ޔާމީންއާ ގުޅިގެން މަސައްކަތް ކުރަން އެމްޑީޕީ އޮތީ ތައްޔާރަށް: ސޯލިހާއި ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، އެ މަނިކުފާނާއެކު މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.އެމްޑީޕީގެ ރިޔާސީ ޓިކެޓާއި އެ ނޫން ވެސް ހިޔާލުތަފާތުވެފައިވާ ކަންކަމުގައި ވާހަކަ ދައްކަވަން ސޯލިހާއި ނަޝީދު މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ. ސޯލިހު އާއި ނަޝީދު ބައްދަލުކުރައްވަން ނިންމަވާފައި މި ވަނީ، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕާޓީ ދެފަޅިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދައިގެން ސިޔާސީ މަސައްކަތްތަކެއް ކުރެއްވުމަށްފަހު ނަޝީދު އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނިކޮށެވެ.އެ ބައްދަލުވުމަށް ފަހު ދެ ބޭފުޅުން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި، ޕާޓީގެ ބައެއް ކަންތައްތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.އެ ބައްދަލުވުމުގައި ސޯލިހު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމުގައި އެމްޑީޕީއިން ކުރާ މަސައްކަތްތަކުގައި އެމަނިކުފާނާއި ނަޝީދުގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް، އިތުރު މަސައްކަތްތަކެއް ވެސް ކުރަން ނިންމާފައިވާ ކަމަށެވެ."އޭގެ ތެރޭގައި އިތުރަށް އަޅުގަނޑުމެންނާ އެކީ މަސައްކަތް ކުރެވޭނެ ފަރާތްތަކެއް އެބަހުރި. އެއީ މިސާލަކަށް އަޅުގަނނޑުމެން ނޫނަސް ކުރިން ރައީސްކަން ކުރެއްވި ބޭފުޅުން އެބަތިއްބެވި. އެ ބޭފުޅުންނާ އެކީ ވެސް މި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުން،" ސޯލިހު ވިދާޅުވި އެވެ."ޔާމީންއާ އެކީގައި ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ،" ސޯލިހު ވިދާޅުވި އެވެ."ރައީސް މައުމޫންގެ އަރިހުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރިން ނޫންތޯ،" ސޯލިހުގެ ވާހަކަފުޅަށް ތާއީދުކުރައްވައި، ނަޝީދު ވިދާޅުވި އެވެ.މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދާއި ސޯލިހު ވެސް ވަނީ، ރިޔާސީ އިންތިހާބުގެ ކެންޑިޑެސީގެ ވާހަކަ ދެއްކުން މިވަގުތަށް މަޑުޖައްސާލައިފައި ބާއްވަން ދެ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ