އިންތިޚާބުތަކުގެ ވޯޓުލުން ފަށައިފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހަކު ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން މިހާރު ވަނީ ފަށާފައެވެ. މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފެށި ނަމަވެސް، ފުރަތަމަ ކޮޅު ވޯޓުލާ މަރުކަޒުތަކުގެ ކިއޫތަކުން ފެނުނީ މަދު ބަޔެކެވެ.
މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މި އިންތިހާބުތަކުގައި ޖުމުލަ 2,961 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. އެއީ 1,322 ކެންޑިޑޭޓުންނެވެ. އިދިކޮޅު އެމްޑީޕީން 905 ކެންޑިޑޭޓުން ވާދަކުރާއިރު، އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން 9 އަދި ދަ ޑިމޮކްރެޓްސް އިން 8 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ އިތުރުން އަމިއްލަ ގޮތުން 645 ކެންޑިޑޭޓުން ބައިވެރިވެއެވެ. ވަކިވަކި އިންތިހާބުތަކަށް ބަލާއިރު ކައުންސިލްތަކަށް 1,593 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީތަކަށް 1,368 ކެންޑިޑޭޓުން ވާދަކުރެއެވެ.
އިލެކްޝަންސް ކޮމިޝަނުން (އީސީ) ވަނީ މި އިންތިހާބުތަކަށް ބޭނުންވާ 888,845 ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ތައްޔާރުކޮށްފައެވެ. އޭގެ ތެރޭގައި ކައުންސިލް އިންތިހާބަށް 297,959 ކަރުދާހާއި، އަންހެނުންގެ ކޮމިޓީތަކަށް 292,706 ކަރުދާހުގެ އިތުރުން ހިޔާލު ހޯދުމުގެ ވޯޓަށް 298,180 ކަރުދާސް ހިމެނެއެވެ.
ވޯޓުލުމަށްޓަކައި މުޅި ރާއްޖޭގައި 588 މަރުކަޒު ވަނީ ގާއިމްކޮށްފައެވެ. މީގެ ތެރެއިން 347 މަރުކަޒު ހުރީ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައެވެ. ކޮންމެ އިންތިހާބަކަށް ވަކި ފޮއްޓެއް ހާއްސަކޮށްފައިވާއިރު، ފެންނަ ނުފެންނަ ވޯޓަށް ހުދު ކުލައިގެ ލޭބަލް، ކައުންސިލް އިންތިހާބަށް ނޫ ކުލައިގެ ލޭބަލް، އަދި އަންހެނުންގެ ކޮމިޓީތަކަށް ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮށިތައް ބޭނުންކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ