ޢިބްރަތްތެރި ވާހަކަ: ހަރުކަށިކަން ދައްކައި ބިރުގަންނަވަމުން މަންމައަކު ދަރިފުޅު ތަރުބިއްޔަތުކުރި ސަބަބު ބުނެދިނުމުން ޙައިރާންވާންޖެހުނު ޙާދިސާއެއްގެ ވާހަކަ-

ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިން ބޭނުންކުރާ އުކުޅުތައް ވަރަށްތަފާތުވާނެއެވެ. ސަބަބު އޮންނާނީ ސިއްރުކޮށްފައެވެ. މައިންބަފައިން ކުރާ ކަންކަމަށް ގިނަފަހަރު ނަފްރަތުކުރެވެނީ އެސިއްރުތައް ނުވިސްނޭތީއެވެ.
މިމައްސަލައަކީ ބައެއްފަހަރު ވަރަށް ހޫނުގަދަވާ މައްސަލައަކަށްވާތީ މިގެނެސްދެނީ ވަރަށް ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެވެ. ބުއްދިވެރި، ޙިކުމަތްތެރި މަންމައެއްގެ ވާހަކައެވެ. 
އަޅުގަނޑުގެ ބައްޕައަކީ ވަރަށް މަޑުމައިތިރި މީހެކެވެ. މަންމައަކީ ވަރަށް ހަރުކަށި އަންހެނެކެވެ. އެހެންވެ އަބަދުވެސް ހުންނަން ޖެހުނީ މަންމަދެކެ ވަރަށް ބިރުންނެވެ. ކޮންމެކަމެއް މެދުވެރިވިނަމަވެސް ބުނެވެނީ ބައްޕަގެ ގާތުގައެވެ. މަންމަގެ ގާތުގައި ބުނުމުން ބުނެފާނެ ބަހަކަށް ބިރުގަންނަވަރުން ބުނަން ނުކެރެނީއެވެ. އެހެންކަމާއިއެކުވެސް މަންމައަކީ ހެޔޮވުމުގައި ނަމޫނާ މަންމައެކެވެ. 
މިފަދަ ގޮތަކަށް ދުވަސްތަކާއި އަހަރުތައް ފާއިތުވަމުން ގޮސް ކައިވެނިކުރާ ޢުމުރަށް އެޅުމުން ކައިވެނިކުރީމެވެ. އަނބިމީހާ ގެއަށް ގެނައުމުން އަނބިމީހާ އާއިމެދު މަންމަ އެހައި ހަރުކަށްޓެއް ނޫނެވެ. ވާހަކަދައްކަނީވެސް ވަރަށް ލޯބިންނެވެ. ވަރަށް ތަފާތުކޮށެވެ. އެކަމަކު އެޢިނާޔަތް އަޅުގަނޑަކަށް ނުލިބެއެވެ. 
ކޮންމެއަކަސް ކައިވެންޏަށް 2 ވަނަ މަހު އަޅުގަނޑުގެ އަނބިމީހާ ބަލިވެއިނދެއްޖެއެވެ. އެކަން އެނގުމުންވެސް ފުރަތަމަ ބުނެވުނީ ބައްޕަގެ ގާތުގައެވެ. އެކަމަކު ފުރަތަމަ ބުނަންޖެހޭނީ މަންމަ ގެ ގާތުގައިކަން ވިސްނެއެވެ. އެހެންވެ ވަރަށް ބިރުންހުރެ ގޮސް މަންމަގެ ގާތުގައި އެވާހަކަ ބުނީމެވެ. ބުނީ މަންމަ ސިޓިންގ ރޫމްގައި އިންދައި ދެމަފިރިން އެކުގައި ގޮހެވެ. 
އެއަޑު އިވުމާއިއެކު ފުންމައިގެން ތެދުވެ އަނބިމީހާގެ ގައިގައި އޮޅުލައިގެންފިއެވެ. ފިރުމަން ފަށައިފިއެވެ. އަދި އެވަޤުތުން ފެށިގެން އަޅުގަނޑާއިމެދު ގެންގުޅުނު ހަރުކަށިކަން ދޫކޮށްލައިފިއެވެ. މުޅިން އެހެން މަންމައަކަށް ބަދަލުވެއްޖެއެވެ.
އެއްރެއަކު ދެމަފިރިން ކާންތިބެގެން (މަންމަ އެތަނުގައި ނެތްކަމަށް ބަލައި) މަންމައަށް އައި ބަދަލުގެ ވާހަކަ ދެއްކީމެވެ. މިބޮޑު ބަދަލު މިއައި ސަބަބަކީ ކޮބައިކަން ނުއެނގުނު ވާހަކަ އަނބިމީހާގެ ގާތުގައި ބުނިތަނާ ހެވިފައި އިނދެގެން މޭޒުގައި އިށީނދެއްޖެއެވެ. މަންމަ އިށީނުމުން ބައްޕަވެސް އައިސް އިށީނެވެ.
މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! ކިތަންމެ ސިއްރުން ދެއްކި ނަމަވެސް ދަރިފުޅު ދެއްކި ވާހަކަ އަޑު އިވިއްޖެއެވެ. އެހެންވެ މިކިޔައިދެނީއެވެ. ދަރިފުޅާއިމެދު ހަރުކަށިކަން ދައްކައިގެން މިހުރިހާ ދުވަހު މިއުޅުނީ އެކަން އެގޮތަށް ދައްކަން އެއްގޮތަކަށްވެސް ބޭނުންވެގެންނެއް ނޫނެވެ. ބައްޕަގެ މަޑުމައިތިރިކަން ބޮޑުވުމުން ދަރިފުޅު ތަރުބިއްޔަތުކުރުމަށްޓަކައި ބައްޕަ އަދާކުރަންޖެހޭ ދައުރު އަދާކުރަން މަންމައަށް މަޖުބޫރުވީއެވެ.
އެކަމަށް މާފަކަށް ނުއެދޭނަމެވެ. ސަބަބަކީ ދަރިފުޅު ތިއަގޮތުގައި ތަރުބިއްޔަތުކުރެވިފައި ތިއަހުރީ މަންމަ އެގޮތަށް އެކަންކުރީތީއެވެ. ދެން ބުނަން ބޭނުންވަނީ ކައިވެނިކުރުމުންވެސް ހަރުކަށިވެފައި ދަރިއަކު ލިބެން އުޅޭކަން އެނގުމުން މަންމަގެ ސިފަ ބަދަލުކުރި ސަބަބެވެ. ކައިވެނިކުރުމުންވެސް ހަރުކަށިކަން ދެއްކީ ފަހަރެއްގައިވެސް ކައިވެނި ރޫޅާލަން ދަރިފުޅު އުޅެފާނެތީ މަންމަދެކެ ބިރުން ނަމަވެސް އެކަން ނުކުރޭތޯ ބަލަންވެގެންނެވެ. ދަރިއަކު ލިބެން އުޅޭކަން އެނގުމުން އެސިފަ ބަދަލުކުރީ ދަރިފުޅުގެ ސިފަތައް މަންމައަށް އެނގޭތީއެވެ. ދަރިއަކު ލިބުމުން ދަރިފުޅު ކުށްވެރިވާ ގޮތަށް ކައިވެނި ރޫޅާނުލާނެކަމުގެ ޔަޤީންކަން މަންމައަށް އޮންނާތީއެވެ. 
ނުއެނގިގެން އުޅުނު ކަންކަން މިހާރު އެނގިއްޖެ ނޫންހެއްޔެވެ؟ އުފަލުގައި ދެދަރިންވެސް ތިބޭށެވެ! މަންމަގެ ހެޔޮ ދުއާ އާއި ހިތްހެޔޮކަން އަބަދުވެސް ދެދަރިންނަށް އޮންނާނެއެވެ! ނަމަނަމަ ދުވަހަކުވެސް ދެދަރިން ވަކިވެގެންނުވާނެއެވެ! މަންމަ ދުނިޔެއިން މޮޔަވެސްވެދާނެއެވެ! އެވަރުގެ ބޮޑު ދެރައެއް މަންމައަށް ނުދޭނެކަމަށް ޔަޤީންކުރަމެވެ." 
ކޮންމެއަކަސް މިހާރު އަޅުގަނޑުމެންގެ ކައިވެންޏަށް 15 އަހަރުވެއްޖެއެވެ. 4 ދަރިންވެސް އެބަތިއްބެވެ. މަންމަގެ ހެޔޮކަމުގެ ވާހަކަ ބަޔާންކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ! އެހަރުކަށި މަންމަވަރުގެ އޯގާތެރި މަންމައަކު ހަމަ ވަރަށް މަދުވާނެއެވެ! 
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މައިމީހާ ހެޔޮނަމަ މައިންގެ ބޭރުފުށުން ފެންނަ ބައެއް ކަންކަމަށް ކަންބޮޑުވެ މައިންނަށް ނަފްރަތުކުރާށެވެ! އެކަމުގެ ޙިކުމަތް ދެނެގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއީ ހަމަ ދަރިންނަށް ފައިދާއަކަށްޓަކައި ބޭރުފުށުން ދައްކައިލާ ކަމަކަށްވުން އޮންނާނީ ދާދި ގާތުގައެވެ.
 
- މަޢްޞޫމް / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ