ތެލެސީމިއާ ދުވަހު ރައީސްގެ މެސެޖު: އޯގާތެރިކަން އިސްކޮށް ބަދަހި ގައުމެއް ބިނާކުރައްވާ!

ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން، އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކޮށް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުންދީގެން ބަދަހި ގައުމެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ އެ މަނިކުފާނުގެ ރަސްމީ އެކައުންޓުން އެކްސްގައި ޝާއިއުކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކޮންމެ ފަރުދަކަށާއި އެ ފަރުދުން ނިސްބަތްވާ އާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ފަހިކޮށްދިނުމުގައި ސަރުކާރުން އަދާކުރާ ޒިންމާއާއި މަސްއޫލިއްޔަތުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ ތެލެސީމިއާ ޕޭޝަންޓުންނަށް ހެޔޮ ދުއާ ކުރައްވައި މެސެޖެއް ހިއްސާކުރައްވައިފައެވެ. އެކަމަނާގެ މެސެޖުގައި އޯގާތެރިކަމާއި ހެޔޮ ބަސްތަކަކީ ފަރުވާގެ ދެބައިކުޅަ އެއްބައިގެ ގޮތުގައި ސިފަކުރައްވައި، ތެލެސީމިއާއަށް ފަރުވާ ހޯދާ ކޮންމެ ކުއްޖަކަށް މުޖުތަމައުގެ ކުލުނާއި ލޯތްބާއި އެހީތެރިކަމާއެކު އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުއާކުރައްވާފައިވެއެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 8 ވަނަ ދުވަހުއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރުދުންނާއި އާއިލާތަކަށް ފަރުވާއަށް ފަހި މާހައުލެއް ގާއިމުކުރުމަކީ މި ސަރުކާރުން ހާއްސަ އަހުމިއްޔަތެއް ދޭ މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ