މަރުވި ކުއްޖާގެ މެސެޖުތައް ހާމަކުރުން 'ގަދަ'އެއް ނޫން، އިހުސާން އިސްތިއުފާ ދޭންޖެހޭ: ޝައްމާން

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި ހުރި 18 އަހަރުގެ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި އޭނާގެ ޒާތީ މައުލޫމާތުތަކެއް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ހާމަކުރުމުން، އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ނުރުހުން ފާޅުކޮށްފިއެވެ. އެ ކުއްޖާއަށް ފުލުހުންގެ ފަރާތުން އެކަށިގެންވާ އެހީތެރިކަން ފޯރުކޮށްނުދޭ ކަމަށް ބުނެ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. އެ ގޮތުން، ފުލުހުންނަށް ގުޅުމުން އެ ކުއްޖާއަށް އެކަށިގެންވާ ގޮތެއްގައި އެހީނުވާކަމުގެ ކަންބޮޑުވުން ބޮޑުވިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި، އެ ކުއްޖާއާއި ފުލުހުންނާ ދެމެދު ދެކެވުނު ވާހަކަތައް ވަރަށް ތަފުސީލީ ގޮތެއްގައި އާންމުކުރެއްވިއެވެ. އެކަމަކު، އެއީ ނަފުސާނީ ގޮތުން ވަރަށް ބަލިކަށި ހާލަތެއްގައި ހުރި ކުއްޖެއްގެ ޒާތީ މައުލޫމާތު އާންމުކުރުން ކަމުގައި ބުނެ، ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަމާ ގުޅިގެން އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރު ވިކްޓިމްގެ ޒާތީ މެސެޖްތައް މީޑިއާއަށް ކިޔާ ދިނުން "ސަޅިއެއް ނޫން އަދި ގަދައެއް ވެސް ނޫން" ކަމަށެވެ. "އެ ކުއްޖާއަކީ ކުށްވެރިއެއް ނޫން، ތިހެން މީޑިއާއަށް އަރާ ބޭޒާރު ކުރާކަށް،" ޝައްމާންގެ ޕޯސްޓުގައި ވިދާޅުވިއެވެ. އޭނާ ވަނީ އެފަދައިން ނަފުސާނީ ގޮންޖެހުންތަކާ ކުރިމަތިލާ އެހެން މީހުންނަށް ވެސް ފުލުހުންނަށް ގުޅަން ނުކެރެނީ މިނިސްޓަރުގެ އެފަދަ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އެހެންވެ، އޭނާ ވަނީ މިނިސްޓަރު އިހުސާންގެ އިސްތިއުފާއަށް ގޮވާލާފައެވެ. އެމްއެންޔޫގެ ދަނާލުގައި 18 އަހަރުގެ ކުއްޖަކު މަރުވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ ކުއްޖާ މަރުވުމުގެ ކުރީގައި ފުލުހުންގެ އެހީތެރިކަމަށް އެދުނެވެ. އެކަމަކު، އެ ކުއްޖާއަށް އެކަށިގެންވާ އެހީތެރިކަމެއް ފޯރުކޮށްނުދޭ ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުކޮށްފައެވެ. ކުއްޖާގެ ޒާތީ މެސެޖުތައް މީޑިއާގައި ހުންނަވައި އިހުސާން އާންމުކުރެއްވީ އެ ތުހުމަތުތަކުން ބަރީއަވުމަށެވެ. އެކަމަކު، އެއީ ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި ސިފަކޮށް ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. https://x.com/ahmedmauruf/status/2047209413828829569 އެ ގޮތުން، އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވެސް ވަނީ އިހުސާންގެ އަމަލުތައް ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ކުއްޖާއަކީ ކުށްވެރިއެއް ނޫން ކަމަށާއި އެއީ ނަފުސާނީ ބަލީގެ ވިކްޓިމްއެއް ކަމަށެވެ. އެހެންވެ، މި ފަދަ ޒާތީ މައުލޫމާތުތައް އާންމުކުރުމުން އެހީތެރިކަމަށް އެދެން މީހުން ޖެހިލުންވާނެ ކަމަށް އޭނާ ވެސް ވިދާޅުވިއެވެ. https://x.com/Midhuamsaud/status/2047191540490199040 މީގެ އިތުރުން، އިޖުތިމާއީ ކަންކަމުގައި ވަރަށް ބޮޑަށް ވަކާލާތުކުރައްވާ މިދުއަމް ސައުދު ވެސް ވަނީ ވިކްޓިމް ސަޕޯޓަށް ގުޅައިގެން ކުއްޖަކު ދެއްކި ވާހަކައެއް ލައިވް ޓީވީގައި މިނިސްޓަރު ވިދާޅުވުމުން ހައިރާންވެފައި ހުރި ކަމަށް ވިދާޅުވެފައެވެ. އޭނާ ވެސް ވަނީ މިއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ސިފަކޮށްފައެވެ. "އެއީ މީހެއްގެ އެންމެ ބަލިކަށި ވަގުތުކޮޅު. އެ ވާހަކަތަކަކީ ރައްކާތެރިކުރެވެންޖެހޭނެ މައުލޫމާތު،" އޭނާ އިނގިރޭސިބަހުން ވިދާޅުވެފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވެސް މާލޭގެ ގެއެއްގެ ބެލްކަނީން ވެއްޓުނު ކުއްޖަކާ ގުޅޭ ގޮތުން އަމާޒުވި ތުހުމަތުތަކަކަށް ރައްދު ދޭން ވެސް އެ ކުއްޖާގެ ޒާތީ މައުލޫމާތުތަކެއް އާންމުކުރުމުން ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. އަދި، މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ކުއްޖަކު ވެއްޓުނު ހާދިސާގައި ވެސް ފުލުހުން އަމަލުކުރި ގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ