ޗައިނާގެ ކުރީގެ ދެ ދިފާއީ ވަޒީރަކަށް މަރުގެ ހުކުމް އިއްވައިފި

ކޮރަޕްޝަނާއި ރިޝްވަތުގެ ބޮޑެތި ތުހުމަތުތަކެއް ސާބިތުވުމާ ގުޅިގެން، ޗައިނާގެ ކުރީގެ ދެ ދިފާއީ ވަޒީރުން ކަމަށްވާ ވޭ ފެންހޭ އާއި ލީ ޝަންގްފޫއަށް މަރުގެ އަދަބު ކަނޑައަޅައި، އެ އަދަބު ދިނުން ދެ އަހަރަށް ފަސްކުރުމަށް އެ ގައުމުގެ އަސްކަރީ ކޯޓަކުން ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.
​މި ހުކުމާ އެކު، ދެ އަހަރުގެ މުއްދަތަށް ފަހު އެ މީހުންގެ މަރުގެ އަދަބު އުމުރަށް ޖަލަށްލުމުގެ އަދަބަކަށް ބަދަލުވާނެ ކަމަށް ޗައިނާގެ ރަސްމީ މީޑިއާ، ޝިންހުއާއިން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، މި ހުކުމުގެ ދަށުން އެއްވެސް ހާލަތެއްގައި އަދަބު ލުއިކޮށްދިނުމެއް ނުވަތަ ޕެރޯލްގެ ދަށުން މިނިވަންވުމުގެ ފުރުސަތެއް މި ދެ ބޭފުޅުންނަށް ނޯންނާނެއެވެ.
ކޯޓުގެ ނިންމުމުގައިވާ ގޮތުން، މި ދެ ބޭފުޅުންގެ މައްޗަށް ވެސް ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެފައިވާތީ، އެ މީހުންގެ އަމިއްލަ ހުރިހާ މުދަލެއް ދައުލަތަށް ނެގުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. މިއީ ޗައިނާގެ އަސްކަރިއްޔާގެ ތެރޭގައި ހިންގާ ކޮރަޕްޝަނާ ދެކޮޅު ވަރުގަދަ ކެމްޕޭނެއްގެ ދަށުން އެޅި އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ގޮތުގައި ބެލެވެއެވެ.
​ވޭ ފެންހޭ ޗައިނާގެ ދިފާއީ ވަޒީރުކަން ކުރެއްވީ 2018 އިން 2023 އަށެވެ. އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާއާއި ހަދިޔާ ހޯދުމާއި، ވަކި ބަޔަކަށް ވަޒީފާގެ ކުރިއެރުން ހޯދައިދިނުމުގައި ނުހައްގު އެހީތެރިކަން ދިނުން ހިމެނެއެވެ.
އޭނާގެ ފަހުން 2023 ވަނަ އަހަރުގެ މާޗް މަހު ދިފާއީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ލީ ޝަންގްފޫ އެ މަގާމުގައި ހުންނެވީ އެންމެ ހަތް މަސް ދުވަހުއެވެ. އޭނާ ކުއްލި ގޮތަކަށް އާންމުންގެ ލޮލަށް ނުފެނި ގެއްލުމަށްފަހު، އެ އަހަރުގެ އޮކްޓޯބަރު މަހު ވަނީ މަގާމުން ވަކިކޮށްފައެވެ. ތަހުގީގުތަކުން ދައްކާ ގޮތުގައި ލީ ވަނީ ސިޔާސީ ޒިންމާތަކަށް އިހުމާލުވެ، އަމިއްލަ ފައިދާއަށްޓަކައި ބޮޑެތި އަދަދުތަކުން ރިޝްވަތު ނަގައި އަދި އެހެން ފަރާތްތަކަށް ރިޝްވަތު ދީފައެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފެއްޓެވި ކޮރަޕްޝަނާ ދެކޮޅު މަސައްކަތުގެ ދަށުން، އަސްކަރިއްޔާގެ އެންމެ އިސް ސަފުގެ އެތައް ބޭފުޅުންނެއް ވަނީ މަގާމުން ދުރުކޮށް އަދަބު ދީފައެވެ. ރައީސް ޝީ ވިދާޅުވެފައިވަނީ، ކޮރަޕްޝަނާ ދެކޮޅު މި ހަނގުރާމައިގެ ސަބަބުން ޗައިނާގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ.
ނަމަވެސް، މި ފިޔަވަޅުތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފާޑުކިޔަމުން ބުނަނީ، މިއީ ކޮރަޕްޝަން ނައްތާލުމުގެ ނަމުގައި ރައީސް ޝީގެ ސިޔާސީ ވާދަވެރިން މަގާމުތަކުން ދުރުކޮށް، ބާރުތައް މުށުތެރެއަށް ލުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ