ފަރީދިއްޔާ ސްކޫލް ހިންގަން ކޮލިޓޭޓާ ހަވާލުކޮށްފި
ހުޅުމާލެ ލާލޭ ޔޫތު އިންޓަނޭޝަލް ސްކޫލު ނުވަތަ ފަރީދިއްޔާ ސްކޫލު ހިންގުން ކޮލިޓޭޓް އެޑިއުކޭޝަންއާ ހަވާލު ކޮށްފި އެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމުގެ އެއްބަސް ވުމުގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގައި ކޮލިޓޭޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދެެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން މުހައްމަދު އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ދެއްކެވި ވާޙަކަފުޅުގައި މުހުސިން ވިދާޅުވީ ކޮލިޓޭޓް އާ ފަރީދިއްޔާ ސްކޫލް ހިންގުން ހަވާލުކުރީ އިވެލުއޭޝަން ކްރައިޓީރިއާ އަށް ބަލައި އެންމެ މަތިން މާކްސް ހޯދީ އެ ކުންފުނިން ކަމަށް ވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ކޮލިޓޭޓް އާ އެ ސްކޫލް ހިންގުން ހަވާލުކުރީ އޭސީސީގެ ލަފާގައިވާ ހުރިހާ ކަމެއް ބެލުމަށްފަހުގައި ކަމަށެވެ. "އެކަން ބައްލަވާފައި އޭސީސީ އިން ދެއްވި ގައިޑްލައިންސްތަކެއް. ލަފައެއް ދެއްވާފައި އެބައޮތް. އެ ލަފާގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ޓީމުން ބެލުމަށް ފަހު އަޅުގަނޑުމެން ލަފާ ހޯއްދަވާ ފަރާތްތަކުން ލަފާ ހޯދާފައި އަޅުގަނޑުމެން ނިންމީ ކޮންޓްރެކްޓްގައި ސޮއި ކުރަން،" އެ ލަފާގައި ވަނީ ކޮންކޮން ކަންކަމެއް ކަމެއް މުހުސިން ވިދާޅެއް ނުވެ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު ވިދާޅުވީ އެ ސްކޫލް ހިންގުމަށް ހަމަޖެހިފައި ވަނީ ލަންކާގެ ގޭޓްވޭ ކޮލެޖާ ގުޅިގެން "ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް"ގެ ނަމުގައި ކަމަށެވެ. އޭނާ ވިދާޅުވީ ތައުލީމީ އާ އަހަރާ އެކު ސްކޫލް ހުޅުވާއިރު ނިމި ދިޔަ ދިރާސީ އަހަރު އެސްކޫލުގައި ކިޔެވި ދަރިވަރުންނަށް ފުރުސަތު ލިބޭނެ ކަމަށެވެ. އެ ސްކޫލުގައި ކިޔަވައިދިނުމުގައި ގެންގުޅޭނީ ޓިއުޝަން ނަގަން ނުޖެހޭ އަދި ހޯމް ވޯކް ވެސް ހަދަން ނުޖެހޭ ފަދަ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. ފަރީދިއްޔާ ސްކޫލް ހިންގުން ކޮލިޓޭޓް އެޑިއުކޭޝަނާ ހަވާލު ކުރުން ލަސްވެފައި ވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވާ ކަމަށް ބުނެ އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހުރި ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނުމުން އޭސީސީ އިން އެކަން ހިނގި ގޮތް ބަލަން ޖެހުމުގެ ސަބަބުންނެވެ. ނަމަވެސް އެޑިޔުކޭޝަނުން މިއަދު ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލަ ބެލުމަށް ފަހު ކޮލިޓޭޓް އާ ސްކޫލް ހިންގަން ހަވާލު ކުރީ އެ ކޮމިޝަނުން ދީފައިވާ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ