ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުހައްމަދަށް
ކްރިމިނަލް ކޯޓު ހިންގުން، އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ ވަގުތީ ގޮތުން ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފައެވެ. ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް އާ ހަވާލުކުރަން ނިންމީ، އެ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލު ހައިކޯޓަށް އައްޔަނު ކުރުމާ ގުޅިގެންނެވެ. ގާޒީ އާދަމް ވަނީ މީގެ ކުރިން ވެސް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެންފައެވެ. އެފަހަރު އެ މަގާމު އޭނާއާ ހަވާލުކުރީ އޭރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެހުންނެވ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުމާ ގުޅިގެންނެވެ. އޭގެ އިތުރުން ޖޭއެސްސީން ވަނީ، ގއ. ޖުޑީޝަލް ދާއިރާ ވަގުތީ ގޮތުން ހިންގުން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޒީމް ޙަސަންއާ ހަވާލުކުރަން ވެސް މިއަދު ނިންމާފައެވެ. ސަބަބަކީ ގއ. ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް އިބްރާހީމް އިޙްސާން މިއަދު ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ ހުވާކުރެއްވުމާ ގުޅިގެންނެވެ. އޭނާގެ އިތުރުން ދެ ފަނޑިޔާރަކު ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ މިއަދު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ