ޝިޔާމަށް 12 އަހަރު މުސާރަ ދޭން އޮތް ހުކުމުގެ ބައި އިސްތިއުނާފްކުރަނީ

މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ މުސާރަ އާއި އިނާޔަތުގެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ނިންމައިފި އެވެ.
ވީކިހިނެއް؟ - 2014 ވަނަ އަހަރު އޭނާ ވަކިކުރަނީ، ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިގެނެވެ.
މި މައްސަލަ ސިވިލް ކޯޓަށް ޝިޔާމް ހުށަހެޅުމުން އެ ކޯޓުން ނިންމީ އޭނާއަށް ވަޒީފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ދަށު ކޯޓުގެ ހުކުމް ޝިޔާމް ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރީ ޝިޔާމަށް އަލުން ވަޒީފާ ދީ، އޭނާ ވަޒީފާއަށް ނުކުތުމާ ހަމައަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ދިނުމަށެވެ.
ތަފްސީލް - ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލަކު 'ދައުރު'އަށް މިއަދު ވިދާޅުވީ ހައި ކޯޓުގެ ހުކުމުގައި ހިމެނޭ މުސާރައާއި އިނާޔަތުގެ ބަޔަކީ ސުޕްރީމް ކޯޓުން މި ފަހުން ވަޒީފާއާ ބެހޭ މައްސަލަތަކުގައި އަމަލުކުރުމަށް ނިންމި ނިންމުމަކާ ހިލާފު ނިންމުމެއް ކަމަށެވެ. އެ ގޮތުން:
އެ ނިންމުމުގައިވަނީ މީހަކަށް އަނބުރާ ވަޒީފާ ދޭ ހާލަތުގއި އެންމެ ގިނަވެގެން ނަގައިދެވޭނީ ހަ މަސްދުވަހުގެ މުސާރަ އާއި އިނާޔަތް ކަމަށް
ވަޒީފާ ނުދޭ ހާލަތުގައި ވެސް ނަގައިދެވޭނީ އެއް އަހަރުދުވަހުގެ މުސާރަ އާއި އިނާޔަތް ކަމަށް
އެހެންވެ 12 އަހަރުގެ މުއްދަތަކަށް މުސާރަ އާއި އިނާޔަތް ދިނުމަށް ހައި ކޯޓުގެ ހުުކުމުގައި އޮތް ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ