ސަރުކާރުން ސޮވްރިން ގެރެންޓީއެއް ހޯއްދަވާކަށް ގާސިމް ނޫޅުއްވާ

ސަތޭކަ މިލިއަން (100,000,000) ޑޮލަރަށް ވުރެ ބޮޑު ލޯނަކަށް ސޮވެރިން ގެރެންޓީއެއް ހޯއްދަވަން ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ސަރުކާރަށް ޕްރެސަރު ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ޚަބަރު ފަތުރާ ވެބްސައިޓަކުން ދޮގު ޚަބަރެއް ފަތުރައިފިއެވެ.
"ދެންމެ" ވެބްސައިޓެއްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ސަތޭކަ މިލިއަން ޑޮލަރަށް ވުރެ ބޮޑު ލޯނަކަށް ސޮވެރިން ގެރެންޓީއެއް ހޯއްދަވަން ގާސިމް ސަރުކާރަށް ޕްރެޝަރު ކުރައްވަމުން ގެންދަވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެ ކަމަށެވެ. ނަމަވެސް، "ވީނިއުސް"އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި އެއީ ހަގީގަތެއް ނެތް ވާހަކައެކެވެ.
ގާސިމް ލީޑުކުރައްވާ ޖުމްހޫރީ ޕާޓީންވެސް އެކަން ދޮގުކުރެއެވެ. ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވި ގޮތުގައި، އެއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކައެކެވެ. އަދި އެފަދަ ގެރެންޓީއެއް ހޯއްދަވަން ޖޭޕީގެ ލީޑަރު އެއްވެސް ހާލެއްގައި އެދިލައްވާފައި ނުވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދިއެޒާތުގެ ވާހަކަ ފަތުރަނީ ކީއްވެކަން ސާފުކޮށް އެނގިވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.
އަމިއްލަ ފަރުދުން ނަގާ ލޯނެއް ނުދައްކައިފި ހާލަތެއްގައި ސަރުކާރުން ޒިންމާވާ ގޮތަށް ސޮވެރިން ގެރެންޓީއެއް ދިނުމަކީ ވަރަށް ބޮޑު ކަމެކެވެ. ފަހުގެ ތާރީޚެއްގައި ދިވެހި ސަރުކާރުން އެފަދަ ގެރެންޓީއެއް ދީފައިވަނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ކުންފުންޏެއްގެ 127 މިލިއަން ޑޮލަރުގެ ލޯނަކަށެވެ.
އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ޕްރައިވެޓް ލިމިޑެޓްގެ 127.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފައިވަނީ 2017ވަނަ އަހަރުގެ ފަހުކޮޅެވެ.
އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ