ވައްކަންކުރި ކަމަށް ތުހުމަތުވާ މީހާއަށް އަނިޔާކޮށް މޫދަށް އެއްލާލުމަކީ ލާއިންސާނީ އަމަލެއް: އެޗްއާރްސީއެމް
ވައްކަންކުރި ކަމަށް ތުހުމަތުވާ މީހާއަށް އަނިޔާކޮށް މޫދަށް އެއްލާލުމަކީ ލާއިންސާނީ އަދި ނާތަހުޒީބު އަމަލެއް ކަމަށާއި، އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ. ވައްކަމުގެ ތުހުމަތުކޮށް، މީހަކު މޫދަށް އެއްލައިލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ދަނޑިވަޅުގައި އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ވައްކަންކުރި ކަމަށް ތުހުމަތުވާ މީހާއަށް އަނިޔާކުރުމަކީ ލާއިންސާނީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވީޑިއޯ ދައުރުނުކުރުމަށް ވަނީ އެދިފައެވެ. އެޗްއާރުސީއެމުން ބުނީ، ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމަށް ބެލުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ. އަމިއްލައަށް އިންސާފު ގާއިމްކުރަން އުޅުމުގެ ސަބަބުން ގާނޫނުގެ ބާރު ކެނޑި، ބަދަލުހިފުމުގެ ރޫހު އުފެދިގެން ދާނެ ކަމަށާއި، އެފަދަ ވީޑިއޯތައް ދައުރުކުރުމުގެ ސަބަބުން އެފަދަ އަމަލުތަކަށް މުޖުތަމައު ހޭނި، އިންސާނީ ހަމްދަރުދީ ކެނޑިގެން ދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ބެލުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލައިފައެވެ. ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ އެ ވީޑިއޯގައި ފެންނަނީ އަނިޔާވެރިކޮށް މީހަކު ބިންމަތީގައި ދަމާފައި ގެންގޮސް، މޫދަށް އެއްލާލި މަންޒަރެވެ. އެގޮތުން، ގިނަ ބަޔަކު ތިބި ސަރަހައްދެއްގައި ފިރިހެނަކު ބިންމައްޗަށް ވައްޓާލައިގެން ބިންމަތީގައި ދަމާފައި ގެންދާ މަންޒަރު ފެނެއެވެ. https://sun.mv/215767 ހަމައެކަނި ޖިންސެއް ލައިގެން އެ މީހާ އޮތްއިރު، ގަން ބޫޓަކަށް އަރައިގެން ހުރި މީހަކު ދަމާފައި ގެންދާ މީހާގެ އަތް މައްޗަށް އަރައެވެ. ދެން ފެންނަނީ އޭނާ ބިންމަތީ ދަމާފައި ގެންގޮސް މޫދަށް އެއްލައިލާ މަންޒަރެވެ. މޫދަށް އެއްލައިލި މީހާއާ އިތުރު މީހަކާ ދެމެދު ވާހަކަތަކެއް ދައްކާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ. އެކަމަކު، ވީޑިއޯގެ އަޑު ނެތުމުން ދައްކަނީ ކޮން ވާހަކަތަކެއް ކަމެއް ނޭނގެއެވެ. މި ވީޑިއޯ އާންމުކުރި މީހާ ބުނެފައިވާ ގޮތުގައި، މޫދަށް އެއްލާލި މީހާއަށް ކުރެވެނީ ވައްކަމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ފުލުހުން ބުނީ، އެ މައްސަލަ ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، އެ ކަން ފުލުހުންގެ ސަމާލު ކަމަށް އައުމާ އެއްކޮށް، ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ