ޖަރުމަނުގެ ނޫސްވެރީންނަށް ރާއްޖެ އިޝްތިހާރުކޮށް، ގުޅިގެން މަސައްކަތްކުރަން މަޝްވަރާކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ޖަރުމަނުގެ ބާލިންގައި މިއަދު ކުރިއަށްދާ އިންޓަނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް) 2025ގައި ބޭރުގެ މީޑިއާތަކާއި ނޫސްވެރިންނަށް ރާއްޖޭގެ ތަފާތުކަން ދައްކާލައިފިއެވެ. އައިއެމްއެމްއަކީ ޓްރެވަލް އިންޑަސްޓްރީގެ އެޑިޓަރުންނާއި ނޫސްވެރިންނާއި ބްރޯޑްކާސްޓަރުންނާއި އިންފްލުއެންޒަރުންނާ ގުޅުވައިދޭ ގްލޯބަލް ނެޓްވޯކިން ހަރަކާތެކެވެ. ޓްރެވް މީޑިއާއިން އިންތިޒާމްކޮށްގެން ބާއްވާ މި ހަރަކާތަކީ ޖަރުމަނާއި އޮސްޓްރިއާއާއި ސްވިޒަލެންޑުގެ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާ ގުޅިގެން ޕާޓްނަޝިޕް ބިނާކުރުމުގެ ފުރުސަތު އެގްޒިބިޓަރުންނަށް ލިއްބައިދޭ ހަރަކާތެކެވެ. ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓުތަކަށް ޚާއްސަކޮށްގެން ބާއްވާ އެ ހަރަކާތުގައި އެމްއެމްޕީއާރުސީން އަންނަނީ އެންމެ މަތީ ފަންތީގެ ނޫސްވެރިންނަށާއި މީޑިއާގެ މަންދޫބުންނަށް ރާއްޖޭގެ ތަފާތުކަން ދައްކަމުން ކަމަށް އެމްއެމްޕީއާރުސީންވަނީ ބުނެފައެވެ. އެމްއެމްޕީއާރުސީން ޖަރުމަނުގައި ނޫސްވެރިންނަށް ރާއްޖޭގެ ތަފާތުކަން ދައްކައިލަނީ -- ފޮޓޯ/ އެމްއެމްޕީއާރުސީ އެއް ދުވަހުގެ މި ހަރަކާތުގައި އެމްއެމްޕީއާރުސީން ދަނީ ޖަރުމަނާއި އޮސްޓްރިއާއާއި ސްވިޒަލޭންޑްގެ ލީޑިން މީޑިއާ ޕަބްލިކޭޝަންތަކާ ގުޅިގެން ދިވެހިރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ކުރިއަށް އޮތްތަނުގައި ގުޅިގެން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރަމުންނެވެ. ޖަރުމަނު މާކެޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ މުހިންމު އެއް މާކެޓެވެ. މި އަހަރުގެ ފެބްރުއަރީ 23ގެ ނިޔަލަށް ޖަރުމަނަކީ ރާއްޖެއަށް ފަސް ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. އެ މުއްދަތުގައި ޖަރުމަނު މާކެޓުން ރާއްޖެއަށް 23،294 ފަތުރުވެރިން އައިސްފައިވާއިރު، އެ ގައުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ ހަ އިންސައްތަ ހިއްސާކުރެއެވެ. އެމްއެމްޕީއާރުސީން ޖަރުމަނުގައި ނޫސްވެރިންނަށް ރާއްޖޭގެ ތަފާތުކަން ދައްކައިލަނީ -- ފޮޓޯ/ އެމްއެމްޕީއާރުސީ އެމްއެމްޕީއާރުސީން އަންނަނީ މި މާކެޓުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ، ކެންޕޭންތައް ހިންގަމުންނެވެ. މި ގޮތުން، އެމްއެމްޕީއާރުސީއިން ދާދިފަހުން އައުޓްޑޯ އިޝްތިހާރު ކުރުމުގެ ޓެކްސީ ކެމްޕޭނެއް ފަށައި، މަޝްހޫރު ބާލިނަލް ފިލްމް ފެސްޓިވަލްގައި ވަނީ ރާއްޖެ އިޝްތިހާރުކޮށްފައެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓެއްކަމަށްވާ ޓުއިއާއެކު ކޮންވާޝަން ފޯކަސްޑް ކެމްޕޭނެއް ފަށާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެމްއެމްޕީއާރުސީން މި އަހަރުގެ ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، އައިޓީބީ ބާލިން 2025ގައި ބައިވެރިވުމާއި، މިއުނިކް، ފްރެންކްފާޓް އަދި ޒިއުރިކްގައި ވިޒިޓް މޯލްޑިވްސް ވީކް ބޭއްވުމުގެ އިތުރުން، ޓާގެޓްޑް މާކެޓިން ކެމްޕޭންތަކާއި މީޑިއާ އަދި އިންފްލުއެންޒާ ފެމިލިއަރައިޒޭޝަން ދަތުރުތައް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. އަދި ވެބިނާ ސެޝަންތަކާއި ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން ހިންގާ ކެމްޕޭންތަކާއި، ދި ހައި އެންޑް ޕްރިންޓް މީޑިއާގައި އިޝްތިހާރުކުރުމުގެ ކެންޕޭންތައް ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެމްއެމްޕީއާރުސީން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތްތަނުގައި ޖަރުމަނާއި އޮސްޓްރިއާ، އަދި ސްވިޒަލޭންޑުން ލިބޭ ބުކިންތަކާއި ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދުތައް އަހަރުން އަހަރަށް އިތުރުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ