ނުދެއްކި ހުރި ފެން ބިލްތަކަށް މަހުން މަހަށް ފައިސާ ދައްކައި ހަލާސް ކުރެވޭނެ ލުއި ގޮތެއް ހަމަޖައްސައިފި

ނުދެއްކި ހުރި ގޭބިސީގެ ފެން ބިލުތަކަށް ފައިސާ ދައްކައި ހަލާސް ކުރެވޭނެ އެދޭ ކަސްޓަމަރުންނަށް އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.
ސަރުކާރުން ވަނީ ގޭބިސީތަކުގެ ފެންބިލާއި ކަރަންޓް ބިލު ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމަށް މިދިޔަ އާދީއްތަ ދުވަހު ނިންމައިފަ އެވެ.
އެ ނިންމުމާއެކު މިިދިޔަ އަހަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކުރުމަށް ނިންމި ނަމަވެސް، އެ ޖޫރިމަނާ މާފުކޮށްދޭނީ ޖޫރިމަނާ އަރާފައިވާ ބިލްތައް ދެއްކުމުންނެވެ. އެ ބިލުތައް ދެއްކުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ލިބޭނެ އެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއްބަސްވުމެއްގެ ދަށުން ނުދެއްކި ހުރި ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސްކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
ނަމަވެސް އެފަދަ ކަސްޓަމަރުންނަށްވެސް ޖޫރިމަނާ މައާފުކޮށްދޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ހަލާސްކުރުމުން ކަމަށް ބުންޏެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ