ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެލުމުގެ ދަށުން މިޖޫންމަހުގެ ތެރޭގައި ތެލަސީމިއާ ސެންޓަރުގައި ޚިދުމަތް ދޭން ފެށޭނެކަމަށް މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ތެލަސީމިއާ ދުވަހާއި ގުޅުވައިގެންނެވެ.
ތެލަސީމިއާ ކުދިންނަށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤް ހަލީމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިސަރުކާރުން ވަނީ ތެލަސީމިއާ ސެންޓަރު މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. އަދި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރެއް ތައާރަފްކޮށް، ރައީސްގެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ތެލަސީމިއާ ކުދިންނަށް ޚާއްސަ އެލަވަންސެއްވެސް ވަނީ ދޭންފަށާފައެވެ. 32 އަހަރު ފަހުން ހުކުރު ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވައި ޚިދުމަތްދޭގޮތަށް ހަމަޖައްސާފައިވަނީވެސް މިސަރުކާރުންނެވެ.
ތެލަސީމިއާ ސެންޓަރުން ދޭ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށް ރާވާފައިވާ މަސައްކަތްތައްވެސް ސީއީއޯވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މި ޖޫންމަހުގެ ތެރޭގައި ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެއްލެވުމުގެ ދަށުން ތެލަސީމިއާ ސެންޓަރުގައި ޚިދުމަތް ދޭންފަށާނެކަމަށް ވިދާޅުވިއެވެ.
"އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޚިދުމަތް 2025ވަނަ އަހަރުގެ މެއި މަހުން ފެށިގެން ދެމުން އަންނައިރު ސެންޓަރަށް މިހާރު ވަނީ ޚާއްސަ ޑޮކްޓަރަކު ރެކްރޫޓްކޮށްފައި. މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗްގެ އެހީތެރިކަމާއިއެކު ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެއްލެވުމުގެ ދަށުން މި ޖޫންމަހުގެ ތެރޭގައި ސެންޓަރުގެ ޚިދުމަތް ދޭން އިރާދަކުރެއްވިއްޔާ ފަށާނަން. އަދި ހުޅުމާލެ ހޮސްޕިޓަލްގެ އެހީތެރިކަމާއެކު ތެލަސީމިއާ ސެންޓަރުގައި އެތެރެހަށީގެ ބަލިތަކަށް ޚާއްސަ އަދި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ އޮންކޯލް ޚިދުމަތް ކުރިއަށްއޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން." ސީއީއޯ ވިދާޅުވިއެވެ.
ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަޓަކައި ހަދާ "ގޯލްޑް ސްޓޭންޑަޑް" ތަހްލީލެއް ކަމަށްވާ "ނެޓް" ޓެސްޓިންގެ ޚިދުމަތް މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ރަސްމީކޮށް ފަށާނެކަމަށް ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވިއެވެ. މިއީ ލޭގެ ރައްކާތެރިކަން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށް ރާއްޖޭގެ އެޅޭ ތާރީޚީ ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ލިވަރ ފައިބްރޯސިސް ދެނެގަތުމަށް ހަދާ ސްކޭންގެ ޚިދުމަތްވެސް މިއަހަރު ތެރޭގައި ތެލަސީމިއާ ސެންޓަރުގައި ތައާރަފްކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އަންހެނުންގެ ޚާއްސަ ބަލިތަކުގެ އޮންކޯލް ޚިދުމަތާއި އަދި މިނޫންވެސް މުހިންމު އެކިއެކި ޚިދުމަތްތަކުގެ ޚާއްސަ ކޮންސަލްޓެންޓުން ސެންޓަރުގައި ބެއްލެވުމުގެ އިންތިޒާމް މިއަހަރު ތެރޭގައި ފެށުމަކީ އަމާޒެއްކަމަށް ސީއީއޯ ވިދާޅުވިއެވެ.
މިއަހަރު 4 ތެލަސީމިއާ ކުދިން އުފަންވެފައިވާއިރު މިއީ ފުންކޮށް ވިސްނަންޖެހިފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށް ހޭލުންތެރިކަން އިތުރުކޮށް ކައިވެނީގެ ކުރިން ދެވޭ ކައުންސިލިން ހިމެނޭހެން ތެލަސީމިއާ ކޮންޓްރޯލްކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމުގެ ޚާއްސަ ނިޒާމެއް މިއަހަރުގެ ތެރޭގައި ތައާރަފްކުރެވޭނެކަމަށް ސީއީއޯ ވިދާޅުވިއެވެ.
މީގެއިތުރުން ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޚާއްސަ ދަފްތަރު ޑިޖިޓަލައިޒްކުރެވި މިއަހަރު ތެރޭގައި ތައާރަފްކުރާނެކަމަށްވެސް ވިދާޅުވިއެވެ. މިނިޒާމުގެ ސަބަބުން ލޭ ހޯދުމަށް ބޭނުންވާ ފަރާތްތަކަށާއި ލޭ ހަދިޔާކުރާ ފަރާތްތަކަށް ފަސޭހަވާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާޤް ހަލީމް ވިދާޅުވިއެވެ.
އަންނަ ޖޫން މަހު ތެލަސީމިއާ ސެންޓަރުގައި މުޅިން އަލަށް ދިވެހި ހެމަޓޮލޮޖިސްޓެއްގެ ޚިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ