ޒުވާނުން ވޯޓުލުމަށް ޝައުޤުވެރިކަން ކުޑަވާ މައްސަލައަށް ހައްލު ހޯދަންޖެހޭ: އީސީ

18 އަހަރު ފުރިގެން އަލަށް ވޯޓްލުމުގެ ހައްގު ލިބޭ ގިނަ ޒުވާނުން ވޯޓުލުމަށް ޝައުގުވެރިކަން ނުހުންނަކަމަށާއި އެކަމަށް ޤައުމީ ފެންވަރުގައި ހައްލު ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ހަސަން މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
މީގެކުރިން ބޭއްވި މަޖިލިސް އިންތިޚާބުތަކާ އަޅާބަލާއިރު މި މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވަމުން ހަސަން ޒަކަރިއްޔާ ވިދާޅުވީ އޭގެ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން، ކޮންމެ އިންތިޚާބަކަށް ވޯޓުލެވޭ މީހުންގެ އާބާދީ އިތުރުވާއިރު ވޯޓުލާ މީހުންގެ ނިސްބަތް އިތުރުނުވުމަކީ ގޯސް ފާލެއް ކަމަށާއި އެކަމާއި އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ.
ރައްޔިތުން ވޯޓުލާން ޝައުގުވެރިނުވާ ސަބަބުތައް ދެނެގަތުމަށް ޢިލްމީ ދިރާސާއެއް ކުރަން ޖެހޭ ކަމަށާއި ސިޔާސީ ޕާޓީތަކުންވެސް ރައްޔިތުން ވޯޓުލުމަށް ޝައުގުވެރިކުރުވުމަށް ކުރެވޭނެ ކަންކަން ދެނެގަނަން މަސައްކަތް ކުރަން ޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ 18 އަހަރު ފުރިގެން އަލަށް ވޯޓްލުމުގެ ހައްގު ލިބޭ ގިނަ ޒުވާނުން ވޯޓުލުމަށް ޝައުގުވެރިކަން ނުހުންނަކަން މިހާތަނަށް ބެލިބެލުމުން ފާޙަގަކުރެވިފައިވާކަމަށެވެ. އަދި މިއީ މުސްތަގުބަލަށްބަލާއިރު ގޯސް ފާލެއް ކަމަށާއި އެކަމަށް ޤައުމީ ފެންވަރުގައި ހައްލެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާ ވާހަކަދެކެވުނު ވަރަށް ގިނަ ކުދިން މިބުނަނީ ތިމަންނަމެން ބޭނުމެއް ނޫނޭ ދާކަށް. ބައިވެރިވާކަށް ބޭނުން ނޫނޭ. ތިމަންނަމެން ބައިވެރިވުމާއި ނުވުމާ ތިމަންނަމެންނަ ނޯ ޑިފަރެންސޭ،" ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ރައްޔިތުންގެ ބަސް އިއްވުމުގައި ނުވަތަ ވޯޓްލުމުގައި ފަސް ޖެހުމަކީ ދައުލަތުގެ ހުރިހާ މުއަސަސާއަކުންވެސް ސިޔާސަތުތައް ކަނޑައެޅުމުގައި ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ މަޖިލިސް އިންތިޚާބުތަކަށް ބަލާއިރު މިއަހަރު ބޭއްވި އިންތިޚާބަކީ ވޯޓުލީ މީހުންގެ ނިސްބަތް އެންމެ މަދު އިންތިޚާބެވެ. މި އިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ 75 އިންސައްތައެވެ. 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 78 އިންސައްތަ މީހުން ވޯޓުލާފައިވާއިރު 2014 ވަނަ އަހަރު 77 އިންސައްތަ އަދި 2019 ވަނަ އަހަރު 81 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ