ގުޅިފަޅު ހިއްކުން ކުރިއަށް ގެންދެވޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި
ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭން ނިންމައިގެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކ. ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އިއްޔެ ނެރުނު އަމުރު ހުއްޓުވައި، މަސައްކަތް ކުރިއަށް ގެންދަން ވަގުތީ އަމުރެއް ސްޕްރީމް ކޯޓުން މިއަދު ނެރެފި އެވެ. ކުރީގެރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފަށައި އެ މަސައްކަތް ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އާންމު މީހަކު މިދިޔަ އަހަރު ހުށަހެޅި މައްސަލައަކާ ގުޅިގެން ހައި ކޯޓުން އިއްޔެ އަމުރު ނެރުނީ އެ މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށެވެ.އެ އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ފަހު ހައި ކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުނެވެ.ސްޕްރީމް ކޯޓުން ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ، އެ މަސައްކަތް ހުއްޓުވައިފިނަމަ ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވުމުގެ ފުރުސަތު ބޮޑުކޮށް ފެންނަން އެބައޮތް ކަމަށެެވެ. އެހެންވެ، އެޓާނީ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކޮށްފައިވާ ހައިކޯޓުގެ އަމުރުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން މަސައްކަތް ހުއްޓާލަން ނެރުނު އަމުރަށް އަމަލުނުކުރުމަށް އަންގާ ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނެރުނު އަމުރުގައި ވަނީ ހައި ކޯޓުގެ އަމުރު ތަންފީޒުވެއްޖެ ނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވޭތީ ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅަން އަންގާ ކަމަށެވެ.އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު އަލީ ރަޝީދެވެ.މި މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ މަސައްކަތް ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް ސަރުކާރުން ބިން ހިއްކާ ކުންފުންޏަށް ތިން ލައްކަ ޑޮލަރު (4.6 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށެވެ.ގުޅީފަޅުން ޖުމްލަ 150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު މިހާތަނަށް 100 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފަ އެވެ.އެ އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަށަވަރުކޮށް ދެއްވި އެވެ. އަދި ހައި ކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ