ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމަކީ "މިއަދުގެ ޖީލަށް ގެއްލުނު ނަމޫނާ ވެރިއެއް" ކަމަށް ސިފަކުރެއްވުމަށް ފަހު ތައުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސޮއިކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ކޮވިޑް-19 ޖެހިގެން މިދިޔަ ހޯމަދުވަހު އަވަހާރަވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވީ ނޭޝަނަލް އާޓް ގެލެރީގަ އެވެ. އެ ދަފްތަރުގައި ގިނަ ބަޔަކު އަންނަނީ، އުމަރު ޒާހިރުގެ ހަނދާންތައް އާކުރަމުންނެވެ.
ތަފްސީލު - ތައުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވަމުން ވިދާޅުވީ އުމަރު ޒާހިރަކީ 49 އަހަރަށް ވުރެ ގިނަ ދުވަހު، ދިވެހި ގައުއުމަށާއި ދިވެހި ރައްޔިތުންނަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި، "ވަރަށް އިޚްލާސްތެރި" އަދި "ވަފާތެރި ހިދުމަތްތެރިއެއް" ކަމަށެވެ.
އުމަރު ޒާހިރު އަވަހާރަވުމުން ދިވެހިންނަށް ގެއްލުނީ މިއަދުގެ ޖީލަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި މުވައްޒަފުންނާ މެދު އޯގާތެރިކަމާއި ލޯތްބާ އެކު މުއާމަލާތްކުރެއްވި ގާތް އެކުވެރިއެއް ކަމަށް ވެސް ރައީސް ލިއުއްވި އެވެ.
ރައީސް ލިޔުއްވި ގޮތުގައި ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާ އެކު ފުރިހަމަކުރުމުގެ މުހިންމު ހިއްސާއެއް އުމަރު ޒާހިރު އަދާކުރެއްވި އެވެ. އުމަރު ޒާހިރު އެގޮތަށް މަސައްކަތް ކުރެއްވީ މާ ގިނަ ވަސީލަތްތަކާއި ލުއި ފަސޭހަތައް ނެތް ދުވަސްވަރެއްގައިކަން ވެސް ފާހަގަކުރެއްވި އެވެ.
ފަސް މަންޒަރު - ދައުލަތުގެ އެކި މަގާމުތައް ފުރުއްވި އުމަރު ޒާހިރު އަވަހާރަވީ ދަރުމަންތް ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުފުޅުން 85 އަހަރުގަ އެވެ.
އުމަރު ޒާހިރުގެ ތައުޒިޔާގައި ރައީސް: 'މިއަދުގެ ޖީލަށް ގެއްލުނީ ނަމޫނާ ހިންގުންތެރިއެއް'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ