ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ، ދައުލަތުގެ މީޑިއާ، ނުވަތަ 'ބަންޑާރަ' ޗެނަލްތަކުން ތަކުރާރުކޮށް ގާނޫނާ ހިލާފުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް އެވެ. މި މައްސަލަ އޭނާ ހުށަހެޅުއްވީ ދައުލަތުގެ މީޑިއާއިން ތަކުރާރުކޮށް ގާނޫނާހިލާފުވަމުން ދިއުމަކީ، ރާއްޖޭގައި ރަސްމީ ސިފައެއްގައި ގާނޫނުގެ ބާރުކަނޑުވައިލައި، ގާނޫނަށް އަމަލުނުކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރުލިބޭ ފަދަ ކަމަށްކަށްވާތީ ކަމަށް ބުނެ އެވެ.
މައްސަލަ ބަލައިގެނެ ބަހުސްކުރަން ފެނޭތޯ ބަލަން މިއަދުގެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން މައްސަލަ ބޭރުކޮށްލީ، ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ ވޯޓުންނެވެ. ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ.
ބުނީ ކީކޭ؟ - މި މައްސަލާގައި ބުނެފައިވަނީ ދައުލަތުގެ މީޑިއާއިން މަސައްކަތްކުރަމުންދަނީ ހަމަހަމަކަން ގާއިމުނުކޮށް، ވަކި ބަޔަކަށް ފުރުސަތުދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގައިލައި، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެނޫން ވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށް ކަމަށެވެ.
ބަންޑާރަ މީޑިއާ އުފެއްދި، ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި ސިޔާސަތަކުގެ ތެރޭގައި ނުފޫޒުން އެއްކިބާވެފައިވާ، އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުން ލާޒިމުކޮށްފައިވާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
އެގޮތުން މައްސަލާގައި ބުނީ:
ދައުލަތުގެ މީޑިއާގެ ސިޔާސަތުތަކުގެ ގޮތުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުން ހިމެނޭ
ރައްޔިތުންނަށް މުހިންމުވާނެ ބައިނަލްއަގުވާމީ އެކި ކަންކަމާއި ގައުމީ އެކި ކަންކަމުގެ ހަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން
ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި ބަންޑާރަ މީޑިއާގެ ހިދުމަތް ފޯރުކޮށްދެމުންދިއުމަށް މަސައްކަތްކުރުމާއި ވަކިވަކި. ފަރުދުންނަށާއި އެކިޖަމާއަތްތަކަށް ފުރުސަތުދިނުމުގައި ވެސް ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރަން ލާޒިމުކޮށްފައިވޭ
މުޖްތަމައަށް ބޭނުންތެރިވާނެ ބިނާކުރުވަނިވި ތަފާތު ފިކުރުތަކާއި ހިޔާލުތަކަށް އަދި އާ ވިސްނުންތަކަށް ޖާގަދިނުން ލާޒިމުކޮށްފައިވޭ
ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރަން ލާޒިމުކޮށްފައިވޭ
ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން، ދައުލަތުގެ މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެކަމަށް ގާނޫނުގައި ބުނޭ
ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ހިންގައިގެން ނުވާނެކަމަށް ގާނޫނު ބުނޭ
އެކިއެކި އިންތިހާބުތަކާއި ރައްޔިތުންގެ އާންމު ވޯޓުތައް ފަދަ ކަންކަމުގައި، އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު އިޝްތިހާރުކުރުމަށް ޖާގައާއި ވަގުތު ގަނެވޭނެ އުސޫލެއް ވާދަކުރާ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލުމަށްފަހު ނޫނީ އިންތިހާބުތަކާއި އާންމު ވޯޓުތަކާ ގުޅޭ ކެމްޕޭން އިޝްތިހާރުތައް ނުފޮނުވުމާއި ޝާއިއުނުކުރަން ގާނޫނުގައި އޮވޭ
އިސްވެ ބަޔާންކުރެވުނު ހަމަތަކާއި އުސޫލުތައް ފުރިހަމައަށް ގާނޫނޫގައި ކަނަޑައަޅައިފައި ހުރިނަމަވެސް މިއިން އެއްވެސް ހަމައަކާ އުސޫލަކަށް ބެލުމެއްނެތި، ހަމަހަމަކަން ގެއްލޭގޮތަށް، ދައުލަތުގެ މީޑިއާގެ މެނޭޖުމަންޓުން އަމަލުކުރަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.
ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އެތަނުން މަސައްކަތް ކުރަމުންދަނީ ސިޔާސީ ނުފޫޒެއްގައި ވަކި ބައެއްގެ މަސްލަހަތަށް އިސްކަންދީގެން ކަމަށް މައްސަލާގައި ވެ އެވެ. އަދި ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ދާއިރާތަކުގެ މައުލޫމާތާއި ގައުމީ އެކި ކަންކަމުގެ ހަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާގޮތް ދައުލަތުގެ މީޑިއާއިން ރައްޔިތުންނަށް އަންގައިދެމުން ނުދާ ކަމަށް ބުނެފައިވެ އެެވެ. ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ގާއިމުނުކޮށް، ވަކި ބަޔަކަށް ފުރުސަތުދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގާލާފައިވާ ކަމަށް ވެސް ބުންޏެވެ.
'ބަންޑާރަ' މީޑިއާއިން ގާނޫނާ ހިލާފުވަމުންދާ ކަމަށް ބުނެ ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ