ތިއަ ކަނބަލުން އާދައާ ޚިލާފަށް ރީތިވީމާވެސް އަގެއް ނުހުންނަނީ ކީއްވެގެން ހެއްޔެވެ؟

ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން މަގުއޮޅި ތިމާގެ އަގުވައްޓައިލާ މީހުން މަދެއް ނޫނެވެ. ކިތަންމެ ތަނަވަސް މީހަކު ނަމަވެސް އިންސާނުން އުޅެން ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުން ބޭރުވެއްޖެނަމަ އެމީހަކު ވާނީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންނެވެ. އެއިރުން އެވެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް އަގެއް ނެތް މީހަކަށެވެ. ހަމަ އެފަދައިން ﷲ ތަޢާލާ ރީތިކަން ދެއްވެވުމުންވެސް ދުނިޔޭގައި މީސްތަކުންގެ ކުރިމަތީގައިވެސް އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ އަގުވައްޓައިލާ މީހުން މިދަނީ ގިނަވަމުންނެވެ.
ލިބުނު ދައުވަތަށް ބޭރު ޤައުމަކަށް ކުރި ދަތުރެކެވެ. ބައެއް އެކުވެރިންނާއި ވާހަކަދައްކާލަން ލޮބީގައި މަޑުކޮށްލައިގެން އިނީމެވެ. ވަރަށް ރީތި ޒުވާން އަންހެންކުދިންތައް ފިރިހެނުންގެ ގައިގައި އޮޅުލަމުން ބައްދަލުން ދެކޮޅަށް ހިނގައެވެ. އެތަން ބަލަން އިނދެފައި އެކުވެރިއަކު ސުވާލުކުރިއެވެ. "ޝައިޚްއެވެ! އާދައާ ޚިލާފަށް ރީތިވީމާވެސް އަގެއް ނުހުންނަނީ ކީއްވެތޯއެވެ؟"
އޭނާއަށް ޖަވާބުދެވުނީ ވަރަށް ގިނަ ވާހަކަތައް ކިޔައިދީގެންނެވެ. ބުނީމެވެ.
އަހަރެމެންގެ ތެރެއިން މީހަކަށް އާދައާ ޚިލާފް ރީތިކަމެއް ﷲ ތަޢާލާ ދެއްވަވައިފިނަމަ މިފެންނަނީ އެމީހަކު މަގުފުރެދިގެންދާތަނެވެ. ﷲ ތައާލާ ނަހީ ކުރެއްވެވިހައި ކަންކަން ކުރަމުން ގެންދާތަނެވެ. ސަބަބެއް ކަމަށް ބުނަނީ މިޒަމާނުގެ ބަހުރުވައިންނަމަ "ޑިމާންޑް" ބޮޑުވުން ކަމަށެވެ.
މުދަލަށް ބަލައިފިނަމަ ޑިމާންޑް ބޮޑުވެއްޖިއްޔާ އަގު އުފުލެއެވެ. ނަމަވެސް އަންހެނެއްމ ފިރިހެނެއް ކިޔާނެ ކަމެއް ނެތެވެ. ގިނަ އިންސާނުންނަށް ޑިމާންޑް ބޮޑުވީމާ މިވަނީ އެހެންގޮތެކެވެ. އަގުވެއްޓެނީއެވެ. އެއީ އެންމެން ތުންފުހޭ ތުންފުއްސަކަށް ބަދަލުވާތީއެވެ. އެންމެން ތުންފުހޭ ތުންފުއްސެއްގައި ހުންނާނީ ކޮންއަގެއް ހެއްޔެވެ؟
ތިބާއަށް އާދައާއި ޚިލާފް ރީތި ކަމެއް ލިބިފައިވާނަމަ ފުރަތަމަވެސް ވިސްނަން ޖެހޭނީ އެ ނިޢްމަތް ލިބުނު ގޮތަކާއިމެދުގައެވެ. ހަމަ ޔަޤީނުންވެސް އެ ނިޢްމަތް އެލިބުނީ ތިބާގެ މައިން ބަފައިންގެ ކިބައަކުން ނޫނެވެ. އެމީހުންގެ މަސައްކަތަކުން ނޫނެވެ. އަދި ތިބާގެ މަސައްކަތަކުންވެސް އެ ނިޢްމަތް ލިބިފައި އެވަނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ.
އެހެންކަމަށްވާއިރު ފުރަތަމަވެސް އޮތީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. ﷲ ތާޢާލާއަށް ޝުކުރުވެރިވުމަކީ ﷲ ތަޢާލާ އަންގަވާފައި ގޮތަށް ތިމާގެ އަމަލުތައް ބެހެއްޓުމެވެ. އެއާއި ޚިލާފްވާނަމަ އެކަން ބަދަލުވާނީ ޝުކުރުވެރި ނުވުމަށެވެ. ﷲ ތަޢާލާ މިންވަރުކުރައްވަވާ ނިޢްމަތްތަކަށް ޝުކުރުވެރި ނުވާނަމަ ދެން ކަންތައްތައް މެދުވެރިވެގެންދާނެ ގޮތް ވެސް ވަރަށް ރަނގަޅަށް އެނގޭ ނޫން ހެއްޔެވެ؟
ވިސްނައިލާށެވެ! ޔޫސުފްފާނަކީ ރީތިކަމުގެ ގޮތުން ދެވަނައެއް ނެތް ފަދަ މިސާލެކެވެ. ޔޫސުފްގެފާނުގެ އަރިއަހުން ރަސްގެފާނުގެ އަނބިކަނބަލުން ފާހިޝް އަމަލަކަށް އެދުނު ހިނދު އަމަލުކުރެއްވެވި ގޮތާއިމެދު ވިސްނާށެވެ! އެކަމުގެ އަގަކަށް ފައިސާ އާއި ބޮޑު މަޤާމާއި ބޮޑު ޢިއްޒަތް ހުށަހެޅުމުން ނިންމެވި ނިންމެވުމަށް ވިސްނާށެވެ! ނިންމެވީ އެ ހުރިހާ ކަންކަން ދޫކުރައްވައި ޖަލަށް ވަޑައިގަތުމަށެވެ. ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުފުޅުންނެވެ.
އެ ނިންމެވުމުގެ ސަބަބަށް އެތައް އަހަރެއް ވަންދެން ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް ފަހުން ކަންކަން މެދުވެރިވެވަޑައިގެންނެވި ގޮތާއިމެދު ވިސްނާށެވެ! އެދުވަހު ﷲ ތަޢާލާއަށް ބިރުފުޅުން ދޫކޮށް ލެއްވެވި ހުރިހާ ކަންކަން މާފުރިހަމަ ގޮތުގައި ވަނީ ލިބިވަޑައިގެންފައެވެ. ﷲ ތައާލާ ވަނީ ދެއްވަވައިފައެވެ. މިޞުރުގެ ވެރިކަމާއި ތަނަވަސްކަމާއި ހުރިހާ ބާރުތަކެއް ވަނީ ލިބިވަޑައިގެންފައެވެ.
މިއީ މިއަދުގެ ޒުވާނުންނަށް ވަރަށް މުހިންމު ފިލާވަޅެކެވެ. ޢިބްރަތް ޙާޞިލުކުރުމަކީ އެމީހެއްގެ ކަމެކެވެ! ތިބާގެ ރީތިހަށިގަނޑުގައި ކައިވެނީގެ ބޭރުން ބީހުނަ ނުދޭށެވެ. ރީތިކަން ދެއްވެވިކަމަށްޓަކައި ޝުކުރުވެރިވުމަކީ އެއީއެވެ. އެއާއި ޚިލާފްވާނަމަ އެމީހަކު ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިއެގަންނަނީ އަމިއްލައަށެވެ.
ޔޫސުފްގެފާނުގެ ސިޔަރަތާއި ބެހޭގޮތުން ދޭ ދަރުސްތަކުގައިވެސް މިކަންކަން ފާހަގަކުރަމެވެ. އެއީ ވަރަށް ފެންނަން އޮތް ލާމަސީލު މިސާލަކަށްވާތީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ