ވިދިވިދިގެން ދެފަހަރު ބަލިވެ އިނދެ ދަރިފުޅު ވެއްޓުމުންވެސް އެއްވެސް ވަރަކަށް ކަންބޮޑުނުވެ ކެތްތެރިވި އަންހެނަކު އެންމެ ބޮޑަށް ހިނިތުންވެ އޮވެގެން ކައްވަޅަށް ދިއަ ގޮތުގެ ވާހަކަ-

ތަޤްވާވެރިވުމުގަ އެންމެ މަތީ ދަރަޖައަށް ދެވުމަކީ ސުވަރުގެ ޔަޤީންވާނެ ކަމެކެވެ. އިން ޝާ ﷲ. މިއަންހެނާ ފަދައިން ތަޤްވާވެރިވެވިއްޖެނަމަ އެއޮތީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖައަށް ދެވިފައެވެ. މިއީ ވަރަށް ފައިދާކުރާނެ ޙާދިސާއެއްގެ ވާހަކައެވެ. އިން ޝާ ﷲ 
އޭނާއަކީ ވިދިވިދިގެން ދެފަހަރު ބަލިވެ އިނދެ ވިހަން ނުލިބި، ދަރިފުޅު ވެއްޓުމުން (ބައިގެންދިއުމުން) ވެސް އެއްވެސް ވަރަކަށް ކަންބޮޑުނުވެ ކެތްތެރިވި އަންހެނެކެވެ. ކަންބޮޑުނުވާކަމަށް މިބުނަނީ އެކަމާއި ޝަކުވާގެ އެއްވެސް ބަހެއް ނުބުނާ ވާހަކައެވެ. ﷲ ތަޢާލާގެ މިންވަރުފުޅަށް ރުހި ޤަބޫލުވެގެން ހުރި ވާހަކައެވެ.
މިވާހަކަ މިގޮތަށް ބުނެލަން ވަރަށް ފަސޭހަވެދާނެއެވެ. މިފަދަ ޙާލަތެއް ދިމާވުމުން މާޔޫސްވެވޭ މިންވަރާއި ހިތްދަތިވާވަރު އިޙްޞާޞް ކުރެވޭނީވެސް އެފަދަ ޙާލަތެއް ކުރިމަތިވުމުންނެވެ. މިއީ ކޮންމެ ކޮންމެ މީހަކަށް އެހައި ފަސޭހައިން ކެތްކުރެވޭނެ ޙާލަތެއް ނޫނެވެ. ތަޤްވާވެރިކަން އެންމެ މަތީ ދަރަޖައިގައި ނެތްނަމަ މިފަދަ ޙާލަތެއްގައި ކެތްތެރިވުން ވާނީ ވަރަށް ދަތި އަދި އުނދަގޫ ކަމަކަށެވެ. 
ކޮންމެއަކަސް މިހާލަތުގައި ވެސް އޭނާ ކެތްތެރިވެގެން ހުއްޓައި ދެން ޖެހުނީ އެއަށްވުރެ މާބޮޑު ކަމެކެވެ. ސްޓްރޯކެއް ޖެހިފައި އެއްފަޅި ވާގިދިއައީއެވެ. ހިނގައި ނުއުޅެވޭވަރުވީއެވެ. އެޙާލަތުގައިވެސް އޭނާ ޝަކުވާގެ އެންމެ ބަހެއްވެސް ނުބުނެއެވެ. ކެތްތެރިވީއެވެ. މިއީވެސް ހަމަ ﷲ ތަޢާލާ މިންވަރުކުރެއްވެވި ޙާލަތުކަމަށް ޤަބޫލުކޮށް ޝުކުރުވެރިވީއެވެ. 
އެޙާލަތުގައި އެނދުމަތިވެފައި އޮއްވައި ޙާލު ބޮޑުވެ ނިޔައުވީއެވެ. ނިޔައުމުން ހިނެވުމުގެ ކަންކަން  ނިންމައި ކަފުންކުރިއިރުވެސް މޫނުމަތީގައި އުޖާލާކަމެއް ހުއްޓެވެ. އެންމެ ބޮޑު ތަފާތެއް ފެނުނީ ވަޅުލަން ވަޅަށް ތިރިކުރުމުގެ ކުރިން އޭނާގެ ދަރިއަކު މަންމަގެ މޫނުދެކެން ބޭނުންވެގެން މޫނުން ކަފުން ނެގުމުންނެވެ. ދަރިފުޅު ބުނީ އެއިރު މަންމަ އޮތީ މީހަކު އެންމެ ބޮޑަށް ހިނިތުންވާނެ މިންވަރަށް ހިނިތުންވެ އުފަލުން ފުރިގެންކަން މޫނުމަތިން ފެނުނު ކަމަށެވެ.   
ދަރިފުޅު އޭނާގެ މަންމަގެ ވާހަކަކިޔައިދެމުން ފަހުން ބުނެފައިވެއެވެ. "މަންމައަކީ ބަސްމަދު އަންހެނެކެވެ. އެންމެންނަށްވެސް ވަރަށް ހިތްހެޔޮ އަންހެނެކެވެ. އެއްވެސް ކަމެއް ކޮށްނުދީގެން ނުވަތަ ނުވެގެން އެއްވެސް މީހަކާއި އެއްވެސް ވަރަކަށް ދުވަހަކުވެސް ޝަކުވާއެއް ނުކުރާނެއެވެ. ބަރާބަރަށް ނަމާދުތައް ކުރާނެއެވެ." 
ކުރިންވެސް ބުނާފަދައިން އެއްވެސް މީހެއްގެ ކިބައިން ފެންނަ އެއްވެސް ޢަލާމާތަކާއި ގުޅިގެން އޭނާއަކީ ސުވަރުގެވަންތަވެރިއެއްކަމަށް ނުވަތަ ނަރަކައަށް ވަންނަން ޖެހޭނެ މީހަކު ކަމަކަށް ނުބުނެވޭނެއެވެ. ނަމަވެސް ލޯތަކަށް ﷲ ތަޢާލާ ދައްކަވާ މިފަދަ ކަންކަމުން އެމީހާވަނީ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުގައިކަމަށް އުންމީދުކުރުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. 
އަދިވެސް ވިސްނައިލާށެވެ! އޭނާ ކަފުންކުރިފަހުން މޫނަށް އައިބަދަލު އެފެނުނީ މީސްތަކުންނަށް ޢިބްރަތަކަށްޓަކައި ﷲ ތަޢާލާ ދެއްކެވުމުންނެވެ. ކަފުން ކުރުމަށްފަހު އަލުން މޫނުނަގައި މޫނުބެލުމަކީ ޢާންމު ގޮތެއްގައި ކޮށްއުޅޭ ކަންކަމެއް ނޫނެވެ. ނަމަވެސް އޭނާގެ ހިނިތުންވެފައިވާ މޫޏު ދައްކަވަން އިރާދަކުރެއްވެވުމުން އެކަން ހިނގައިދިއައީއެވެ. 
މިހުންނަނީ ޢިބްރަތް ޙާޞިލްކުރަންޖެހޭނެ ކަންކަމެވެ. ﷲ ތަޢާލާ ދައްކަޥާ މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލްނުކުރެވޭނަމަ އަހުރެމެންނަށް ދެއްވަވާފައިވާ ބުދިން ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ 
ގަދައަޅައި މަސައްކަތް ކުރަންވީ އޭނާފަދަ އަންހެނަކަށް ވެވޭތޯއެވެ. އެފަދަ ތަޤްވާވެރިކަމާއި ކެތްތެރިކަން ހުރި މީހަކަށް ވެވޭތޯއެވެ.
 
- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ