ކުޑަކުދިންނަށް އުމުރާ ގުޅޭ ތައުލީމު ދިނުމަކީ ގައުމީ ޒިންމާއެއް: ރައީސް

ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތައުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ ގައުމީ ޒިންމާއެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނު ފޮނުއްވި ހިތާބުގައެވެ.
ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށާއި ޒިންމާދާރު ބައެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ގާބިލުކަން ހޯދައިދޭންޖެހޭކަމަށް އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެއްވެސް ކުޑަކުއްޖެއްގެ މައުސޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި އަމަލަކަށްވެސް ޖާގަ ނުދިނުމަކީ އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ހިތާބުގައި އިންޓަނެޓާއި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށްޓަކައި، ބެލެނިވެރިންނާއި މުދައްރިސުން އައު ވިސްނުންތަކާއެކު މަސައްކަތްކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ހިތާބުގައި ޒަމާނީ ތަޢުލީމާއި މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިކުރުމަށް ކުޑަކުދިންގެ އަތަށްދޭ ވަސީލަތްތަކުގެ ސަބަބުން ބައެއް ކުދިންނަށް އިޢާދަނުކުރެވޭ ބޮޑެތި ނުރައްކާ ކުރިމަތިވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި ފެންވަރު ރަނގަޅު ތައުލީމް ކަށަވަރުކޮށްދެއްވުމަށް ކަމުގައި، އެމަނިކުފާނުގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ.
ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުސަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ދަނީ ކަށަވަރުކުރަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ، ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި އާއިލާތަކަށް ފޮނުއްވާފައެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި ޢާއިލާތަކަށް މި އުފާވެރި ދުވަހުގެ ތަހުނިޔާ ފޮނުއްވައި މެސެޖެއް ހިއްސާކުރައްވާފައެވެ.
އެކަމަނާގެ މެސެޖުގައި ވިދާޅުވީ ހެޔޮލަފާ ދަރީންތަކެއް ހެދި ބޮޑުވަމުންދާ ގައުމެއްގެ މުސްތަގްބަލާމެދު މާޔޫސްކަމެއް ނެތް ކަމަށެވެ. އަދި ކުޑަކުދީންނަށް އަޅައިލާ، އޯގާތެރިކަމާއެކު ހިމާޔަތް ދެމުން ދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ހަގީގަތަކަށް ވަމުންދާނެކަމަށް އެކަމަނާގެ މެސެޖުގައި ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ