އިންޑިއާ ކަނޑުގައި އެމެރިކާގެ ސަބްމެރިންއަކުން އީރާނުގެ ހަނގުރާމަމަތީ މަނަވަރެއް ފައްތާލުމާ ގުޅިގެން، ކަނޑުމަތިން ސަލާމަތްކުރި އީރާނުގެ 22 ފަޅުވެރިއަކަށް ފަރުވާ ދިނުމަށް ފަހު، ސްރީ ލަންކާގެ ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފި ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފި އެވެ.
މި ފަޅުވެރިންނަކީ މިދިޔަ ބުދަ ދުވަހު ލަންކާގެ ކަނޑުގެ ސަރަހައްދުން ބޭރުގައި އީރާނުގެ އައިއާރުއައިއެސް ދެނާ މަނަވަރު ފައްތާލުމުން، ފުރާނަ ސަލާމަތްކުރާ ކުދި ބޯޓުތަކެއްގައި ތިއްބާ ސަލާމަތްކުރި ބައެކެވެ. އެ މީހުންނަށް ފަރުވާދެމުން ދިޔައީ ލަންކާގެ ދެކުނުގެ ރަށެއް ކަމަށްވާ ގޯލްގައި ހުންނަ ކަރަޕިޓިޔާ ހޮސްޕިޓަލުގަ އެވެ.
ހޮސްޕިޓަލުގެ މެޑިކަލް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އަދިވެސް 10 ފަޅުވެރިއަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ކަނޑުމަތިން ފެނުނު އީރާނުގެ 84 ފަޅުވެރިއެއްގެ ހަށިގަނޑު ވެސް މިހާރު ވަނީ އެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ހޮސްޕިޓަލުން ދޫކޮށްލި ފަޅުވެރިން މިހާރު ވަނީ ގޯލް ޑިސްޓްރިކްޓްގައި ހުރި ބީޗު ރިސޯޓަކަށް ބަދަލުކޮށްފަ އެވެ. ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ހާދިސާއިން ސަލާމަތްވި މީހުންނާ މެދު އަމަލުކުރަމުންދަނީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މިކަމުގައި އެހީތެރިކަން ހޯދުމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްއާ ގުޅައިގެން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، އީރާނުގެ އެހެން އުޅަނދެއް ކަމަށްވާ އައިއާރުއައިއެސް ބުޝެހެރުގެ 219 ފަޅުވެރިންނަށް ވެސް ލަންކާއިން ވަނީ ހިމާޔަތް ދީފަ އެވެ. ފުރަތަމަ މަނަވަރު ފައްތާލުމާ ގުޅިގެން ލަންކާގެ ބަނދަރަކަށް ވަނުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެ އުޅަނދުގެ ފަޅުވެރިން މިހާރު ބައިތިއްބާފައިވަނީ ވެލިސަރަގައި ހުންނަ ލަންކާގެ ނޭވީ ކޭމްޕެއްގަ އެވެ. އިންޖީނުގެ މައްސަލަތަކާއި އިދާރީ ބައެއް ސަބަބުތަކާ ހުރެ، އެ އުޅަނދު ޓްރިންކޮމަލީ ބަނދަރަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ.
މި މައްސަލައިގައި އެމެރިކާގެ ފިއްތުންތަކެއް ލަންކާއަށް ކުރިމަތިވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ކޮލަމްބޯއިން ވަނީ ދޮގުކޮށްފަ އެވެ. ލަންކާ ސަރުކާރުން ބުނީ މިކަމުގައި އަމަލުކުރާނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އެ ގައުމުގެ ދާހިލީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ، އީރާނުގެ ފަޅުވެރިންނާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ ލަންކާ އަމިއްލައަށް ކަމަށާއި މިކަމުގައި ލަންކާގެ މިނިވަންކަމާއި އިސްތިގުލާލަށް އެމެރިކާއިން އިހުތިރާމްކުރާ ކަމަށެވެ.
މީގެ އިތުރުން، އިންޖީނުގެ މައްސަލައެއް ދިމާވި އީރާނުގެ ތިންވަނަ މަނަވަރެއް ކަމަށްވާ އައިއާރުއައިއެސް ލަވަންއަށް އިންސާނީ އެހީތެރިކަމުގެ ދަށުން ކޮޗީ ބަނދަރަށް ވަނުމުގެ ހުއްދަ ދީފައިވާނެ ކަމަށް އިންޑިއާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ، އެއީ އިންސާނިއްޔަތަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އިންޑިއާއިން އަމަލުކުރީ އެ އުސޫލުގެ މަތިން ކަމަށެވެ.
ސަލާމަތްކުރި އީރާނުގެ 22 ފަޅުވެރިއަކު ލަންކާގެ ހޮސްޕިޓަލުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ