ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަލުން އެކުލަވައިލެއްވި ކެބިނެޓުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިނިސްޓްރީތަކުގެ އަދަދު މަދުކުރައްވައި އެކުލަވައިލި މި ކެބިނެޓަށް ރުހުން ދިނުމުގެ ކުރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކޮށްފައެވެ. މަޖިލީހުގެ ތަޅުމުގައި މި ރިޕޯޓަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަދެއްކެވީ ހަމައެކަނި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ކަމަށްވާތީ، އޭނާގެ ވާހަކައަށްފަހު ރިޔާސަތުން ވަނީ ބަހުސް ނިންމަވާލައްވާފައެވެ.
ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަސްއޫލިއްޔަތުތަކަށް ބަދަލު ގެނެސް އައްޔަންކުރި 14 ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީން ނިންމީ ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ތަޅުމުގައި ނެގި ވަކިވަކި ވޯޓުތަކުން ހުރިހާ ވަޒީރުންނަށް ވެސް އަޣުލަބިއްޔަތު ލިބިވަޑައިގަތެވެ. ޕީއެންސީގެ މެންބަރުން ހުރިހާ ވަޒީރުންނަށް ވޯޓު ދެއްވިއިރު، އިދިކޮޅު އެމްޑީޕީން ވަނީ ބައެއް ވަޒީރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދީފައެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދަށް ރުހުން ދިނުމާ ދެކޮޅަށް އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވިއެވެ. މީގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ކްލައިމެޓް މިނިސްޓަރު އަލީ ޝަރީފަށް ރުހުން ދިނުމަށް އެ ޕާޓީގެ ފަސް މެންބަރަކު ދެކޮޅު ހެއްދެވިއެވެ. މި ބަދަލުތައް ގެންނަން ޖެހުނީ ކުރިން ތިއްބެވި 10 ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ބަދަލަކީ ރައްޔިތުންގެ އެދުމާ އެއްގޮތަށް ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ގެނައި ބަދަލެކެވެ. ބައެއް ވުޒާރާތައް އެއްކޮށްލުމަށްފަހު އެކުލަވައިލި މި އާ ކެބިނެޓުގައި މިހާރު ހިމެނިވަޑައިގަންނަވަނީ ބަންޑާރަ ނައިބާއެކު ޖުމްލަ 15 ބޭފުޅުންނެވެ.
ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ