ތަކެތީގެ އަގުތައް އުފުލުމަކީ، ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ނަތީޖާ: ސައީދު
މި ސަރުކާރުގައި ތަކެތީގެ އަގުތައް އުފުލެމުން އަންނަ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އަގުތައް ބޮޑުވާން ފެށީ ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު، "ތަރުޖަމާނާއެކު"ގެ ނަމުގައި ކުރިއަށްގެންދަވާ ޕޮޑްކާސްޓުގައި މިއަދު ވަނީ، އާންމުކޮށް ބޭނުންކުރާ ކިރުދަޅު ފަދަ ތަކެތީގެ އަގު ފާއިތުވި ދެ އަހަރު ތެރޭ ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް ބުނެ މީހުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ފާހަގަކުރައްވައިފައެވެ. ހީނާ އެ ސުވާލު ރަނގަޅަށް މިނިސްޓަރާ ކުރައްވައި ނުނިމެނީސް ސައީދު ވަނީ، އަގުތައް އެގޮތަށް ބޮޑުވީ މި ސަރުކާރުގައި ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފައެވެ. ތަރުކާރީ އާއި މޭވާ ގަންނަން މީހުންތަކެއް ބާޒާރު ގޮޅިއެއް ކައިރީ: ސައީދު ވިދާޅުވީ، ތަކެތީގެ އަގު ބޮޑުވުމުން، ނުފެންނަ ކަމަކަށް ހަދައިގެން، މަސައްކަތެއް ނުކޮށް ތިބޭކަށް ރައީސް ބޭނުންފުޅެއް ނުވާ ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު މާވީ އެގޮތުން، ތަކެތީގެ އަގުތައް މައްޗަށް އަރާކަމުގެ ވާހަކަތައް ދެކެވޭތީ، މިދިޔަ އެމްޑީޕީ ސަރުކާރުގެ ދައުރު ކަމަށްވާ، 2019އިން 2023އާ ހަމައަށް ތަކެތީގެ އަގާ ބެހޭ ގޮތުން ނޫސްތަކުގައި ހުރި ގާތްގަނޑަކަށް ހުރިހާ ސުރުޚީތަކެއް ބެއްލެވި ކަމަށް ސައީދު ވިދާޅުވިއެވެ. "[އެ ސުރުޚީތައް] ބެލިއިރު، އޭރުގެ [ފިނޭންސް] މިނިސްޓަރު އަމީރު ދައްކަވާފައި ހުރި ވާހަކަ. [އިކޮނޮމިކް] މިނިސްޓަރު ފައްޔާޒު ދައްކަވާފައި ހުރި ވާހަކަ. އޭރުގެ ރައީސް ދައްކަވާފައި ހުރި ވާހަކަ. މި ހުރިހާ އެއްޗެއްގައި ވެސް ހުންނަނީ އަންނަ މަހުން އޮރެންޖުގެ އަގު އާދަޔާ ޚިލާފަށް ބޮޑުވާކަން އެނގެޔޭ. ތަކެތީގެ އަގު ބޮޑުވާކަން އެނގެޔޭ. މި ވާހަކަތައް ދައްކަމުން ދިޔައީ،" މިނިސްޓަރު ވިދާޅުވިއެވެ. https://x.com/MvSpokesperson/status/2008056838659752163 އެ ބޭފުޅުން މިހާރު ތަކެތީގެ އަގުގެ ވާހަކަތައް ދައްކަވަނީ، އޭރު ދެއްކެވި ވާހަކަތައް ހަނދާން ނައްތާލައްވައިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތަކެތީގެ އަގު ބޮޑުވީ، ފައިސާ ޗާޕު ކުރުމުން ކަމަށް ސައީދު ވިދާޅުވިއެވެ. ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ލިބުނު އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް، އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕު ކުރަން ނިންމުމުން، އެކަން ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި "އާދޭސްކުރެއްވި" ކަމަށާއި އެ ކަމާ ގުޅިގެން އޭރުގެ ގަވަރުނަރު އަލީ ހާޝިމްއާ ތިން ފަހަރަށް ބައްދަލުކުރަން މަސައްކަތް ކުރެއްވި ކަމަށް, މާވަށު ދާއިރާގެ މެންބަރުކަން ކުރެއްވި ސައީދު ވިދާޅުވިއެވެ. މިނިސްޓަރު ސައީދު: ވިދާޅުވީ، ތަކެތީގެ އަގު ބޮޑުވުމުން، ނުފެންނަ ކަމަކަށް ހަދައިގެން، މަސައްކަތެއް ނުކޮށް ތިބޭކަށް ރައީސް ބޭނުންފުޅު ނުވާ ކަމަށް --- ސަން ފޮޓޯ/ މޫސާ ނަދީމް އޭނާ ވިދާޅުވީ، ވަކި އުފެއްދުންތަކުގެ އަގު ބޮޑުވުމުން ނުވަތަ ތަކެތީގެ އަގު އުފުލޭކަން ނޭނގޭ ކަމަކަށް ހަދައިގެން އެ ކަމަށް ހައްލެއް ގެންނަން މަސައްކަތް ނުކޮށް ތިބުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާ ކަމަށެވެ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅެއް ނުވޭ ވަކި އައިޓަމެއް އަގުބޮޑުވެގެން ދާއިރު، ސަރުކާރަށް އެއީ ނުފެންނަ ކަމެއް ކަމަށް ނީވޭ އަޑެއް ކަމަށް ހަދާފައި މަސައްކަތެއް ނުކޮށް އޮންނާކަށްއިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މި ސަރުކާރުން މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލް ކުރުމަށް އެސްޓީއޯ މެދުވެރިކޮށް ތަކެތި ގެންނަން ނިންމި ކަމަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ، އެސްޓީއޯ އުފައްދައިފައި ވަނީ ވެސް ރައްޔިތުންނަށް އަސާސީ ކަންކަން ކޮށްދޭން ކަމަށެވެ. ރާއްޖޭގެ ބާޒަރުގައި މޭވާއާއި ތަރުކާރީގެ އަގު އުފުލެމުން އަންނަނިކޮށް، ޖުމުލަ 23 ބާވަތެއް އެތެރެކުރަން ނިންމައި، އެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރީ މިދިޔަ ސެޕްޓެންބަރު 10 ގައެވެ. އޭގެ ފަހުން، މިދިޔަ އޮކްޓޫބަރު 15ގައި އެސްޓީއޯއިން ވަނީ އެ ތަކެތި ބާޒާރަށް ނެރެ، ވިއްކަން ފަށާފައެވެ. ފިޔައާއި ކެރެޓާއި ބަރަބޯލާއި އާފަލާއި އޮރެންޖު ހިމެނޭހެން 23 ބާވަތެއްގެ އެ ކުންފުނިން އެތެރެކުރެއެވެ. އެ ބާވަތްތައް މެދުނުކެނޑި އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. https://sun.mv/211180 އެސްޓީއޯއިން ބުނީ، އެ ބާވަތްތަކުގެ އަގު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްފައި ކަމަށެވެ. އެ އަގުތަކަށް އަންނަ ބަދަލުތަކާ އެކު، އެސްޓީއޯއިން ވިއްކާ އަގުތަކަށް ވެސް ބަދަލު ގެންނާނެ ކަމަށާއި އެ ތަކެތީގެ އަގުތައް "އަގު މަގު" ޕޯޓަލް މެދުވެރިކޮށް ބެލޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ