ޕީޕީއެމް އިން އީސީ އަށް ހުށަހެޅި ފޯމްތަކާ މެދު މައުމޫން ފެކްޝަނުން ސުވާލު އުފައްދައިފި

ޕީޕީއެމް އިން މިމަހު 13 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި މެމްބާޝިޕް ފޯމްތަކާ މެދު ކުރީގެ ރައީސް މައުމޫންގެ ފެކްޝަނުން ސުވާލު އުފައްދައިފި އެވެ. ރައީސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް މިމަހު 13 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމް އިން 1800 ފޯމް އީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ ރައީސް ޔާމީން ޕީޕީއެމް ހިންގަން ފެށި ފަހުން ލިބުނު 4000 ފޯމުގެ ތެރެއިން ބައެއް ކަމަށް ވިދާޅުވެފައިވެ އެވެ. ހަލީލް އެގޮތަށް ޓުވީޓު ކުރައްވާފައިވާ އިރު މައުމޫން ފެކްޝަންގެ ޑެޕިއުޓީ ރެޖިސްޓްރާ ޝަހީދާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޔާމީން ޕީޕީއެމްގެ މަދަދުގާރުން ޕީޕީއެމް އޮފީހުގައި ހުރި މުދާތައް ގެންދިޔަ އިރު އީސީ އަށް ފޮނުވަން 2000 ފޯމު ތައްޔާރުކޮށްފައިވާނެ ކަމަށެވެ. އަދި އީސީ އިން ރިޖެކްޓްކޮށްފައި ހުރި 3000 ފޯމު ވެސް ރެޖިސްޓްރޭޝަން ޑިޕާޓްމެންޓްގައި ހުންނާނެ ކަމަށެވެ. އެ ފޯމުތައް ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ. މައުމޫން ފެކްޝަނުން ފޯމްތަކާ މެދު ސުވާލު އުފެއްދި ނަމަވެސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަލީލް ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޕީޕީއެމް ހިންގަން ފެށިފަހުން އެކި ކަންކޮޅުތަކުން ޕާޓީއާ ގުޅޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. ފޯމް ތަކާމެދު ސުވާލު އުފައްދާފައިވާ މި ދަނޑިވަޅުގައި މިއަދު ވަނީ ތ. ގުރައިދޫގެ 50 އަށްވުރެ ގިނަ ޒުވާނުން ސޮއިކޮށްފައިވާ ފޯމް ޔާމީން ފެކްޝަނަށް އަރުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ