"ތައުލީމީ ދާއިރާގެ އެންމެ ބޮޑު ބަދަލަކީ 7،000 ދަރިވަރުން ހިލޭ ޑިގްރީ ނިންމުން"

ތައުލީމީ ދާއިރާއަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ހިލޭ ޑިގްރީގެ ދަށުން 7،000 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވާ ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އޮތޮޅުތެރެއަށް ކުރައްވާ، އުފާވެރި އަމާން ރާއްޖެ ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ގދ. ނަޑެއްލާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މީގެ ކުރީގެ ސަރުކާރުތަކުން އެއްވެސް ކުއްޖަކަށް ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިފައިނުވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ތައާރަފްކުރެއްވި ހިލޭ ޑިގްރީ ޕްރޮގްރާމުގައި 18،000 ދަރިވަރުން ބައިވެރިވެ އޭގެތެރެއިން 7،000 ދަރިވަރުން މިހާރު ފުރަތަމަ ޑިގްރީ އާއި ހަމައަށް ކިޔަވާ ނިމިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ލިބިފައިވަނީ ތަނަވަސް އާއިލާތަކުގެ ކުދިންނާއި، ކޮންމެސް ފުދުންތެރި މީހަކު ދިއްކޮށްލާ ފައިސާކޮޅެއްގެ އެހީގައި ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގައި އެކަން އޮތީ ބަދަލުކުރެވިފައި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ކޮންމެ ދަރިވަރަކަށްވެސް މިސަރުކާރުން ހަމަ ހަމަ ފުރުސަތު ކޮންމެ ފަހިކޮށްދީފައިވާކަން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ނަތީޖާ އަކީ މި ނިމޭ 5 އަހަރުގެ ދައުރުގައި 7،000 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވާ ނިންމުން ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ