މަޖިލީހުގެ މިއަދުގެ ޖަލްސާ ގަޑިއިރަކަށް ފަހު ނިންމާލައިފި

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ގަޑިއިރެއްހާއިރަށް ކުރިއަށް ގެންދިއުމަށް ފަހު، ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކުރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މި އަހަރުގެ ފުރަތަ ދައުރު ނިންމައި ދެ ހަފްތާގެ ޗުއްޓީއަކަށް ދިޔައީ މިދިޔަ މަހު 15ގަ އެވެ. ގަވައިދުގައިވާ ގޮތުން ދެވަނަ ދައުރު ފެށެނީ މި މަހު 1 އިން ފެށިގެން އެވެ. އެއާ އެކު، މިއަދު ފުރަތަމަ ޖަލްސާ ވަނީ ބާއްވާފަ އެވެ.
ތަފްސީލު - މިއަދުގެ ޖަލްސާގައި އޮތީ ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ހަތަރު ސީޓީއެއް ތަޅުމުގައި އިއްވުމާއި މީގެ ކުރިން ސަރުކާރުން ހުށަހަޅާފައި އޮތް ސިވިލް އޭވިއޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރަން ފެށުމެވެ.
އެޖެންޑާގެ އެހެން ކަންކަމަށް ދިއުމުގެ ކުރިން އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅި އެވެ. މާލެއިން އިއްޔެ ކަރަންޓު ކެނޑުމާ ގުޅޭ ގޮތުން ހުށަހެޅި އެ ކުއްލި މައްސަލަ ޕީއެންސީގެ ސުޕަ މެޖޯރިޓީން ވަނީ ބޭރުކޮށްލާފަ އެވެ.
ރައީސް މަޖިލިހަށް ފޮނުއްވި ހަތަރު ސިޓީގެ ތެރޭގައި ހިމެނެނީ، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ރުހުން ހޯދުމަށް ނަން ފޮނުވުމާއި ތިން ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރުހުން ހޯދުމަށް އެދިވަޑައިގެން ފޮނުވި ސިޓީތަކެވެ.
ސިވިލް އޭވިއޭޝަން ބިލަށް ހަތް ވަރަކަށް މެންބަރުން ބަހުސްކުރެއްވި ފަހުން، އަބްދުއްރަހީމް އިއުލާން ކުރެއްވީ މިއަދުގެ ޖަލްސާ ނިންމާލެއްވި ވާހަކަ އެވެ. އޭރު ގަޑިން 10 ޖަހަނީ އެވެ. އާންމު ގޮތެއްގައި އެއީ މަޖިލިސް ހުސް ވަގުތުކޮޅަކަށްދާ ގަޑި އެވެ. ނަމަވެސް ހުސް ވަގުތުކޮޅަށް ނުގޮސް ޖަލްސާ ނިންމާލެއްވިކަން އަބްދުއްރަހީމް އިއުލާން ކުރެއްވި އެވެ. ދެން ޖަލްސާ ބާއްވާނެ ތާރީހެއް ވެސް އިއުލާނެއް ނުކުރައްވަ އެވެ.
ގުޅުން ހުރި - ތަޅުމުގައި ކުރާނެ އިތުރު މަސައްކަތެއް ނެތް ނަމަވެސް، މިއަދު ތިން ކޮމިޓީ ބައްދަލުވުމެއް ތާވަލްކޮށްފައިވެ އެވެ. އެއީ:
ޖުޑީޝަރީ ކޮމިޓީ: ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ
ހާރިޖީ ގުޅުންތަކުގެ ކޮމިޓީ: ނޮންރެސިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަންކުރައްވަން ރައީސް މިއަދު ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމުގެ މައްސަލަ
ހިއުމަން ރައިޓްސް ކޮމިޓީ: ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ 'ހާލު ކިހިނެއް' ޕްރޮގްރާމްއާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރެއްވުން
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ވެސް މާ ބޮޑު މަސައްކަތެއް ނެތުމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި އެހެން ވަނީ ސަރުކާރުން ހުށަހަޅަން ބުނެފައިވާ ބިލުތައް ބަރާބަރަށް މަޖިލީހަށް ހުށަނާޅާތީ އެވެ. ޕީއެންސީގެ މެންބަރުން ވިދާޅުވަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް، ކޮމިޓީތަކުގައި އުފެއްދުންތެރި މަސައްކަތްތަކެއް އޭރު ދިޔައީ ކުރަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ