އީވާ ވަކިކުރުމަށް ބާއްވާ ޖަލްސާ މިއަދު ހަވީރު!

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މަގާމުން ވަކިކުރާ ޖަލްސާ މިއަދު ހަވީރު ބާއްވާ ގޮތަށް އެޖެންޑާކޮށްފިއެވެ.
އީވާ މަޖިލީހުގެ ނައިބް ރައީސްގެ މަގާމުން ވަކިކުރަން ހުށަހަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއެކުއެވެ. އީވާ މަޖިލީހުން ވަކިކުރަން ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މަޖިލީހުގެ އިދާރާ އިން ވިދާޅުވީ، އީވާ ވަކިކުރުމުގެ މައްސަލަ މިއަދު ހަވީރު 4:00 ގައި ބާއްވާ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަމަށެވެ.
އީވާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނާގޮތުން އީވާ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އައްޔަން ކުރެވުނީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށެވެ. އެހެންނަމަވެސް އީވާ އަމިއްލައަށް އެދިގެން ޕާޓީން ވަކިވެފައިވާތީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ އިތުބާރު އީވާއަށް ގެއްލިފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިޔަށް ނުގެންގޮސް ޤަވައިދާ ޚިލާފަށް އީވާ އެ މައްސަލައަށް ހުރަސް އަޅަމުންދާ ކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ.
މީގެއިތުރުން އީވާ އަކީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅަކަށް ވެފައި ރައީސް ނަޝީދުގެ މައްސަލައިން ތަނާޒުލްވާން އިންކާރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި ޚިލާފަށް ކަމަށް އެމްޑީޕީން ބުނެއެވެ.
އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރަން އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހެޅީ އިއްޔެ އެޖެންޑާ ކުރެވުނު މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދެވަނައަށް ބޭއްވި ޖަލްސާވެސް ނިންމާލުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ