ކާށިދޫގެ ”ގަދަ ކަނޑު“، ދާއިރާގެ ރަށް ގުޅުވާލަދޭ، ކޭބަލް ކާރަށް ހުރަހަކަށް ނުވާނެ: ދިރާސާ ކުރާ ކުންފުނި

ކާާާށިދޫއަކީ ގަދަ ކަނޑެއް އޮތް ސަރަހައްދެއްކަމަށް ބުނެ، ކޭބަލް ކާރު ޕްރޮޖެކްޓު ކުރިޔަށް ނުގެންދެވެންވީ ސަބަބެއް ނެތް ކަމަށާއި، ކޭބަލް ކާރު ނޭޅިދާނެތީ އެކަމާ ބިރެއް ނުގަންނަ ކަމަށް ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމަށް އައި އިޓަލީގެ ސިންޓެކްނިކާ ކުންފުނީގެ އިންޖީނިއަރިންގެ ޕްރެޒިޑެންޓް ލުކާ މެނިނީ ވިދާޅުވެއްޖެއެވެ.
ކާށިދުއާއި ގާފަރާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކޭބަލް ކާރު އަޅާނެކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިމިގެންދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭންތެރޭގައި ވަނީ ވައުދުވެވަޑައިގެންފައެވެ. ޖާބިރު ވިދާޅުވީ، ތަހުޒީބުވެފައިވާ ގައުމުތަކުގައި އެއް ގައުމުން އަނެއްގައުމަށް އަދި އެއް ސިޓީން އަނެއް ސިޓީން ދަތުރުކުރުމަށް ކޭބަލް ކާރުން ގުޅުވާލައިފައިވާ ކަަމަށެވެ. ކޭބަލް ކާރުން ކާށިިދުއާއި ގާފަރު ގުޅުވާލުމަކީ ނުވާނެ ކަމެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.
”ސަންގު“ އަށް ދެއްވި އިންޓަވިއުއެއްގައި ސިންޓެކްނިކާ އިންޖީނިއަރިންގެ ޕްރެޒިޑެންޓް ލުކާ ވިދާޅުވީ، ދުނިޔެ މިވަނީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައި ކަމަށެވެ. އެހެން ކަމުން، އެއްވެސް ކަމަކީ އެއީ ނުވާނެ ކަމެއް ނޫންކަން ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ ގައުމުތަކަށް ބަލާލުމުންވެސް އެނގިގެންދާނެ ކަމަށެވެ.
ރާއްޖެއަކީ ވެސް ތަރައްގީގެ ގޮތުން ކުރިއަރަމުން އަންނަ ގައުމެއްކަން ފާހަގަކުރައްވާ ލޫކާ ވިދާޅުވީ، ކޭބަލް ކާރުގެ ޕްރޮޖެކްޓާއި ގުޅޭގޮތުން އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ޖާބިރު ކަމަށެވެ. އަދި ޖާބިރު، އޭނާގެ ދާއިރާގެ ތަރައްގީއާއި ގުޅޭގޮތުން ގެންގުޅުއްވަނީ ތަފާތު ތަސައްވުރެއް ކަމަށެވެ.
ކާށިދޫ ދާއިރާގެ ރަށްތައް ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމުގެ ގޮތުން، ލޭންޑްސްކޭޕްކޮށް އެ ސަރަހައްދު ބަލާފައިވާކަން ލޫކާ ވަނީ ފާހަގަކުރައްވާފައެވެ. ލޫކާ ވިދާޅުވީ، ކޭބަލް ކާރުތަކުން އެއްތަން އަނެއްތަނާއި ގުޅާލުމަކީ އެއީ ދުރު ވިސްނުމެއް ކަމަށެވެ. މިއީ މޯބިލިޓީގެ ގޮތުން ބަލާލިނަމަވެސް، ވަގުތު ސަލާމަތް ވުމާއި އެކު މާ ބޮޑެތި ހަރަދުތަކެއް ނުދާނެ ދަތުރުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކޭބަލް ކާރުން ދާއިރާގެ ރަށްތައް ގުޅާލުމާއި ގުޅޭގޮތުން، ގިނަ ރައްޔިތުންގެ ކަންބޮޑުމަކީ އެ ސަރަހައްދުގެ ކަނޑު ގަދަވުމެވެ. ހާއްސަކޮށް، ގާފަރުގެ ކަނޑުގެ ސަރަހައްދަކީ ކަނޑު ދަތުރުކުރުމަށްވެސް އުނދަގޫ ސަރައްދެއްގެ ގޮތުގައި މަޝްހޫރުތަނެކެވެ. އެހެން ނަމަވެސް، އެކަމާއި ގުޅޭގޮތުން ލުކާ ވިދާޅުވީ އެކަމާއި މެދު ވެސް ވިސްނާފައިވާކަމަށެވެ. އެހެން ނަމަވެސް، ކަނޑު ގަދަވުމަކީ އެއީ ކޭބަލް ކާރުން ރައްތައް ގުޅާނުލެވެން ވީ ސަބަބެއް ނޫން ކަމަށެވެ. އަދި ޓްރޮޕިކަލް ބަދަލުތަކަކީ އެއީ ކަންބޮޑުވުމެއް ނޫންކަމަށް ވެސް ލޫކާ ވިދާޅުވިއެވެ.
”އަހަރެމެން ގަބޫލު ކުރާގޮތުން އެ ހުރިހާ ކަމަކަށް ވިސްނަންޖެހޭނެ. އެއީ އެހެން ކޮންމެ ތަނެއްގައި ވެސް ހިނގާނެ އުސޫލު. އާއްމުގޮތެއްގައި ބަލާނަމަ މިފަދަ ޓެކްނޮލޮޖީ ގާއިމް ކުރެވިފައިމިވަނީ އުސް ފަރުބަދަތަކުގެ ތެރޭގައި. ދެން ތެދު ވާހަކައެއް މިއީކީ އެހާ ފަސޭހަކަމެއް ނޫން. މިހާރު މި ތައްޔާރުވަނީ، އެސެސްމެންޓު ހެދުމަށް. ޕްރޮޖެކްޓު ގެންނާނެ ގޮތުން ހޯދުމަށް. އެހެން ވީމަ، ތި ހުރިހާ ކަމަކަށް ވިސްނާނަމަ ވައި ގަދަ ވެދާނެ، މޫސުމަށް ވެސް ބަދަލު އަންނާނެ. އެހެން ނަމަވެސް އަހަރެން ހަމަ ބިރެއް ވެސް ނުގަނޭ، މިތާ ބޮޑު ކަނޑެއް އޮވެގެން ޕްރޮޖެކްޓު ކުރިޔަށް ނުގެންދެވިދާނެތީއެއް. ގަބޫލު ކުރަނީ މިއީ ވަރަށް ފުރިހަމަ ޕްރޮޖެކްޓެއްގެ ގޮތުގައި. އެހެން ނޫނަސް، މިކަން ކާމިޔާބު ނުވަންވީ ސަބަބެއް ނެތް“ ލޫކާ ވިދާޅުވިއެވެ.
މައުލޫމާތު ހޯދާ، އެސެސްމެންޓު ހެދުމަށް ދާއިރާގެ މުޅި ކަނޑުގެ ސަރަހައްދުގެ މައުލޫމާތުތައް އެއްކުރާނެކަން ލޫކާ ފާހަގަކުރިއެވެ. އެއަށްފަހު ދިރާސާގެ ރިޕޯޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ އެނބުރި އިޓަލީއަށް ގޮސްކަމަށާއި، ޑިޒައިންވެސް އެ މަސައްކަތުގެ ތެރެއިން ތައްޔާރުކޮށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިންޓެކްނިކާ އަކީ މެކޭނިކަލް އިލްކްޓްރޯނިކްސް ގިނަ އުފެއްދުންތަކެއް އުފައްދާ ކުންފުންޏެކެވެ. އަދި މަސައްކަތްތަކުގެ ތެރޭގައި އިންފްރާސްޓްރަކްޗާ އާއި ޓެންނޮލޮގީގެ ދަށުން ތަރައްގީގެ ޕްރޮޖެކްޓުތައް އޭގެ ތެރޭގައި ކުރިޔަށް ގެންދެއެވެ.
”އަހަރެމެން ވަރަށް ގިނަ ދާއިރާތަކުގައި މަސައްކަތް ކުރަން. އެއީ ތިމާވެށީގެ ދާއިރާއަކަސް އަދި ވޯޓާ ޓްރީޓްމެންޓްއަކަސް. ކުރު ކުރުގޮތަކަށް ބުނާނަމަ އެއީ ޓެންނޮލޮޖީ. ޔޫރަޕްގެ ގައުމުތަކުގައި ޓެކްނޮލޮޖީ މި ކުރިއަރުވަނީ. އެކި ގައުމުތަކުގައި ކުންފުނީގެ އޮފީސްތައް ހުންނާނެ ގާއިމް ކުރެވިފައި.“ ލޫކާ ވިދާޅުވިއެވެ.
ކޭބަލް ޕްރޮޖެކްޓާއި އެކު ކާށިދޫ ދާއިރާގައި އެހެން މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ޝައުގުވެރިވާކަން ފާހަގަކުރައްވާ ލޫކާ ވިދާޅުވީ ގެސްޓް ހައުސްތައް ގާއިމް ކުރުމަށާއި، ހޮސްޕިޓަލެއް އެޅުމަށްވެސް ސަރަހައްދުތަކެއް ބަލާފައިވާކަމަށެވެ. ލޫކާ ވިދާޅުވީ، މިއަދު ޓެކްނޮލޮޖީގެ ތަރައްގީއަކީ އަސާސީ ހައްގެއްކަމަށް ގަބޫލު ކުރާކަމަށެވެ. ގައުމު އާރާސްތު ކުރުމުގައި، އަބަދުވެސް ގެންގުޅެންވާނީ އެންމެ ފަހުގެ ވިސްނުން ކަމަށާއި އެއީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ ކުރިއެރުންތަކަކަށް ވާން ޖެހޭ ކަމަށެވެ.
ލޫކާ ވަނީ މީގެ ކުރިންވެސް ކޭބަލް ޕްރޮޖެކްޓުގެ މަސައްކަތް އެ ކުންފުނިން ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި އިޓަލީ އާއި ސައުތު އެމެރިކާ އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެނޫންވެސް ގޮތް ގޮތުން، މިފަދަ މަސައްކަތްތައް ކުރިޔަށް ގެންދާ ކުންފުނިތަކާއި ގާތް ގުޅުމެއް އޮންނަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
”އަހަރެން ބުނާނީ، ޖާބިރުއަކީ ވަރަށް ވިސްނުންތޫނު ބޭފުޅެކޭ. އެހެން ކަމުން، ޖާބިރުގެ ތަރައްގީގެ ވިސްނުން އަހަރެމެން ފުރިހަމަކޮށްދޭނަން. ރާއްޖެއަކީ ވަރަށް ކުޑަ އަދި ރީތި ގައުމެއް. ކޭބަލް ކާރުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަންވެސް ހުއްޓޭނެ. އަހަންނަނަށް ހީވަނީ، މިކަން ނުވާނެ ކަމަށް ބުނި މީހުން މިއަދު ޖާބިރުއަށް އިތުރުބާރު ކުރަން ފަށާނެހެން. ކާށިދޫ ދާއިރާއަށް ގެނައުމަށް ޖާބިރު ގެންގުޅުއްވާ، ތަސައްވުރަށް އަހަރެމެން ވަރަށް ތާއީދު ކުރަން“ ލޫކާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ކޭބަލް ކާރު، ކާށިދޫ ދާއިރާގައި ގާއިމް ކުރުމަށް، މަސައްކަތުގެ  މޮޑޮލް ސަރުކާރަށް ހުށަހެޅީމަ ސަރުކާރުން އެކަން ބަލައިގަންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޖާބިރު ވިދާޅުވީ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކޭބަލް ކާރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ