ގާޒާއަށް އިންސާނީ އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުން، ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ފަލަސްތީނުގެ ގާޒާއަށް އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުމުން އެކަން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުންވަނީ، އިންސާނީ އެހީގެ ތަކެތި ގާޒާއަށް ވެއްދުމަށް ހުރަސްއަޅައި އެ ތަކެތި ގާޒާގެ ރައްޔިތުންނަށް މަނާކުރީ ގާޒާގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމާ ގުޅިގެންނާއި ދެވަނަ މަރުހަލާއަށް ދިޔުމާމެދު ހަމާސްއާއެކު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން ކަމަށެވެ.ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގާޒާއަށް އިންސާނީ އެހީ އެތެރެވުން ހުއްޓާލުމަށް އިޒްރޭލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވެސް ރާއްޖެއިން ބުންޏެވެ.އިޒްރޭލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި ބައިނަލްއަގުވާމީ މުޖުތަމައުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށާއި ގާޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެން ކަމަށް ރާއްޖެއިން ވަނީ ތަކުރާރުކޮށްފައެވެ.އިޒްރޭލުން ވަނީ ފުރަތަމަ މަރުހަލާގައި ގާޒާއަށް ވެއްދުމަށް އެއްބަސްވި ބޭހާއި ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ސާމާނާއި ވަގުތީ ހޮސްޕިޓަލް ހެދުމަށް ބޭނުންވާ ފޭލިގެތައް ވެސް ގާޒާއަށް ވެއްދުމަށް ހުރަސްއަޅާފަ އެވެ. އިޒްރޭލުން މިހާރު ބުނަނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމައިގެން ދެން ކުރިއަށް ދާނީ ހުރިހާ ރަހީނުން މިނިވަންކުރުމުން ކަމަށެވެ.އިޒްރޭލުން ގާޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުމަށް ހުރަސް އެޅުމަކީ ގާޒާގެ ރައްޔިތުންގެ ގިނަ ބަޔަކު އަނެއްކާ ވެސް ހައިހޫނުކަން ތަހައްމަލް ކުރަންޖެހޭނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ