ކެޕްކޮމްގެ އާ ގޭމް 'ޕްރަގްމާޓާ' ނެރުނުތާ 16 ދުވަސް ތެރޭ ދެ މިލިއަން ކޮޕީ ވިކިއްޖެ
ކެޕްކޮމްގެ އާ ސައިންސް ފިކްޝަން އެކްޝަން-އެޑްވެންޗާ ގޭމް "ޕްރަގްމާޓާ" ނެރުނުތާ އެންމެ 16 ދުވަސް ތެރޭގައި ދެ މިލިއަނަށްވުރެ ގިނަ ކޮޕީ ވިކިފައިވާކަން އެ ކުންފުނިން އިއްޔެ އިއުލާންކޮށްފިއެވެ. އޭޕްރީލް 17 ވަނަ ދުވަހު ޕީސީ، ޕީއެސް5، އެކްސްބޮކްސް ސީރީޒް އަދި ނިންޓެންޑޯ ސްވިޗް 2 އަށް ނެރުނު މި ގޭމަކީ ކެޕްކޮމްގެ މުޅިން އާ އުފެއްދުމެކެވެ. ގޭމްގެ މި ކާމިޔާބީއާ ގުޅިގެން "ޕްރަގްމާޓާ" ގެ ޑައިރެކްޓަރު ޗޯ ޔޮންގްހީ ވަނީ އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ހާމަކުރި ގޮތުގައި ގޭމްގެ މައި ދެ ކެރެކްޓަރުން ކަމަށްވާ ޑަޔާނާ އާއި ހިއުއާ އެކު ހަނދުގެ ދަތުރުގައި ބައިވެރިވި ކުޅުންތެރިންގެ އަދަދު ދެ މިލިއަނަށް އެރުމަކީ ޑިވެލޮޕްމަންޓް ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. https://x.com/PRAGMATAgame/status/2052322998363762761 މި ގޭމްގެ ކާމިޔާބީގެ ފަހަތުގައި ވަނީ އޭގެ އާދަޔާ ހިލާފު ކުޅިވަރުގެ އުކުޅުތަކާއި، އަސަރުގަދަ ވާހަކައާއި، އަދި ގޭމް ނެރުމުގެ ކުރިން އާންމުންނަށް ކުޅެލަން ދޫކޮށްލި ޑެމޯގެ ސަބަބުން ލިބުނު މަގުބޫލުކަން ކަމަށް ކެޕްކޮމް އިން ދެކެއެވެ. މިއީ 2026 ވަނަ އަހަރު ކެޕްކޮމް އިން ހޯދި މިފަދަ ދެވަނަ ބޮޑު ކާމިޔާބީއެވެ. މީގެ ކުރިން ފެބްރުއަރީ މަހު ނެރުނު "ރެސިޑެންޓް އީވިލް ރިކުއިއެމް" ވަނީ މިހާތަނަށް ހަތް މިލިއަނަށްވުރެ ގިނަ ކޮޕީ ވިކިފައެވެ. "ޕްރަގްމާޓާ" ނެރުނުތާ އެންމެ ދެ ދުވަސް ތެރޭގައި ވެސް ވަނީ އެއް މިލިއަން ކޮޕީ ވިކިފައެވެ. އަދި މިއީ 2026 ވަނަ އަހަރު މިހާތަނަށް ނެރުނު ގޭމްތަކުގެ ތެރެއިން ކްރިޓިކުންގެ މެދުގައި އެންމެ މަގުބޫލު އެއް ގޭމެވެ. ގިނަ ރިވިއުތަކުގައި މި ގޭމްގެ ހަނގުރާމައިގެ އުކުޅުތަކަށާއި މަންޒަރުތަކުގެ ފުރިހަމަކަމަށް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ހަނދުގައި ހުންނަ ރިސާޗް ސްޓޭޝަނެއްގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ މި ގޭމް ބިނާވެފައިވަނީ އިންޖިނިއަރެއް ކަމަށްވާ ހިއު ވިލިއަމްސް އާއި އެންޑްރޮއިޑް ކުއްޖެއް ކަމަށްވާ ޑަޔާނާގެ ވާހަކައިގެ މައްޗަށެވެ. ހެކިންގް ޕަޒްލްތަކާއި ބަޑިޖެހުމުގެ ބައިތައް ހިމެނޭ މި ގޭމް މިހާރު ސްޓީމް، ޕީއެސް5، އެކްސްބޮކްސް ސީރީޒް އަދި ނިންޓެންޑޯ ސްވިޗް 2 އިން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ