ޔަހޫދީން ބޭނުންވަނީ އެމެރިކާގެ އަސްކަރިއްޔާއަށް ބަރޯސާވުން ހުއްޓާލަން

ކުރިއަށް އޮތް ދަހަރެއްގެ ތެރޭގައި، ޔަހޫދީންގެ އަސްކަރިއްޔާއަށް އެމެރިކާއިން ދެމުންދާ މާލީ އެހީތެރިކަމަށް ބަރޯސާވުން އެކީގައި ހުއްޓައިލަން އަމާޒު ހިފާފައިވާކަމަށް، ޔަހޫދީންގެ ހަރުކަށި ވެރިޔާ ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ސީބީއެސް ނޫހަށް ދިން ބަސްދީގަތުމެއްގައި ނަތަންޔާހޫ ބުނީ، އަސްކަރީ އެހީގެ ގޮތުގައި އެމެރިކާއިން ޔަހޫދީންނަށް އަހަރަކު ގާތްގަނޑަކަށް 3.8 ބިލިއަން އެމެރިކާ ޑޮލަރު ދޭ ކަމަށެވެ.
އެމެރިކާ ސަރުކާރުން ވަނީ 2018ވަނަ އަހަރުން 2028ވަނަ އަހަރާ ހަމައަށް 38 ބިލިއަން އެމެރިކާގެ ޑޮލަރުގެ އަސްކަރީ އެހީ ޔަހޫދީންނަށް ދޭން ނިންމައިފައެވެ.
ނަމަވެސް، ނަތަންޔާހޫ ބުނީ، އަސްކަރީ ގޮތުން އެމެރިކާއިން ދޭ މާލީ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެނައުމުގެ ވަގުތު މިހާރު ޖެހިފައިވާ ކަމަށެވެ.
މިގޮތުން، އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ ދެން އަންނަ ދައުރަކަށް މަޑުނުކޮށް، އެ މަސައްކަތް މިހާރު ފަށަން ބޭނުންވާކަމަށް ނަތަންޔާހޫ ބުންޏެވެ.
ޒަމާނުއްސުރެ ޔަހޫދީންނަށް އަސްކަރީ ފޯރުކޮށްދިނުމަށް އެމެރިކާގެ ކޮންގްރެސްގެ ތާއީދު ލިބެއެވެ.
ނަމަވެސް، 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަޞްލު ހޭދަކުރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، ޔަހޫދީންނަށް އަސްކަރީ އެހީ ދިނުމާމެދު އެމެރިކާގެ ކޮންގްރެސްގެ ތެރޭގައި ބައިބައިވުންތައް ވަނީ އިތުރުވެފައެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، އެމެރިކާގެ 60 އިންސައްތަ މީހުން ޔަހޫދީންގެ ލާއިންސާނީ ޢަމަލުތަކާމެދު ހިތްހަމައެއް ނުޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ