ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ވެސް މުސާރަ ދެވޭނެ އިންތިޒާމު، އަންނަ އަހަރު ހަމަޖެހިގެންދާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ގައުމީ އެތުލީޓުންނަށް މުސާރަ ދޭ އުސޫލުގެ ތެރެއިން ފުޓްސަލް ގައުމީ ޓީމުގެ ކުޅުންތެރިންނަށްވެސް މުސާރަ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ލީގު ފެށި މުބާރާތްތައް ކުރިއަށްދާން ފެށުމާއެކު، މި ބަދަލުތައް ގެންނަން ފަސޭހަވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ރާފިއު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ވެސް މުސާރަ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. "އަޅުގަނޑުމެންނަށް މި އަހަރު ބަޖެޓު ހަދާއިރުގައި އަންނަ އަހަރު ބަޖެޓަށް ލައިގެން މުސާރައިގެ ކަންތައް ކުރިއަށް ގެންދެވޭނެ މަގުފަހިވެގެންދާނެ އަދި ހަމައެއާއެކު ފުޓްސަލް ކުޅުންތެރިންނަށް އިންޝުއަރެންސް ވެސް ހަމަޖެހިގެންދާނެ ވާހަކަ ދަންނަވާލަން،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ގައުމީ އެތުލީޓުންނަށް ދޭން ނިންމާފައިވާ ހެލްތު އިންޝުއަރެންސް، ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ވެސް ލިބޭނެ މަގު ފަހިކޮށްދެއްވުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ވަޒީރު ހާމަކުރެއްވިއެވެ. މިއީ ރާއްޖޭގެ ފުޓްސަލް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ގައުމީ ފުޓްސަލް ލީގެއް މި އަހަރުގެ ތެރޭގައި ފެށުމަށް އެފްއޭއެމް އިން ވަނީ ތާވަލުކޮށްފައެވެ. މި ލީގާއެކު ކުޅުންތެރިންގެ ފެންވަރު މަތިވެ، ގައުމީ ޓީމަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
އަންނަ އަހަރުން ފެށިގެން ގައުމީ ފުޓްސަލް ޓީމަށް މުސާރަ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ