އެމްޑީޕީގެ ޗެއާޕާސަންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފި ނަމަ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޕާޓީ ހިންގެވުމުގައި ވަރަށް ބޮޑަށް ބައިވެރިކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ނަޝީދާއި ސޯލިހާ ދެ ބޭފުޅުން އެކުގައި ސިޔާސީ މަސައްކަތްކުރައްވަމުން ގެންދެވި ނަމަވެސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެން ފެށިގެން ދެ ބޭފުޅުންގެ ދެމެދު މައްސަލަތައް އިތުރުވި އެވެ. އަދި 2023ގެ ރިޔާސީ އިންތިހާބުގައި ނަޝީދު އެމްޑީޕީ ވެސް ދޫކޮށްލެއްވި އެވެ.
ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގެން ސިޔާސީ މަސައްކަތްކުރައްވަމުން ގެންދަވަނީ، ސޯލިހުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރަކަށް ހުންނެވި ފައްޔާޒު އިސްމާއީލާ އެކުގަ އެވެ. އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު ވާދަކުރައްވާއިރު، ސޯލިހުގެ ފެކްޝަންގެ ތާއީދު އޮތީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމަށެވެ.
ތަފްސީލް - 'ދައުރު'ން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސޯލިހާ ދެމެދު ޖެހުނީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެގެން ޖެހުނު މައްސަލަތަކެއް ކަމަށެވެ. ސޯލިހަކީ އަބަދު ވެސް އެ މަނިކުފާނުގެ އެންމެ ގާތް ގުޅުމެއް އޮންނަ އެއް އެކުވެރިޔާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުގުޅޭ ފަހަރު ވެސް އަންނާނެ. އެކަމަކު އެ ގުޅުން އަބަދު ވެސް ގާތް. ރައީސް ސޯލިހު ބާކީއެއް ނުވާނެ. އަޅުގަނޑު ޗެއާޕާސަން ކަމަށް އައިމަ ރައީސް ސޯލިހާއި އަޅުގަނޑާ މާ ރަނގަޅަށް އެކުގައި މަސައްކަތްކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސޯލިހަކީ އެމްޑީޕީގެ އެއް ފެކްޝަންގެ ލީޑަރުކަމަށާއި އެމްޑީޕީ ހިންގުމަށް ސޯލިހު މުހިންމު ކަމަށެވެ. ސިޔާސީ މަސައްކަތުގައި ސޯލިހުގެ ހުނަރުތަކެއް އެބަ ހުންނެވި ކަމަށާއި އެ ހުނަރުތައް އެމްޑީޕީ ހިންގެވުމުގައި ބޭނުންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ޗެއާޕާސަން ކަމުގައި އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ރައީސް ސޯލިހު ބައިވެރިކުރާނަން. ވަރަށް ބޮޑަށް ބައިވެރިކުރާނަން. ރައީސް ސޯލިހުގެ ހުންނާނެ ހުނަރުތަކެއް، ސިޔާސީ ކަންކަމުގައި. އެ ކަންކަން އަޅުގަނޑުމެންގެ ޕާޓީއަށް ބޭނުންކުރަން ޖެހޭނެ،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގައި ފެކްޝަންތައް އޮތުމަކީ ރަނގަޅެއް ކަމުގައި ނަޝީދު ގަބޫލުކުރައްވަ އެވެ. ވަކި ލީޑަރަކު ހުދުމުހުތާރުވުމުގެ ބަދަލުގައި، މަޝްވަރާގެ އުސޫލުން ޕާޓީ ހިންގުމަށް ފެކްޝަންތަކުގެ ސަބަބުން މަޖުބޫރުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ވެސް ނެތް ކަމެއް އެކަނި ގޮސް ކޮށްލެވޭކަށް. ރައީސް ސޯލިހަކަށް ވެސް ނެތް. އަބްދުﷲ ޝާހިދަކަށް ވެސް ނެތް. ފައްޔާޒު އިސްމާއީލަކަށް ވެސް ނެތް. ހަމަ އެކީގައި އައިސް ވާހަކަތަކެއް ދައްކަން ޖެހޭ ކޮންމެ ކަމެއްގައި ވެސް،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ޗެއާޕާސަންކަމުގައި ފެކްޝަންތައް ބަލައިގަންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނަޝީދުގެ ފެކްޝަނުން މި ވަގުތު މަސައްކަތްކުރަމުން ގެންދަނީ، އެންމެ ފަހުން އެމްޑީޕީގެ ދާއިމީ ޗެއާޕާސަނަކަށް ހުންނެވި ފައްޔާޒުގެ ފެކްޝަނާ އެކުގަ އެވެ. އަދި ނަޝީދު ވަނީ ސަރުކާރު ހިންގާ އެންމެ މަތީ ވެރިޔާގެ މަގާމަށް ފައްޔާޒު ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
މީކާއިލް ކެމްޕެއިންކުރައްވަމުން ގެންދަވަނީ އޭނާއަކީ ވަކި ފެކްޝަނަކަށް ބުރަނުވެ ހުންނެވި ކެންޑިޑޭޓެއް ކަމަށް އިޝްތިހާރުކުރައްވަމުންނެވެ. ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރައްވައިގެން ހުންނެވި ބޭފުޅަކު ޗެއާޕާސަން ކަމަށް ވަޑައިގެންފި ނަމަ، އެމްޑީޕީ ބައިބައިވެ، 2028ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލޭނެ ކަމަށް މީކާއިލް ގަބޫލުކުރައްވަ އެވެ.
އެމްޑީޕީއަށް ސޯލިހު ވަރަށް މުހިންމު؛ ވަރަށް ބޮޑަށް ބައިވެރިކުރާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ