށް އުއްމީދުކުރި. އަބަދުވެސް ބުނާނެ، ކޮންމެ ކޮންމެ ހެދުމެއް ލައިގެން މޫދަށް އެރިއުޅެން ވަރަށް އުނދަގޫ ކަމަށް. ގައިގައި ހެދުން ތަތްލާހުރެދާނެތީ ވަރަށް ޖެހިލުންވާ ކަމަށް. އަދި މިކަމުގައި ވަރަށް ގިނަ ނިޤާބީންނާ މަޝްވަރާކޮށް އެފަރާތްތަކުގެ ޚިޔާލުވެސް ހޯދި,"
މިއަދު ރިޒޫ އަކީ މާޒީ ނަމަވެސް ޖައިޝަންގެ ނަޒަރުގުގައި އަންހެނުންނަކީ އޭނާގެ އިއްޔެއާއި މިއަދެވެ. އަދި އެ ދެމަފިރީންގެ ލޯބި ލޯބި ތުއްތުތުއްތު ދަރިފުޅު އެ މަންމަގެ ހަނދާނުގައި އުމުރު ހޭދާކުރާނީ އުފަލާއި ކެތްތެރިކަމާއި އެކު އެވެ.
އަނބިމީހާގެ ކުއްލި ވަކިވުމުން ކިތަންމެ ބޮޑު ހިތާމައެއް ލިބުނަސް ޖައިޝަންގެ ހިތަށް ތަސައްލީ ލިބެނީ އެ މަރުން ފެނުނު ހެޔޮ ކަމުންނެވެ.
"ހެޔޮ މަރެއްގެ ކިތަންމެ އަލާމާތެއް ފެނިގެންދިޔަ ވަކިވެދިޔުމެއް. ރީތި ހިނިތުންވުމެއްގައި އޮތްއިރު ސިފަވެގެންދިޔައީ ހުދު ހެދުމުގައި ކައިވެނީގެ ޙަފްލާގައި ހޭދަކުރި އުފާވެރި ހަނދާންތައް. އަނބިމީހާގެ އެންމެ ފަހުވަގުތުކޮޅުދިޔައީ ވަރަށް އަމާންކޮށް ކަމަށް. ފުރާނަ ގެންދަވާ ވަގުތުގެ ވޭނީ ޒަލްޒަލާގެ އެއްވެސް ލޮޅުމެއް އެ ލޯބިލޯބި އަނބިމިހާ ތަޙައްމަލު ނުކުރާ ކަމަށް. ހިނެވި ޖަމާޢަތްތެރިންވެސް ދެންނެވީ ހިނެވުން ވަރަށްވެސް ފަސޭހަކަމަށް. އަދި ހީވަނީ ވަރަށް ލޯބިކޮށް ނިދާލާފައި އޮތްކަމަށް. މިހުރިހާ ކަންކަމެއްގެ ދަލީލު އެ ލޯބި ހިނިތުންވުމުން ފެންނަން އޮތް," ޝުކުރުވެރިވާ ހާލު ޖައިޝަން ބުނެފައިވެ އެވެ.
އޭނާގެ ހުރިހާ ވެސް އެދުމަކީ، ރިޒޫ ދަންނަ މީހުންނާއި ނުދަންނަ މީހުންވެސް އޭނާގެ މައްޗަށް ހެޔޮ ދުއާކޮށްދިނުމެވެ. ހާއްސަކޮށް މި ރޯދަ މަހު އެވެ.
ރިޒޫގެ ކުއްލި ވަކިވުން: ކުރަމުން އައީ ބޮޑު އުންމީދެއް، ހެޔޮ މަރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ