ކުއްލިއަކަށް ތަން ބަދަލުކުރުމުން އޯލެވެލް ހަދާ އަމިއްލަ ކެނޑިޑޭޓުންގެ ކަންބޮޑުވުން

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ހަމަ ކުއްލިއަކަށް ތަން ބަދަލުކޮށްލީމަ އެގްޒާމްގެ ކްރެޑިބިލިޓީ ވެސް އެ ގެއްލެނީ. އެހެންވީމަ އެގޮތަށް ބަދަލުކުރުމަކީ އެންމެ ރަގަޅު ގޮތެއް ނޫން،"
އޯލެވެލް އިމްތިހާނު ހަދާ އަމިއްލަ ކެނޑިޑޭޓުންގެ އެގްޒާމް ހޯލް ކުއްލި ގޮތަކަޑް ބަދަލު ކުރުމުން ބެލެނިވެރީންނާއި ދަރިވަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އޯލެވެލް އިމްތިހާނު ފަށާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އިމްތިހާނު ފެށުމުގެ ކުރިން ޓައިމްޓޭބަލާއި ސްޓޭޓްމެންޓް އޮފް އެންޓްރީ ދެއެވެ. އިމްތިހާނުގައި ބައިވެރިވާ އަމިއްލަ ކެނޑިޑޭޓުންނަށް އިމްތިހާބު އޮންނާނެ ތަން ވެސް އަންގަ އެވެ.އަމިއްލަ ގޮތުން އިމްތިހާނު ހަދާ މީހުންގެ އެގްޒާމް ހޯލަކަށް ހަމަޖައްސާފައި ވަނީ މާލޭގެ އިއްޒުއްދީން ސްކޫލެވެ. އިއްޔެގެ ނިޔަލަށް ކުދިން އިމްތިހާން ހެދީ އެ ހޯލުގަ އެވެ. ނަމަވެސް އިއްޔެ އޮތް އިނގިރޭސި ޕޭޕަރު ނިމުމުން ދެން އިމްތިހާނު އޮންނާނީ ކާމިލް ދީދީ ޕްރީ ސްކޫލުގައި ކަމަށް ވަނީ އަންގާފަ އެވެ. މި އެންގުން އެންގީ ކުއްލި ގޮތަކަށް ނޯޓިހެެއް ބަހައްޓަ އެވެ.އެގޮތުން މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހު އޮތް އިމްތިހާނުތައް އެ ޕްރީ ސްކޫލަށް ވަނީ ބަދަލުކޮށްފަ އެވެ. އެންމެ ފަހު އިމްތިހާން އަންނަ މަހުގެ 13 ވަނަ ދުވަހު އޮންނައިރު އެ އިމްތިހާނު އޮންނަ ތަން ބަދަލުވެފައެއް ނުވެ އެވެ. އެއީ އަރަބިއްޔާ ސްކޫލެވެ.މިކަމާ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. "މިރާ" އާ ވާހަކަދެއްކި ބައެއް ބެލެނިވެރިން ބުނީ އޭގެ ސަބަބުން ބެލެނިވެރިންނަށް ވެސް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ."އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ހަމަ ކުއްލިއަކަށް ތަން ބަދަލުކޮށްލީމަ އެގްޒާމްގެ ކްރެޑިބިލިޓީ ވެސް އެ ގެއްލެނީ. އެހެންވީމަ އެގޮތަށް ބަދަލުކުރުމަކީ އެންމެ ރަގަޅު ގޮތެއް ނޫން،" ބެލެނިވެރިއަކު ބުންޏެވެ.
ބެލެނިވެރީން ބުނީ އެ ޝަކުވާ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެމީހުން ބުނާ ގޮތުގައި ތަން ބަދަލުކުރީ ކުރީން އިމްތިހާނު ހެދި ހޯލު ހޫނު ގަދަކަމުން އޭސީ ހުރި ތަނަކަށް ބަދަލުކުރުމަށް ކަމަށެވެ. ނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބެލެނިވެރިން ބުނެ އެވެ."ހޫނު ގަދަވެގެން އޭސީ ހުރި ތަނަކަށް ބަލަދު ކުރިޔަސް މިހެން އިމްތިހާން ހިނގަ ހިނގާ އޮއްވަ ބަދަލުކުރެވިގެން ނުވާނެ. ބެލެނިވެރިންނަށް ވެސް އެކަމުން ބޮޑު ތަކުލީފެއް އަނެއްކާ މި އުފުލަން ޖެހެނީ،" މައުލޫމާތު ދިން ބެލެނިވެރިޔާ ބުންޏެވެ.މިކަމާ ގުޅިގެން ކަމާ ގުޅުން ހުރި ފަރާތެއްގެ ބަސް މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.މި އަހަރު އޯލެވަލް އާއި އެސްއެސްސީ އިމްތިހާނު 256 މަރުކަޒެއްގައި ކުރިއަށް ދާއިރު، އޯލެވަލް އިމްތިހާނުގައި 7501 ދަރިވަރުން ބައިވެރިވެ އެވެ. އަދި 7133 ދަރިވަރުން އެސްއެސްސީ އިމްތިހާނު މި އަހަރު ހަދަ އެވެ.މި އަދަދުތަކަކީ މިދިއަ އަހަރަށްވުރެ 803 ދަރިވަރުންގެ އިތުރު ނިސްބަތެކެވެ. މިދިއަ އަހަރު އެ އިމްތިހާން ހެދީ 6،698 ދަރިވަރުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ