މިމަހުގެ ފަސްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ސައުދީއަރަބިއްޔާގެ ޝާހީ އާއިލާގެ "ޕްރިިންސް" އަކާ ބައްދަލު ކުރި ކަމަށް ބުނެ ރައީސް އޮފީހުގައި ޝާއިއުކުރި ހަބަރު ޑިލީޓުކޮށްފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި އެ އާޓިކަލްއަށް ދީފައިވާ ރިފަރެންސް ނަންބަރަކީ 405-2025:Ref އެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓަށް ވަދެ އެ ރިފަރެންސް ނަންބަރު ޖެހުމުން މިހާރު ދައްކަނީ އެ ހަބަރު ވެބްސައިޓުގައި ނެތް ކަމަށެވެ.
ސައުދީ "ޕްރިންސް" އާ ރައީސް ބައްދަލު ކުރެއްވި ހަބަރުގެ އާޓިކަލް ނަންބަރަކީ 33647 އެވެ. އެ އާޓިކަލް މިހާރު ޑިލީޓު ކޮށްފައިވާކަން ސާބިތުވަނީ އޭގެ ކުރިން 33646 ވަނަ ނަންބަރުގައި ޝާއިއު ކޮށްފައިވާ ހަބަރާއި 33648 ވަނަ ނަންބަރުގައި ޝާއިއު ކޮށްފައިވާ ހަބަރު މިހާރު ވެސް ވެބްސައިޓުން ފެންނާނެ ހުރުމުންނެވެ. 33646 ވަނަ ހަބަރުގެ ރެފަރެންސް ނަންބަރަކީ 404-2025:Ref އެކެވެ. 33648 ގެ ރިފަރެންސް ނަންބަރަކީ 406-2025:Ref އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރެއްވި ފަހަދް ސައުދު އަލްޝަލަން އަކީ ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ބުނެ ރައީސް އޮފީހުގައި ހަބަރު ޝާއިއު ކުރީ "ހިޒް ރޯޔަލް ހައިނަސް ޕްރިންސް" ޖަހައިފަ އެވެ. ނަމަވެސް އެއީ ސައޫދީގައި ރަސްކަން ކުރައްވާ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ނޫންކަން އަދަދު އަށް ވަނީ އެނގިފަ އެވެ.
ސައޫދީ އަރަބިއްޔާގައި އެ ލަގަބު ލިބެނީ އަބްދުލްއަޒީޒް އިބްނު ސައުދު ރަސްގެފާނުގެ ދަރި ދަރިކަލުންނާއި ދަރި ދަރިކަނބަލުން އަދި އެ ހިސާބުން ފެށިގެން ރަސްގެފާނުގެ ދަރި ދަރިކަލުންގެ އާއިލާތަކުން އަންނަ ފަރާތްތަކަށެވެ.
މި ނޫހުން ބެލި ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ދަރިފަސްކޮޅު ބަލަހައްޓާ އެއްވެސް ލިސްޓެއްގައި ފަހަދްގެ ނަމެއް ފެންނާކަށް ނެތެވެ.
ފަހަދުއަކީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވާއިރު، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހުރި ސައޫދީ އެމްބަސީގެ ބޭފުޅަކު ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ޝާހީ އާއިލާގައި ހިމެނިވަޑައިނުގަންނަވާ ބޭފުޅަކަށް ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ނިސްބަތްކޮށް ރަސްމީކޮށް ލިޔެކިޔުމުގައި ޖެހުމުން، އެކަމުގެ ކަންބޮޑުވުން ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީން ދިވެހި ސަރުކާރުގެ އޮފިޝަލުންނާ ހިއްސާކޮށްފައިވާ ކަމަށް އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން އަދަދު ނޫހަށް ބުންޏެވެ.
ސައުދީ "ޕްރިންސް" އާ ރައީސް ބައްދަލު ކުރެއްވި ހަބަރު ރައީސް އޮފީހުގެ ވެބްސައިޓުން ޑިލީޓުކޮށްފި ސައުދީ "ޕްރިންސް" އާ ރައީސް ބައްދަލު ކުރެއްވި ހަބަރު ރައީސް އޮފީހުގެ ވެބްސައިޓުން ޑިލީޓުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ