ޢާއިޝަތު ރަފާޙް ޢަލީ
އިސްލާމީ އުސޫލްތައް އަށަގަންނެވުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތަކެއްވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަން ލިޔެލާނަމެވެ.
· ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވުން: އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ނިޢުމަތަކީ ﷲ ގެ ޙަޟްރަތުން ލިބޭ އިނާމެކެވެ. އެހެންކަމުން، އެ ނިޢުމަތްތަކުގެ ބޭނުން ހިފަންވާނީ އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައެވެ. އަދި އެ ނިޢުމަތްތަކަށް އެކަށީގެންވާ ގޮތުގައި ޝުކުރުވެރިވާންޖެހެއެވެ.
· އިސްލާމީ އަދަބުތައް ހިފެހެއްޓުން: ކައިވެނިފަދަ އުފާވެރި މުނާސަބަތުތަކުގައި ވެސް އިސްލާމީ އަދަބުތަކާއި އުސޫލުތައް ހިފަހައްޓަންޖެހެއެވެ. ﷲއަށް އުރެދުމުގެ ބަދަލުގައި، އެކަލާނގެއަށް ޝުކުރުވެރިވެ، އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި އުފާ ފާޅުކުރަންޖެހެއެވެ.
· އަމިއްލަ ނަފްސު އިޞްލާޙުކުރުން:ކ ޮންމެ މީހަކުވެސް އަމިއްލަ ނަފްސު އިޞްލާޙުކޮށް، އިސްލާމްދީނުގެ ތަޢުލީމުތައް ދިރިއުޅުމުގައި ތަޠްބީޤުކުރުމަށް މަސައްކަތްކުރަންވާނެއެވެ. އަދި މުޖުތަމަޢު އިސްލާމީ އަޚްލާޤާއި އާދަކާދަތަކުން ޒީނަތްތެރިކުރުމަށް މަސައްކަތްކުރަންވާނެއެވެ.
· ﷲގެ ޤުދުރަތްތެރިކަމަށް އީމާންވުން: ﷲ ގެ ޤުދުރަތްތެރިކަމާމެދު ޝައްކުނުކޮށް، އަޅުގަނޑުމެންގެ ދުޢާތަކުގައި އަބަދުވެސް އުއްމީދާއެކު އެދެންވާނެއެވެ. އުނދަގޫ ކަމަށް ފެންނަ ކަންކަން ވެސް ﷲގެ އިރާދަފުޅާއެކު ފަސޭހަވެގެންދާނެކަން ޔަޤީންކުރަންވާނެއެވެ.
· ތަރުބިއްޔަތުގެ މުހިންމުކަން: ކުޑައިރުއްސުރެ ކުދިންނަށް އިސްލާމީ އަޚްލާޤާއި އާދަކާދަތައް ދަސްކޮށްދީ، އެ ކަންކަމުގެ މުހިންމުކަން އަންގައިދިނުމަކީ މައިންބަފައިންނާއި ތަޢުލީމީ މުއައްސަސާތަކުގެ ޒިންމާއެކެވެ.
· ދުޢާގެ މުހިންމުކަން: އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދުޢާގެ މުހިންމުކަން ވަރަށް ބޮޑެވެ. ކޮންމެ ޙާލަތެއްގައިވެސް އަޅުގަނޑުމެންގެ ދުޢާތައް ﷲ އަށް ކުރުމަކީ މުއުމިނުންގެ ސިފައެކެވެ. އެހެންނަމަވެސް، ދުޢާއާއެކު އަމަލުވެސް ކުރަންޖެހެއެވެ. މިސާލަކަށް، ރަނގަޅު އަނބިމީހަކު ނުވަތަ ފިރިމީހަކު ލިބުމަށް އެދި ދުޢާކުރާއިރު، އަޅުގަނޑުމެން އަމިއްލައަށްވެސް ރަނގަޅު އަނބިމީހަކު ނުވަތަ ފިރިމީހަކަށް ވުމަށް މަސައްކަތްކުރަންވާނެއެވެ.
· ކެތްތެރިކަމުގެ މުހިންމުކަން: އަޅުގަނޑުމެންގެ ޙަޔާތުގައި ދިމާވާ ކޮންމެ ގޮންޖެހުމަކީ ﷲގެ ޙިކުމަތްތެރިކަމުން އަޅުގަނޑުމެންނަށް ދެއްވާ އިމްތިޙާނެއް ކަމުގައި ދެކެންވާނެއެވެ. މި އިމްތިޙާނުތަކުން ފާސްވުމަށްޓަކައި އަޅުގަނޑުމެން ކެތްތެރިވެ، ﷲގެ ރަޙުމަތަށް އުއްމީދުކުރަންވާނެއެވެ. ކެތްތެރިކަމަކީ އީމާންތެރި މުއުމިނުންގެ ސިފައެކެވެ.
· ތިމާއަށްވީވަރަކުން މުޖުތަމަޢުގެ އިޞްލާޙުކުރުމަށް މަސައްކަތްކުރުން: އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފެންނަމުންދާ ނޭދެވޭ ކަންތައްތައް އިޞްލާޙުކުރުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރަންވާނެއެވެ. މިކަމުގައި އަމުރު ބިލްމަޢުރޫފް އަދި ނަހީ ޢަނިލްމުންކަރުގެ އުސޫލު ގެންގުޅެންވާނެއެވެ. ހެޔޮކަންތައްތަކަށް ގޮވާލައި، ނުބައި ކަންތައްތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވާންވާނެއެވެ.
· ޢިލްމުގެ މުހިންމުކަން: އިސްލާމްދީނުގައި ޢިލްމު އުނގެނުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް އިސްލާމްދީނުގެ އަސާސްތަކާއި އުސޫލުތައް ރަނގަޅަށް ދަސްކޮށް، އެއާ އެއްގޮތަށް ޢަމަލުކުރަން މަސައްކަތްކުރަންވާނެއެވެ.
· އަމާނާތްތެރިކަން:އަމާނާތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށް މުހިންމު ސިފައެކެވެ. އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމުގައާއި، މުޖުތަމަޢުގެ ކަންކަމުގައި އަމާނާތްތެރިކަމާއެކު ޢަމަލުކުރަންވާނެއެވެ. މިއީ މުޖުތަމަޢުގެ އިތުބާރު ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.
ނިންމާލަމުން ދަންނަވާނީ، އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށް ސުވާލުކޮށް، އަޅުގަނޑުމެންގެ ދިރިއުޅުން އިސްލާޙުކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އަދި އަޅުގަނޑުމެންގެ ޢާއިލާތަކާއި މުޖުތަމަޢު އިސްލާމީ އަޚްލާޤާއި އާދަކާދަތަކުން ޒީނަތްތެރިކުރުމަށް މަސައްކަތްކުރަންވާނެއެވެ.
އިސްލާމީ އުސޫލުތަކާއި އަޚްލާޤީ މިންގަނޑުތައް އަޅުގަނޑުމެންގެ ދިރިއުޅުމުގައި ތަޠްބީޤުކުރުމުގެ މުހިންމުކަން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ