އަބްދުالله އަހްމަދު: ތަޢުލީމީ ޖީލެއްގެ ބައްޕަ!

މިއީ ތަޢުލީމީ އޮޑިއެއްގެ ދަތުރަށް ފަރިތަ، ކުޅަދާނަ އަދި އެހާމެ ކެރޭ މާލިމީއެއްގެ ވާހަކައެވެ.
ދުރުވިސްނޭ ސިޔާސަތެއްގެ ވޮށުގެ އަލިކަމުން އާންމު ތަޢުލީމަކުން ތައުލީމުގެ އައު ހަރުފަތަކަށް ރަށެއް ގެންގޮސްދިން ތާރީޚީ ނާޛިރެއްގެ ވާހަކައެވެ. ރަށެއްގެ ތަޢުލީމީ ތާރީޚު ބަދަލުކޮށްލި ކުޅަދާނަ ހިންގުންތެރިއެއްގެ ވާހަކައެވެ. ތައުލީމީ ޖީލެއް ބިނާކުރި ހިޔާލެއްގެ އޮޅިގަނޑު ބަލަހައްޓައިދިން ތައުލީމީ ޖީލެއްގެ ބައްޕައެއްގެ ވާހަކައެވެ. އާދެ! ފ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް، ފ ނިލަންދޫ އަތިރީގޭ އަބްދުالله އަޙްމަދު (49 އަހަރު) ގެ ކާމިޔާބު ތައުލީމީ ހަޔާތުގެ ވާހަކައެވެ. 
ފ އަތޮޅު ތައުލީމީ މަރުކަޒުގެ ޖަލްސާއެއްގައި އަބްދުالله ވާހާކަ ދައްކަވަނީ 
މަޑުމައިތިރި މިޒާޖެއްގެ އަބްދުالله، ގިނަ ބަޔަކު ދަންނަ ނަމުން ނަމަ އަބްދޯސަރ އަކީ ފ ނިލަންދޫ އަތިރީގޭ އަހްމަދު މޫސާއާއި ފ ފީއަލީ މަރިޔަމް ހަމީދާއަށް ލިބިވަޑައިގެން 12 ބޭފުޅުންގެ ތެރެއިން 11 ވަނަ ދަރިކަލުންނެވެ. ކައިވެނި ބައްލަވައިގެން އުޅުއްވަނީ ބ އޭދަފުށީ ފެންއާރު، ސީޒާ މުސާއާއެވެ. ކައިވެނިފުޅަށް ދެ ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖަކު އެބަތިއްބެވެ. 
އަބްދުالله ގެ ތައުލީމުގެ އެންމެ ދުރު ހަނދާނަކީ، އާއިލާގެ އެންމެ ދޮށްޓަށް ހުންނެވި ބޭބެ ފަހިކޮށްދެއްވި ފުރުސަތެއްގައި، އުމުރުން އެންމެ 11 އަހަރުގައި މާލޭ ކިޔަވަން ދިއުމަށް ލިބުނު ފުރުސަތެވެ. ކިޔެވުމަށް މާލެ އައިސް އެންމެ ފުރަތަމަ އަބްދުالله ހުންނެވީ ބޭބެގެ ރަހުމަތްތެރިއެއްގެ ގޭގައެވެ. އެދުވަސްވަރަކީ ދިވެހިރާއްޖެގެ ތައުލީމީ ނިޒާމްގެ ތެރެއަށް އިނގިރޭސި ތައުލީމު އެންމެ ތާޒާ އޭގެ އެންމެ ޅަފަތުގެ ދުވަސްވަރުވެސް މެއެވެ. އެހެންކަމުން ޚުދު އަބްދުالله އަށްވެސް އިނގިރޭސި ތައުލީމު އެއްވެސް ވަރަަކަށް ޙާސިލްކުރެވިފައެއް ނުވެއެވެ. އޭރު މާލޭގައި ހިންގާ ޕްރައިވެޓް ސްކޫލްތަކަށް ވަނުމުގެ އުސޫލުތައް އޮންނަ ގޮތުން ސްކޫލަށް ވަނުމުގެ ކުރިން ފެންވަރު ވަޒަން ކުރުމުގެ އިމްތިހާނެއްގައި ބައިވެރިވާނެ ޖެހެއެވެ. އެހެންކަމުން މާލެއައުމަށް ފަހު ހަފްތާއެއް ނުވަތަ ދެހަފްތާއެއްހާ ދުވަހު އިނގިރޭސި އަދި ހިސާބު އުނގެނުމަށް ޓީޗަރެއްގެ ކައިރިއަށް އަބްދުالله ދިޔައެވެ. 
ސްކޫލްގެ ރަސްމިއްޔާތެއްގައި އަބްދުالله ދަރިވަރަކަށް އިނާމު ހަވާލުކޮށްދެއްވަނީ  
އެއަށްފަހު މާލޭގައި އެދުވަސްވަރު ހުންނަ އެމްއީއެސް ސްކޫލަށް ވަނުމަށްޓަކައި އޮންނަ އުސޫލުގެ ދަށުން އަބްދުالله ވެސް ފެންވަރު ވަޒަން ކުރުމުގެ އިންތިހާބުގައި ބައިވެރިވިއެވެ. އެއްވެސް ވަރަަކަށް އެއްޗެއް ނޭނގޭކަންވެސް އެނގިހުރެމެއެވެ. އެހެނަސް ސްކޫލަށް ވަދެވެން އޮންނަނީ އެ މަރުހަލާތައް ފުރިހަމަކޮށްގެން ކަމުގައިވާތީއެވެ. 
ވަރަށް ހަނދާންވޭ އަދިވެސް، އެ ޓެސްޓް ދިން އިރު އޭގައި އޮންނަނީ ގުޑިއެއް ކުރަހާފައި، ދެން އޮތީ ކޭ އަކުރެއް ލިޔެފައި ޑޭޝްބުރިއެއް ޖަހާފައި ޓީ އަކުރެއް ލިޔެފައި ޑޭޝްބުރިއެއް ޖަހާފައި، އުޅެ އުޅެ ނޭނގުން، އޭރު ނޭނގެޔޭ އެއީ ކައިޓުކަމެއް 
އެމްއީއެސް ގެ އެންމެ ފުރަތަމަ އިމްތިހާނުގެ ހަނދާން އައު ކުރަމުން ހިނިގަނޑަކާއެކު އަބްދުالله ކިޔައިދެއްވިއެވެ. 
އަބްދުالله ވޮއިސް އެމްވީއަށް އިންޓަރވިއު ދެއްވަނީ 
ކޮންމެއަކަސް ފެންވަރު ވަޒަންކުރުމުގެ އިމްތިހާނުގެ ނަތީޖާ އައި އިރު އަބްދުاللهގެ އިނގިރޭސި ފެންވަރު މާބޮޑަށް ދަށީއެވެ. ވުމާއެކު އޭރު އެމްއީއެސްގެ ހެޑް މާސްޓަރ އަލީ މުސްތަފާގެ ލަފާފުޅުގެ މަތިން އެ ސްކޫލުގެ އެންމެ ދަށް ގްރޭޑް ކަމުގައިވާ، ޔޫކޭޖީ ކްލާހަށް އަބްދުالله ވެއްދީއެވެ. 
ދެން އަދި ސޯޓު ލައިގެން ކްލާހަށް ދިޔަ އިރު މުޅި ކްލާހުން ވެސް އެންމެ ހަގީ އަޅުގަނޑު 
އެމްއެސްސީ ގައި އަބްދުالله ގެ ފުރަތަމަ ދުވަސް ހަނދާން އައުކޮށްލިއެވެ. 
ރާއްޖޭގެ ތައުލީމީ ހާލަތު އެހާވެސް ދަށް ދުވަސްވަރެއްގައެވެ އާއިލާއާއި ދުރުގައި ނުވެސް ދަންނަ ބައެއްގެ ކައިރީގައި ތައުލީމު ހާސިލްކުރުމަށް ހުރުން ވެވަޑައިގަތީ އަބްދުالله އަށް ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.
ފ އަތޮޅު ތައުލީމީ މަރުކަޒުން ސާނަވީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރަކަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކުރަނީ: ފޮޓޯ/ފ އަތޮޅު ތައުލީމީ މަރުކަޒު 
ރަނގަޅު ފެންވަރުގެ ތައުލީމެއް ލިބެން ފެށި އިރު އަބްދުالله އަކީ ހިތް އަލި ކުއްޖެއްކަމުގައި ވުމުން ކުރު މުއްދަތެއްގެ ތެރޭގައި ގިނައެއްޗިހި ދަސްވެ، ތައުލީމީ ފެންވަރު ރަނގަޅުވުމުގެ ނަތީޖާއެއްގެ ގޮތުން 3 އަހަރު ތެރޭގައި ޑަބަލް ޕްރޮމޯޝަން ލިބި ގްރޭޑް ހަޔަކާއި ހަމައަށް އާދެވުނެވެ. 
އަބްދުالله ގެ ގްރޭޑް ހައެއްގެ އަހަރު ދިމާވީ 3 ނޮވެމްބަރުގެ ހަމަލާ ރާއްޖެއަށް ކުރިމަތިވި އަހަރާއެވެ. އޭގެ ޖެހިގެން އަންނަ އަހަރަކީ އެދުވަސްވަރު ރާއްޖޭގެ ސްކޫލްތަކުގައި ގްރޭޑް 7 ނިންމުން ދޭ ޖޫނިއަރ ސްކޫލް އެގްޒަމިނޭޝަން (ޖޭއެސްއީ) އިންތިހާބުގައި އަބްދުالله އިށީންނަން ޖެހޭ އަހަރުވެސް މެއެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން އެ އިމްތިހާނު އުވާލަން ނިންމުމުން ޖޭއެސްއީ އިމްތިހާނު ހެދުމާކާއި ނުލައި އަބްދުالله އަށް ގްރޭޑް އަށަކަށް ދެވުނެވެ. 
ވޮއިސް އެމްވީއަށް އަބްދުالله އަހްމަދު ދެއްވި އިންޓަވިއުގެ ތެރެއިން 
އަބްދުالله ގެ އިނގެރޭސި ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބުރަ ބޮޑެތި މަސައްކަތްތައް ކުރަންޖެހުނެވެ. އެގޮތުން އިނގެރޭސި ފެންވަރު ރަނގަޅުކުރުމަށްޓަކައި އިނގެރޭސި ފޮތްތައް ކިޔުމަށްޓަަކައި ގައުމީ ކުތުބުޚާނާއަށް ދާންފެށިއެވެ. އެހެންނަމަވެސް އިނގިރޭސި ފެންވަރު މާބޮޑަށް ދަށްވުމުގެ ސަބަބުން ކުތުބުޚާނާއިންވެސް ފަށައިގަންނަން ޖެހުނީ އެންމެ އާންމު ފެންވަރުގެ ފޮތްތަކުންނެވެ. ކުޑަކުދިންނަށް ޚާއްސަ ކުރު ޖުމުލަ ހުންނަ ފޮތްތަކުންނެވެ. 
އޭރު އުމުރުން 62 އަހަރު، އަޅުގަނޑަށް ކިޔޭ ފެންވަރުގެ ފޮތްތައް ހުންނަނީ އެންމެ ތުއްތު ކުދިންނަށް ޚާއްސަ ސަރަހައްދުގައި، އެވެސް ލޭޑީ ބަރޑްސް ކަހަކަ ސްޓޯރީސް
ކުތުބުޚާނާގެ ހަނދާންތައް އަބްދުالله އައު ކުރެއްވިއެވެ.
ކޮންމެއަކަސް ބުރަ މަސައްކަތުން ކުރު މުއްދަތެއްގެ ތެރޭގައި އަބްދުالله ގެ އިނގެރޭސި ބަހުގެ ފެންވަރަކަށް އުއްމީދު ކުރި ވަރަށްވުރެ ހަލުވި ކުރިއެރުމެއް ލިބުނެވެ. 
ބަހުގެ އިލްމު އިތުރު ކުރުމަށް އަބްދުالله ކުރެއްވީ އެންމެ މުހިއްމު ކަމަކީ ފޮތް ކިޔުމުގެ އިތުރަށް، އާންމު އުޅުމުގައި ވެސް އަމިއްލަ ބަހުން ހިތުގައި އުފެދޭ ޝުއޫރުތަކާއި ޚިޔާލުތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށްގެ ސިކުނޑީގެ ތެރޭގައި އޭގެ ޚިޔާލާތުތައް އުފެއްދުމެވެ. އަދި އެ ޚިޔާލުތައް ލިޔުމެވެ. 
ފ އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ބައްދަލުވުމެއްގައި އަބްދުالله ވާހަކަ ދައްކަވަނީ: ފޮޓޯ/ފ އަތޮޅު ތައުލީމީ މަރުކަޒު 
ކޮންމެ ދުވަހަކު ވެސް ދެން އެސޭއެއް ލިޔަނީ، އެދުވަހެއްގެ ހިނގި ކަންކަމުގެ ޚުލާސާއެއް ލިޔަނީ، އަމިއްލަ ކަންކަން ދެން ހިމަނާލައިގެން ލިޔުނީ، އެދުވަހެއްގައި ކުތުބުޚާނާއިން ކިޔާ ފޮތެއްގައި ހުންނަ ބަސްތައް ވެސް ހިމަނާލައިގެން ލިޔަނީވެސް 
އަބްދުالله 
ކޮންމެއަކަސް އަބްދުالله ގެ މިންނެތް މަސައްކަތުން އިނގެރޭސި ބަހުގައިވެސް ކްލާހުގެ އެންމެ މަތީ ނަތީޖާ ހާސިލްކުރި ދަރިވަރެއް ކަމުގައިވީ އަބްދުالله ވިއެވެ. 
މަދަރުސީ ތައުލީމުގައި އެންމެ ދަތި އެއް އަހަރާއި އަބްދުالله ކުރިމަތިލާން ޖެހުނީ ގްރޭޑް 10 ގެ އަހަރުއެވެ. ތަފާތު ސަބަބުތަކާއި ހުރެ އޭރު ކިޔަވަންހުރި ގެއިން ބަދަލުވަން ޖެހުނެވެ. 
ދެން ބަދަލުވީ އަޅުގަނޑުގެ ބޭބެގެ ޓިއުޝަން ކްލާހަށް، އެތަނުގައި އޭރު ތިބޭނެ ރާއްޖެތެރޭގެ ރަށްރަށުން ބައިވަރު ކުދިންއައިސް، 5 ކްލާސް ރޫމް ހުންނާނީ އެތަނު، ދިގު މޭޒުޖަހާފައި ހުންނާތީ ދެން އޭގެ މަތީގައި ތިބެނީ ނިދަން، ހެނދުނު 7 ޖަހާއިރު ކުދިން އަންނަވާއިރަށް ހޭލަންވެސް ޖެހޭނެ، އެހެން ދެން އުޅުނީ، ގޮތަކުން ކާލައިގެން
އަބްދުالله ގެ ސާނަވީ ތައުލީމުގެ އެންމެ ފަހު އަހަރުގެ ހަނދާންތައް ހިއްސާކުރެއްވިއެވެ.
ގްރޭޑް 10 ނިމި ނަތީޖާ ލިބުނު އިރު އަބްދުالله ގެ ނަތީޖާވެސް އެންމެ ހީކުރިހާ ނަތީޖާވެސް އެންމެ ރަނގަޅެއް ނޫނެވެ. އެކަމަކު ފާސްވިއެވެ. ވުމާއެކު އޭރު އެންމެ އެކުގައި އުޅުނު އެކުވެރިންނާއެކު ވަޒީފާއަކަށް ދިއުމަށް ބޭބެގެ ގާތުގައި އެދުނެވެ. އެގޮތުން ސްޓެލްކޯއިން ހުޅުވާލި ފުރުސަތެއްގައި އެ ތަނުގެ ވަޒިފާއަށް އެދި ހުރިހާ އެކުވެރިން އެއްކޮށް ސިޓީލިއެވެ. ވަޒީފާއާއި ސްކޮލަރޝިޕް ގެ ފުރުސަތުވެސް އެންމެ ފަހިކޮށް އޮތީ އަބްދުالله އަށެވެ. ވަޒީފާއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ފަރާތަކީވެސް އަބްދުالله އަށް ވާތީއެވެ. 
ވޮއިސް އެމްވީއަށް އަބްދުالله އަހްމަދު ދެއްވި އިންޓަވިއުގެ ތެރެއިން
އެކަމު ސިޓީ ލީ ވާހަކައެއް ނުބުނަން އެކެއް ކައިރިއަކުވެސް، ދެން އެހެން އޮއްވާ ސްޓެލްކޯއިން ގެންގޮއްސަ ބުނެފި އަބްދުالله އަށް ވަރަށް ފުރުސަތު ބޮޑު ވާހަކަ، އެކަމަކު ބޭބެ ކައިރި އެ ވާހަކަ ބުނެލިއިރަށް ބުނެފި އަދި ކިޔަވަން ފެންނަ ވާހަކަ ބޭބެ ބުނީ، އޭލެވެލް ވެސް ހާދާލަން ފެންނަ ވާހަކަ ބުނީ، ދެން ކުރާނެ ކަމެއް ނޯންނާނެއެއްނު، ބޭބެ ބުނީމަ އިތުރު ގޮތެއް ދެން ނޯންނާނެ
އަބްދުالله
ކޮންމެއަކަސް ބޭބެގެ ބުނުމަށް އިތުރު ހިތްވަރެއް ކުރިއަށް އަޅައި މަތީ ސާނަވީ ތައުލީމުގެ ވެސް އަބްދުالله ފުރިހަމަ ކުރެއްވިއެވެ. ސާނަވީ ތައުލީމު ފުރިހަމަ ކުރެއްވީ އޭރުގެ އެސްސީސީ (މިހާރުގެ ސީއެޗްއެސްސީ) އިންނެވެ. 
އަބްދުالله ގެ ނުރަސްމީ ފުރަތަމަ ވަޒީފާއަކީ ބޭބެ އޭރު ހިންގި ޓިއުޝަން ކްލާހެވެ. ސްކޫލުގައި އުޅެމުން އަބްދުالله ވެސް އައީ ޓިއުޝަން ކްލާހުގައި ކިޔަވައިދެމުންނެވެ. މަހަކު 200 ރުފިޔާގެ މުސާރައެއްވެސް ލިބުނެވެ. 
މަތީ ސާނަވީއަށްފަހު އަބްދުالله ބޭނުންވީ ސިފައިންގެއަށް ވަނުމަށެވެ. އެކަމަކު ބޭބެ އެއްވެސް ވަރަަކަށް ރުހޭ ކަމަކަށް އެކަންވެސް ކުރުމަށް އަބްދުالله ބޭނުންނުވީއެވެ. 
އެދުވަސްވަރަކީ ސްކޫލު ނިންމާފައި ގަދަކަމުންވެސް ވަރަށް ގިނަ ކުދިން ސިފައިންގެއަށް ވައްދަމުން އައި ދުވަސްވަރެއް، އެކަމަކު އަޅުގަނޑު ހަމަ ބޭނުންވެގެން ވަންނަން އުޅުނީ، އެހެނަސް އަޅުގަނޑުގެ ބޭބެ އެކަމަށް އެހާ ގަބޫލު ނުވީމަ ނުވަނީ
ސިފައިންގެޔަށް ވަނުމުގެ ވިސްނުން ދޫކޮށްލިގޮތްް އަބްދުالله ކިޔާދެއްވިއެވެ.
ސިފައިންގޭގެ ވިސްނުން ދޫކޮށްލުމަށްފަހު އަބްދުالله ގެ ރަސްމީ ފުރަތަމަ  ވަޒީފާއެއްގެ ގޮތުގައި އެޓޯލްސްއަށް ވަދެވަޑައިގަތެވެ. 1130ރ ގެ މުސާރައަކަށް އެޓޯލްގައި ދުވަސްކޮޅަކު އުޅުއްވުމަށްފަހު ފ އަތޮޅު އޮފީހުގެ ވަޒީފާއަކަށް ބަދަލުވެވަޑައިގަތިއެވެ. އޭރު ފ އަތޮޅުގެ ވެރިކަން ކުރަނީ އެ އަތޮޅު މަގޫދޫގައެވެ. 
ފ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ބޯޑު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ފ އަތޮޅު ތައުލީމީ މަރުކަޒު 
ނަމަވެސް ސްކޫލު ދުވަސްވަރުން ފެށިގެންވެސް ކިޔަވައިދިނުގެ ތެރޭގައި އުޅެވިފައި ހުރުމުގެ ސަބަބުން އަތޮޅު އޮފީހާއި ގުޅިވަޑައިގެން ފަހުންވެސް ކިޔަވައިދިނުމަށް ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަން އެއްވެސް ވަރަަކަށް ފަނޑުވާގޮތެއް ނުވިއެވެ. 
އެހެންވެގެން އަބްދުالله ގެ ބޭބެ ގާތުގައި ވަރަށް ގިނައިން އެދިގެން 1997 ވަނަ އަހަރު ނިލަންދޫ ސްކޫލުގެ އެސިސްޓެންޓް ޓީޗަރެއްގެ މަގާމަށް ބަދަލުވިއެވެ. އެއީ އެ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އޭގެ ފަހުންވެސް މަތީ ތައުލީމު ފުރިހަމަކުރުމަށްފަހު އައިސް އަނބިކަނބަލުންގެ ރަށް، ބ އޭދަފުށީ ސްކޫލުގައި ދެތިންމަސްވަންދެން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. އެހެންނަމަވެސް އަބްދުالله ގެ ބައްޕަގެ ބަލިހާލަތު ބޮޑުވެ އަނެއްކާވެސް ބައްޕަގެ ކައިރިއަށް އެނބުރި ރަށަށް ބަދަލުވީއެވެ. 
ސްކޫލުގެ ކުޅިވަރު ހަރަކާތެއްގެ ތެރެއިން: ފޮޓޯ/ ފ އަތޮޅު ތައުލީމީ މަރުކަޒު 
1997 ވަނަ އަހަރުގެ ޖޫން އިން ފެށިގެން އެ އަހަރުގެ ބާކީ މުއްދަތުގައި އެ ރަށު ސްކޫލުގެ އެސިސްޓެންޓް ޓީޗަރެއްގެ މަގާމުގައި ހުރުމަށްފަހު ޖެހިގެން އައި އަހަރު އިންސްޓިޓިއުޓް އޮފް ޓީޗިންގް އެޑިއުކޭޝަން (އައިޓީއީ) ގެ ފަރާތުން ކުރިއަށް ގެންދިޔަ ނެޝަނަލް ޑިޕްލޮމާ ކޯހުގައި ބައިވެރިވެ މާލެ ކިޔަވަން އައެވެ. 
ފުރަތަމަ އާއީ އިންޓަރވިއުއަށް، އޭރު އަދި ހަމަ ޝަރުތު ހަމަވިޔަސް ކޯހެއް ނުލިބޭނެ، އިންޓަރވިއު ކުރާނެ ކިޔަވައިދިނުމުގެ ކަމެއް ހުރިތޯ ބަލަން، މިހާރު ގޮތަށް ހަމަ ވަޒީފާއެއް ގޮތުގައެއް ނޫން އޭރު ޓީޗިންގް އަށް ނަގާނީ، ކެރިއަރ އެއްގެ ގޮތުގައި އޭރު ނިކުންނާނީ، އެހެންވެ އަސްލު އޭރުގެ ޓީޗަރުން އެހާ ކާމިޔާބު ޓީޗަރުންނަށް ވީ
އަބްދުالله
އެ ކޯސް ފުރިހަމަ ކުރުމަށްފަހު 2000 ވަނަ އަހަރު މަޖީދިއްޔާ ސްކޫލަށް، ހިސާބު/ފިޒިކްސް ޓީޗަރެއްގެ ގޮތުގައި ގުޅިވަޑައިގަތެވެ. އެހެންނަމަވެސް މަޖީދިއްޔާ ސުކޫލުގައިވެސް ހޭދަވީ 6 ވަރަކަށް މަސްދުވަހެވެ. ލިބިލެއްވި ސްކޮލަރޝިޕެއްގައި އިންޑިޔާގެ ބެންގަލޫރ ޔުނިވާސިޓީއަށް ޑިގްރީ ހާސިލްކުރުމަށް ފުރިއެވެ.  ފުރަތަމަ އަހަރުގެ ކިޔެވުން ފުރިހަމަ ކުރެއްވުމަށްފަހު ރާއްޖެ އައި ދަތުރުގައި ކައިވެނި ބައްލަވައިގަތެވެ. ކިޔެވުމުގެ ދެވަނަ އަހަރުގައި ފުރަތަމަ ދަރިކަލުން ލިބިވަޑައިގަތުމުން އަނބިކަނބަލުންނާއެކު އިންޑިޔާއަށް ގެނައެވެ. އަބްދުލް ގެ ކިޔެވުން ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެ އައީ 2003 ވަަނަ އަހަރުއެވެ. 
ބައްޕަގެ ބަލި ހާލަތު ހުރިގޮތުން އޭދަފުށީގައި ދެތިންމަސް ވަންދެން އުޅުމަށްފަހު އެނބުރި ރަށަށް އައިސް އަނެއްކާވެސް ރަށު ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި ގުޅުނެވެ. އޭރު 2004 ވަނަ އަހަރުގެ ގްރޭޑް 10 ގެ ބެޗްތަކަށް ކިޔަވައިދިނުމާއި ހަވާލުވެގެން މަސައްކަތް ކުރަމުން އައިސް 2005 ވަނަ އަހަރުގެ މެދު ތެރޭގައި އޭރު އެރަށު ސްކޫލްގެ ހެޑް މާސްޓަރ އަކަށް ހުންނެވި ބޭފުޅާ ޗުއްޓީއަށް ދިއުމަށް ފަހު އެނބުރި ނުއެއް އާދެއެވެ. އެ އަހަރުގެ މިޑްސެމިސްޓަރ ބްރޭކް ގައި އޭދަފުށީގައި ހުއްޓައި މިނިޓްރީގެ ފަރާތުން އަބްދުالله އަށްގުޅައި ޗުއްޓީ ކުރުކޮށްލުމަށްފަހު މިނިސްޓްރީއަށް އައުމަށް އެންގިއެވެ. 
އިޖްތިމާއި ހަރަކާތްތަކުގައިވެސް އަބްދުالله އަކީ ފާހަގަކޮށްލެވޭ ފަރާތެއް: ފޮޓޯ/ފ އަތޮޅު ތައުލީމީ މަރުކަޒު 
ދެން އަދި އެދުވަހު ބޭބެވެސް ގުޅާފައި ބުނެފި މިނިސްޓްރީން ގުޅާނެ ސްކޫލު ހަވާލުކުރަންށޭ އެއުޅެނީ، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސްކޫލުގެ ޕްރިންސިޕަލްކަން އަޅުގަނޑަށް ހުށަހަޅައި އަޅުގަނޑުގެ ޝައުގުވެރިކަން އެކަމަށް ނެތުމުން އެ ފުރުސަތު ދޫކޮށްލާފައި އޮތީމަ ބޭބެ ބުނެއްޖެ ބޭބެއަށް މިބުރު ފެނެއޭ ސްކޫލާއި ހަވާލުވާން، 
ސްކޫލުގެ ޕްރިންސިޕަލްކަން ގަބޫލުކުރި ގޮތް އަބްދުالله ހިއްސާކުރިއެވެ. 
ކޮންމެއަކަސް ސްކޫލުގެ ޕްރިންސިޕަލްކަމުގެ ބިޔަ މަސްއޫލިއްޔަތާއި ހަވާލުވެ އަބްދުالله އެނބުރި ރަށަށް އައިއިރު އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އޮތެވެ. ފ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްކަމަށް އައްޔަނުކުރެވުނު ފ ނިލަންދޫގެ ފުރަތަމަ ރައްޔިތަކަށްވުމުގެ އިތުރުން އަބްދުالله އައްޔަނުކުރެވުނީ އުމުރުގެ ގޮތުންނާއި ތަޖުރިބާގެ ގޮތުން އަބްދުالله އަށް ވުރެ ދޮށި އަދި ތަޖްރިބާކާރު ގިނަ ބައެއްގެ ވެރިއަކަށް ކަމުގައިވުމެވެ. 
 މިކަމުގެ ސަބަބުން ފުރަތަމަކޮޅު ބައެއް މުވައްޒަފުންގެ ބައްދަލުވުންތަކުގައި ވާހަކަދައްކަން ޖެހުމުން ތުރުތުރު އަޅާގޮތްވެސް ވިއެވެ. 
އެކަމަކު އެދުވަހު އަޒުމެއް ހިތުގައި ކަނޑައެޅިން، މަސްއޫލިއްޔަތަކާއި ހަވާލުވުމަށްފަހު ޝައުގުވެރިކަމާއި އިހްލާސްތެރިކަމާއެކު އެ މަސްއޫލިއްޔަތެއް އަދާކުރަން 
އަބްދުالله
ޕްރިންސިޕަލްކަމާއި ހަވާލުވި އިރު ސްކޫލުކީ އަތޮޅު ފެންވަރުގައިވެސް އާންމު ދަރަޖައިގެ ސްކޫލެކެވެ. އެދުވަސްވަރު ރާއްޖޭގެ ސްކޫލްތަކުގައި ސާނަވީ ނަތީޖާ ވަޒަންކުރާ މިންގަނޑުކަމުގަައިވާ އޭޕީ ސްކޮރގައި އެ ސްކޫލަށް އެންމެ މަތިން ސްކޮރ ކުރެވިފައިވަނީވެސް 32 ކެވެ. އެހެންކަމުން ތައުލީމުގެ އައު ހަރުފަތަކަށް ސްކޫލު ގެންދިއުމަށްޓަކައި ޖިޔަވައިދިނުގެ ގިނަ އުސޫލުތަަކަަކާއި ވައްޓަފާޅި ތަކެއްވެސް ބަދަލު ކުރަން ޖެހޭކަމަށް އަބްދުالله އަށް ގަބޫލު ކުރެވުނެވެ. އެހެނަސް އެކަަންކަން ބަދަލުކޮށްލުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން އެނގިހުރެވެސްމެއެވެ. 
ގިނަ ފަރާތްތަކުން އަބްދުالله ފާހަގަކުރަނީ މީހުންނާ ގުޅިގެން އުޅޭ ފަރާތެއްގެ ގޮތުގައި: ފޮޓޯ/ފ އަތޮޅު ތައުލީމީ މަރުކަޒު 
ކޮންމެއަކަސް ނަތީޖާ ނެރުމަށްޓަކައި އެންމެ އިސްކަމެއް ކަމުގައި އަބްދުاللهއަށް ފެނުނީ މީހުންގެ ވިސްނުން ބަދަލުކުރުމުގެ މަސައްކަތުން ފިޔަވަޅު ފެށުމަށެވެ. މި މަސައްކަތުގެ ތެރެއިން ކުދި ކުދި އުސޫލުތައް ބަދަލުކުރަމުން ގެނދިޔައީ އެކަމާއި މެދު ކަންބޮޑުވުން ހުރި ފަރާތްތަކުގެ ކަންބޮޑުވުންތައްވެސް އަޑު އަހަމުންނެވެ. 
ކޮންމެއަކަސް ކުރެވުނު މަސައްކަތުން ފުރަތަމަ އަހަރުގެ ނަތީޖާގައި އޭޕީ ސްކޮރ ތަންކޮޅެއް މައްޗަށް ޖައްސައިލެވުނެވެ. އެހެނެއްނަމަވެސް ތަފާތު ބޮޑު ނަތީޖާއެއް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދެގުނައަށް އިތުރުކުރަން ޖެހުނެވެ. 
ވޮއިސް އެމްވީއަށް އަބްދުالله އަހްމަދު ދެއްވި އިންޓަވިއުގެ ތެރެއިން
ޕްރިންސިޕަލްކަމާއި ހާވާލުވުމުގެ ފަހުގައިވެސް އަބްދުالله ކިޔަވައިދިނުން ދޫކޮށެއް ނުލައެވެ. އެ އަހަރުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ހިސާބު މައްދާ ކިޔަވައިދިނީވެެސް އަބްދުالله އެވެ. 
ސަރ އަކީ ކިޔަވައިދިނުމުގައިވެސް އެއްވަނަ، ސަރ ކިޔަވައިދިނުމުގައި ބޭނުންކުރަން ފެށި ތަފާތު އުކުޅުތަކުގެ ސަބަބުން އަހަރުމެންގެ ތެރޭގައި ކިޔެވުމުގެ ވާދަވެރިކަން އާދަޔާ ޚިލާފަށް އިތުރުވެގެން ދިޔައީ، އަނެއްކާ ސަރ އަކީ ކުދިންނާއި ގުޅިގެން ކުދިންގެ އިހްސާސްތައް އަޑުއަހަައިގެން ކިޔަވައިދީ އެކު އުޅުމުގެ ނަމޫނާއެއް، އެހެންވެ ކަންނޭނގެ އަހަރުމެން ސްކޫލު ދެކެ އެހާ ލޯބިވަނީވެސް 
އަބްދުالله ގެ ދަރިވަރެއް
އޭގެ ފަހުންވެސް މިއަދާއި ހަމައަށްވެސް ޓީޗަރަކު މަދުވެއްޖެ ކޮންމެ ހާލަތެއްގައި އެ ކްލާހަކާއި ހަވާލުވެ، އެ މާއްދާ ކިޔަވައިދެމުން އަންނީ އަބްދުالله އެވެ. 
ކްލާހެއްގެ ޓީޗަރަކު ހަމަނުވެގެން ދާ ހާލަތެއްގައި ވެސް ސަރ އެ ކްލާހަކަށް ގަޑިތައް ނަގާނެ، ވަރަށް މަދުން ނޫނީ ޕްރިންސިޕަލަކު ނުފެންނާނެ ސްކޫލުތަކުގައި ކިޔަވައިދޭން އުޅޭތަން
ފ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރެއް
ދެ އަހަރެއްހާ ދުވަހުގެ މަސައްކަތުންނާައި ބެލެނިވެރިންނާއި ޓީޗަރުންގެ ގުރުބާނީގެ ނަތީޖާއެއްގެ ގޮތުން 2007 ވަނަ އަހަރު ފ އަތޮޅު ތައުލީމީ މަރުކަޒުން ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއްގައި ދަރިވަރަކު ހިމެނިގެން ދިޔައެވެ. އަދި އަހަރުގެ އޭޕީ ސްކޮރ 89 އަކަށްވެސް އެރުވުނެވެ.
އެހެންނަމަވެސް 2007 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ މެދަކާއި ހަމައަށް މާސްޓަރސް ހާސިލްކުރުމަށް އަބްދުالله އިންޑިޔާގައި ހުރުމުން އެ މުއްދަތުގައި ސްކޫލުގެ ހިންގުމާއި ހަވާލުވެ ހުންނެވި އަސްލަމްއަށް މި ކާމިޔާބީގެ ބޮޑު ހިއްސާއެއް އަބްދުالله ހާއްސަކުރެއެވެ. 
ސްކޫލުގެ ހަރާކާތެއްގެ ތެރެއިން އަބްދުالله: ފޮޓޯ/ފ އަތޮޅު ތައުލީމީ މަރުކަޒު
މީގެ އިތުރުން ސްކޫލުގެ މި ފުރިހަމަ ނަތީޖާއާއެކު ޖެހިގެން އައި އަހަރު އެ ސްކޫލުގައި މަތީ ސާނަވީ އުފެއްދުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ކިޔެވުން ފުރިހަމަކުރުމަށްފަހު އަބްދުالله އެނބުރި އައި އިރު މަތީ ސާނަވީ އުފެއްދުމުގެ މަސައްކަތްތައްވެސް އޮތީ ފެށިފައެވެ. 
އޭގެ ފަހުން ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން އެ ސްކޫލުގެ ދަރިވަރަކު ގައުމީ ގަދަ ދިހައެއްގައި ނުހިމެނޭ އަހަރެއް ނުދެއެވެ. އަދި އަހަރަކަށްވުރެ އަހަރެއް އައީ ނަތީޖާ ރަނގަޅުވަމުން ނުވަތަ އެއް މިނެއްގައި ހިފެހެއްޓިގެންނެވެ. 
މި ފާއިތުވި އަހަރުވެސް ސާނަވީ އިމްތިހާނުން 6 ދަރިވަރަކު އަދި މަތީ ސާނަވީ އިމްތިހާނުން 12 ދަރިވަރަކު އެ ރަށު ސްކޫލުން ވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނިފައިއެވެ. 
ހަގީގަތުގައި މިއަދު މިރަށް މިދެކޭ ތަޢުލީމީ ކުރިމަގުގެ ހަގީގީ މޭސްތިރިއަކީ އަބްދުالله، އަބްދުالله ގެ ދުރުވިސްނުންތެެރިކަމާ ހިކުމަތްތެރި ފިޔަވަޅުތަކުގެ އަސަރު
ނިލަންދޫ ރައްޔިތެއް 
ތައުލީމީ ފިޔަވަޅުތަކުގެ އިތުރުން އިދާރީ ހިންގުމުގައިވެސް އަބްދުالله ގެ ވިސްނުން ތަފާތެވެ. އަބްދުالله ދެކޭ ގޮތުގައި ސަރުކާރުތަކުގެ ސިޔާސަތުތަކުގެ ތެރެއިން ސްކޫލުތަކަށް ކަނޑައެޅޭ ކުޑަކުޑަ ބަޖެޓުގެ ތެރެއިން ސްކޫލުތަކުގެ ހިންގުމުގެ އެންމެހައި ކަމެއް ކުރަންވެއްޖެނަމަ ގިނަ ކަންކަން ނުކުރެވި، މުހިއްމު ކަންކަމަށް ފައިސާއެއް ނުހުންނާނެއެވެ. 
ފާއިތުވި އަހަރު ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރަކަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކުރަނީ: ފޮޓޯ/ ފ އަތޮޅު ތައުލީމީ މަރުކަޒު 
މި ވިސްނުމުގައި އަބްދުالله އަމާޒުހިފީ ސްކޫލުގައި ކުރަން ހުންނަ ކުދި ކުދި މަސައްކަތްތައް އަމިއްލައަށް ކޮށްލައިގެން އެކަމަށް ހަރަދުވާ ފައިސާ ސަލާމަތްކުރުމެވެ. މި ވިސްނުމުގެ ދަށުން ސްކޫލުގެ ފާހަނަ ސާފުކުރުމުގެ މަސައްކަތާއި ހަމައިން ފުރާޅު ސާފުކުރުމުގެ މަސައްކަތާއި ހަމައަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް އަމިއްލަ ކަމެއް ކަމުގައި ދެކިގެން އަބްދުالله އައީ ކުރަމުންނެވެ. 
ހަމަ ރަނގަޅަށް ލިބުނީ، މި ރަށާއި މި ރަށުގެ އެހުރި އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނު ހަމަ ނިއުމަތެއްް އަބްދުالله އެއީ، ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުން އެކަތިގަނޑަކަށް ވެގެން ކުރާ މަސައްކަތް މިއީ، އެހެނަސް މިހުރިހާ މަސައްކަތެއްގެ އިސް މޭސްތިރިއަކީ އަބްދުالله، އަނެއްކާ ސްކޫލަކީ އަބްދުالله ގެ ހަމަ، ދެން ގެޔޭ ދޯ ބުނެވޭނީ، ބައެއް ދުވަސްދުވަހު އިރު އެބަ އޮއްސޭ އަބްދުالله ސްކޫލުގެ މޯޓަރެއް/އޭސީއެއް ހަދަން ހުއްޓާ، ޔަގީން އެވަރުގެ ޕްރިންސިޕަލެއް ނުހުންނާނެ ރައްޖެއަކު
ފ އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިއެއް
އަބްދުالله ގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރެއްގެ ގޮތުގައި ފާހަގަކުރަނީ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ޖަލީލަށެވެ. ބޭބެގެ ހިކުމަތްތެރި ވިސްނުމާއެކު އަބްދުاللهއަށް ދެއްކި މަގުން ފިޔަވަޅު ނޭޅިނަމަ، މިއަދު ހުރި ކާމިޔާބީ މަންޒިލްގެ ތަސްވީރެއްވެސް އަބްދުالله އަށް ނުފެނުނީސް ކަމުގައި އަބްދުالله ދެކެއެވެ. 
ފ އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ ފ އަތޮޅު ތައުލީމީ މަރުކަޒު 
އަބްދުالله އަކީ ކިޔަމަންތެރި ކުއްޖެެއް، ދުރަށް ވިސްނާ ވިސްނުންތެރި ދީނަށް ލޯބިކުރާ ކުއްޖެެެއް، އަނެއްކާ އަބްދުالله ކޮންމެ މަސައްކަތެއްވެސް ކުރާނީ ނުހަނު އިހްލާސްތެރިކަމާއި ޝައުގުވެރިކަމާއެކު، ދެން ކޮންމެ ކަމެއްގައިވެސް އަބްދުالله ގެ އެއްވަނަ ޝިއާރަކަށްވާނީ ދީން "ވިސްނަވާލައްވާ ދެއް ކާމިޔާބާއި އަބްދުالله އާއި ދެމެދު ހުންނާނެ ކައިރިކަން"
އަބްދުالله ގެ ބޭބެ މުހައްމަދު ޖަލީލް / މިރިހި ފ ނިލަންދޫ 
ކާމިޔާބު ފްރިންސިޕަލެއްގެ އިތުރުން ރަސްމީ މަސައްކަތުން ބޭރުގައި ކާމިޔާބު މީހަކަށް ވުމުގައި އަބްދުالله ގެ އާއިލާގެ އިތުރުން ހާއްސަކޮށް، އަނބިމީހާގެ އެއްބާރުލުމާއި އެހީތެރިކަން އަބްދުالله ފާހަގަކުރެއެވެ. 
ބައެއް ފަހަރު އަޅުގަނޑަށް ވަރަށް ގިނަ ވަގުތު ހޭދަކުރެވޭ ސްކޫލުގައި، އެކަމަކު ދުވަހަކުވެސް އެކަމާ ނުރުހުންވެ ދެބަސްވެ ނުހަދާނެ އަންހެނުންނެއް، އޭގެ ބަދަލު ހުރިހާ ކަމެއްގައިވެސް ވަރަށް އެއްބާރުލުންދީ އެންމެ ގާތުގައި ހުންނާނެ.
އަބްދުالله
ރަސްމީ މަސައްކަތުން ބޭރުގައިވެސް އަބްދުالله އަކީ ނަމޫނާއެކެވެ. ދިރިއުޅުމުގެ ހުރިހާ ޒިންމާއެއް ފުރިހަމައަށް އަދާކުރާ، އެއްވެސް ކަމަކަށް ފަރުވާ ކުޑަކުރާ ފިރިއެކެވެ. ދަރިންގެ ހުރިހާ ޒިންމާތަކެއް އެންމެ ފުރިހަމައަށް ނަގައިގެން ދިރިއުޅުމަށްޓަކައި އެކުދިންނަށް ހެޔޮ ތަރުބިއްޔަތުދޭ ތަރުބަވީ ބައްޕައެކެވެ. އުމުރުން ދުވަސްވެފައިވާ މައިންބަފައިން ބެލުމުގެ މަސްއޫލިއްޔަތާއި ހަވާލުވެ އެ ދެމީހުންނަށް އަޅާލުމާއި އޯގާތެރިކަންދޭ ކިޔަމަންތެރި ދަރިއެކެވެ. 
ފިރިމީހާގެ ހުރިހާ ޒިންމާތަކެއް އަބަދުވެސް ބަރާބަރަށް އަދާކުރާނެ، ކިތަންމެ ބުރަކޮށް އުޅުނަސް އެއްވެސް މަސައްކަތެއް ފަހަށް ކުރާކަށް ނުބަހައްޓާނެ، އަނެއްކާ ގޭތެރޭގެ ހުރިހާ މަސައްކަތެއްގައިވެސް ނުހަނު އެއްބާރުލުން ދޭނެ، ދަރިންގެ ޒިންމާތައް އަދާކުރުމާއި އެކުދިންނަށް ނަމުނާ ދެއްކުމުގައި ވެސް އެއްވަނަ އެއީ، އަޅުގަނޑުމެން ދެމީހުންގެ ވެސް މައިންބަފައިންދެކެވެސް އަބްދުالله އިންތިހާއަށް ލޯބި ވާނެ،" އެކަހަލަ ހެޔޮލަފާ އޯގާތެރި ފިރިއަކު ލިބުން އެއީ ހަމަ ސުވަރުގޭގެ ނިއުމަތެއްް ލިބުން ފަދަ ކަމެއް" 
އަބްދުالله ގެ އަންހެނުން ޝީޒާ 
ކޮންމެއަކަސް ބުރަ މަސައްކަތާއި އެތަކެއް ގުރުބާނީއެއްގެ ނަތީޖާއެއްގެ ގޮތުން، މިއަދު ފ އަތޮޅު ތައުލީމީ މަރުކަޒަކީ މުޅި ރާއްޖެއިންވެސް ހޮވާލެވޭ އެއް ސްކޫލު ކަމުގައިވެއްޖެއެވެ. 
ސާނަވީ އިމްތިހާނު ތަކުގައްޔާއި މަތީ ސާނަވީ އިމްތިހާނުތަކުގައި އެ ސްކޫލުން ހޯދަމުން އަންނަ ނަތީޖާ އަހަރަކަށް ވުރެ އަހަރެެއް އަންނަނީ ރަނގަޅު ކުރަމުންނެވެ. 
އިޖްތިމާއި މަސައްކަތެއްގެ ތެރެއިން އަބްދު: ފޮޓޯ/ ފ އަތޮޅު ތައުލީމީ މަރުކަޒު
މިއަދު ފ އަތޮޅު ތައުލީމީ މަރުކަޒުގެ ތައުލީމީ ދަތުރުގެ ރިޔާ ހުރީ ފައްސިޔަކޮށެވެ. ސީދާ ކާމިޔާބީގެ މަލަމައްޗާއި ދިމާއަށް ތެދުކޮށްފައޭ ބުނެވިދާނެއެވެ. އެހެން ދަތުރުގެ ތެރެއިން ބަނދަރުކުރަންޖެހޭ ކާމިޔާބީގެ ކޮންމެ ބަނދަރަކަށްވެސް ފަސޭހަކަމާއެކު ބަނދަރުކުރަމުންނެވެ. ކުރިމަތިވާ ކޮޅިގަނޑުތަކާއި ރާޅުތަކާއި ދެކޮޅަށް އޮޑި ފަހި ކުރުމަށް ގާތްގަނޑަކަށް ހުރިހާ ހުރިހާ ފަޅުވެރިންވެސް އެއް އަންބާ އެއް ކިޔައިގެންނެވެ. ވުމާއެކު މި ކާމިޔާބު ދަތުރުގެ އިސްމޭސްތިރިއަކީ އޮޑީގެ މާލީމީ، އަބްދުالله އަހްމަދު ކަމުގައި ނޫނީ ނުވާނެއެވެ. 
މިއަދު ފ ނިލަންދޫގައި އުފެދެމުން އެދަނީ ރަށުގެ ތާރީޚުގައިވެސް ދުށް އެންމެ ތައުލީމީ ޖީލުތަކެވެ. ފ ނިލަންދޫ ތާރީޚުގެ ތެރޭގައި ލިޔެވެމުން ވެސް އެދަނީ ރާއްޖޭގައި ތައުލީމީ ރޮނގުން އެންމެ ބޮޑެރި ކާމިޔާބީތައް ހޯދަމުންދާ ރަށްތަކުގެ ގޮތުގައެވެ. 
ފ ނިލަންދޫ ގައި ހުންނަ ފ އަތޮޅު ހޮސްޕިޓަލަކީ ރާއްޖެއިންވެސް އެންމެ ފުރަތަމަ 100 އިންސައްތަ ދިވެހި ނަރުހުން މަސައްކަތް ކުރަންފެށި ހޮސްޕިޓަލެވެ. އެ ރަށުގެ 15 އަށް ވުރެ ގިނަ ކުދިން ޑަކްޓަރީކަންވެސް އަންނަނީ ކިޔަމުންނެވެ. ރަށަށް ބޭނުންވާ އެއްވެސް ވަޒީފާއެއްގެ ރޮނގުން ނުކިޔަވާ ކުއްޖަކު އެ ރަށުގައި ނެތެވެ. 
ވުމާއެކު ފ ނިލަންދޫގެ މި ތައުލީމީ ޖީލު ބިނާކުރުމުގެ ފުރާޅުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ހުރެ އަބްދުالله އެކުލާލި އުސޫލުތަކާއި ރުކުރުވާލި ބަދަހިކަމުގެ ނަތީޖާއިން ނިކުނތް ނޭވާ ކިހައި ފޮނި ނޫންތޯއެވެ؟ 
ހަމަ ޔަގީނުންވެސް ފ ނިލަންދޫ ދެކެމުން އެދާ ތައުލީމީ ރަންދުވަސްތަކާއި ތައުލީމީ ޖީލުގެ ހަގީގީ ބައްޕައަކީ އަބްދުالله އަހްމަދުކަން ގައިމެވެ.
" ވޮއިސް ޓީމުގެ ފަރާތުން އަބްދުالله އަހްމަދަށް އިތުރު ކާމިޔާބީއާއި އުފާ ފާގަތިކަމަށް އެދެމެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ