އެންޑްރޮއިޑް ފޯނާއި މެކްއާ ދެމެދު ފައިލް ޝެއާ ކުރެވޭ އެޕެއް ތައާރަފުކޮށްފި

އެންޑްރޮއިޑް ފޯނުތަކާއި މެކް ކޮމްޕިއުޓަރުތަކާ ދެމެދު ވަރަށް ފަސޭހަކަމާއެކު ފައިލްތައް ބަދަލުކޮށްލެވޭނެ އައު އެޕްލިކޭޝަނެއް "ނަތިންގް ވާޕް" ނަމުގައި ނަތިންގް ކުންފުނިން ތައާރަފުކޮށްފިއެވެ. މިއީ އެޕަލްގެ އައިފޯން ބޭނުންކުރާ ފަރާތްތަކަށް މެކް ކޮމްޕިއުޓަރުތަކަށް ފައިލް ފޮނުވުމަށް ބޭނުންކުރާ "އެއާޑްރޮޕް" ފަދަ ލުއިފަސޭހަ ތަޖުރިބާއެއް އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ތައާރަފުކުރި އެޕެކެވެ. ލަންޑަނުގެ "ނަތިންގް" ކުންފުނިން ހާމަކުރި ގޮތުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް މެކްގެ އިތުރުން ވިންޑޯޒް އަދި ލިނަކްސް ސިސްޓަމްތަކަށް ވެސް ފޮޓޯ، ވީޑިއޯ، ލިންކް އަދި ކްލިޕްބޯޑް ޓެކްސްޓް ފަދަ ތަކެތި ފަސޭހައިން ފޮނުވޭނެއެވެ. މި ނިޒާމު މަސައްކަތް ކުރަނީ ފޯނުގައި އިންނަ އެޕަކާއި، ކޮމްޕިއުޓަރުގެ ބްރައުޒާއަށް އިތުރުކޮށްލެވޭ އެކްސްޓެންޝަނެއްގެ އެހީގައެވެ. https://sun.mv/220020 މި އެޕްލިކޭޝަންގައި ފައިލްތައް އެއް ޑިވައިސްއިން އަނެއް ޑިވައިސްއަށް ދަތުރުކުރަނީ ބޭނުންކުރާ ފަރާތުގެ އަމިއްލަ ގޫގުލް ޑްރައިވް މެދުވެރިކޮށެވެ. ނަތިންގް ކުންފުނިން ބުނާގޮތުގައި، ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބަދަލުކުރެވޭ އެއްވެސް ފައިލެއް ނުވަތަ ލިންކެއް އެ ކުންފުނީގެ ސާވާތަކުގައި ރައްކައެއް ނުކުރާނެއެވެ. އަދި މި ޚިދުމަތް ބޭނުންކޮށްގެން ފޯނުން ކޮމްޕިއުޓަރަށް ފޮނުވުމުގެ އިތުރުން، ކޮމްޕިއުޓަރުން ފޯނަށް ވެސް ފައިލް ފޮނުވޭނެއެވެ. މި އެޕްލިކޭޝަން ބޭނުންކުރަން ފެށުމުން، ފޯނުން ފައިލެއް ފޮނުވުމަށްޓަކައި "ޝެއާ" ބަޓަނަށް ފިއްތާލުމަށްފަހު "ނަތިންގް ވާޕް" އިޚްތިޔާރު ކުރުމުން ކޮމްޕިއުޓަރުގެ ބްރައުޒާއަށް އެ ފައިލް ލިބޭނެއެވެ. ހަމައެގޮތަށް ކޮމްޕިއުޓަރުން ފައިލެއް ފޮނުވުމަށް، ބްރައުޒާގެ އެކްސްޓެންޝަނަށް ފައިލް އަޕްލޯޑް ކޮށްލުމުން ފޯނަށް އެ ފައިލް ލިބޭނެއެވެ. "ނަތިންގް ވާޕް" އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މީގެ ބްރައުޒާ އެކްސްޓެންޝަން ކްރޯމް ވެބް ސްޓޯރުން ލިބެން ހުންނާނެއެވެ. މި އެކްސްޓެންޝަން ގޫގުލް ކްރޯމްގެ އިތުރުން ކްރޯމިއަމް ބޭސްޑް އެހެން ބްރައުޒާތަކުގައިވެސް ބޭނުންކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ