ޗައިނާގެ ޓައިމް ސެންޓަރަށް އެމެރިކާގެ ސައިބާ ހަމަލާތަކެއް!
ޗައިނާގެ ގައުމީ ޓައިމް ސެންޓަރު (ނޭޝަނަލް ޓައިމް ސާވިސް ސެންޓަރު) އަށް އެމެރިކާއިން ސައިބާ ހަމަލާތައް ދީ، ސިއްރުތައް ވަގަށް ނަގާފައިވާ ކަމަށް ޗައިނާއިން ތުހުމަތުކޮށްފިއެވެ. މި ހަމަލާތަކުގެ ސަބަބުން ގުޅުންތަކުގެ ނެޓްވޯކްތަކާއި، މާލީ ނިޒާމުތަކާއި، ކަރަންޓުގެ ޚިދުމަތާއި، ބައިނަލްއަގުވާމީ ސްޓޭންޑާޑް ޓައިމަށް ބުރޫއެރުމުގެ ފުރުސަތު އޮތް ކަމަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. https://sun.mv/208735ޗައިނާގެ ސްޓޭޓް ސެކިއުރިޓީ މިނިސްޓްރީން އެމީހުންގެ ވީޗެޓް އެކައުންޓްގައި އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) އިން ގައުމީ ޓައިމް ސެންޓަރަށް ސައިބާ ހަމަލާތައް ދެމުންދާ ކަމަށެވެ. ޗައިނާގެ ތަހުގީގަށް ފެނިފައިވާ ގޮތުގައި، 2022 ވަނަ އަހަރުން ފެށިގެން ވަގަށް ނަގާފައިވާ މައުލޫމާތާއި ސިއްރު ކޯޑުތައް ބޭނުންކޮށްގެން، ޓައިމް ސެންޓަރުގެ މުވައްޒަފުންގެ މޮބައިލް ފޯނުތަކަށާއި ނެޓްވޯކް ނިޒާމުތައް ވަނީ ޖާސޫސްކޮށްފައެވެ. އެގޮތުން 2022 ވަނަ އަހަރު ބޭރުގެ ސްމާޓްފޯނު ބްރޭންޑެއްގެ މެސެޖިން ޚިދުމަތެއްގައި ހުރި "ބަލިކަށިކަމެއް" ބޭނުންކޮށްގެން މުވައްޒަފުންގެ ފޯނުތަކަށް ވަދެފައިވާ ކަމަށް ވެސް ޗައިނާއިން ބުނެފައިވެއެވެ. ނަމަވެސް އެ ބްރޭންޑެއްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. ގައުމީ ޓައިމް ސެންޓަރަކީ ޗައިނާގެ ސްޓޭންޑާޑް ޓައިމް އުފައްދައި، ބަލަހައްޓައި އަދި ފަތުރާ، ޗައިނާގެ އެކަޑަމީ އޮފް ސައިންސަސްގެ ދަށުން ހިންގާ ރިސާޗް އިދާރާއެކެވެ. ޗައިނާގެ ތަހުގީގަށް ވަނީ 2023 އަދި 2024 ވަނަ އަހަރު ވެސް އެމެރިކާއިން މި ސެންޓަރުގެ އެތެރޭގެ ނެޓްވޯކް ނިޒާމުތަކަށް ހަމަލާދީ، އަދި އެތަނުގެ ހައި-ޕްރިސިޝަން ގްރައުންޑް-ބޭސްޑް ޓައިމިންގ ނިޒާމަށް ހަމަލާދޭން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ހޯދިފައެވެ. މި ތުހުމަތުތަކާ ގުޅިގެން ބެއިޖިންގައި ހުންނަ އެމެރިކާގެ އެމްބަސީން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެމްބަސީގެ ތަރުޖަމާނަކު ރޮއިޓާސްއަށް ފޮނުއްވި އީމެއިލްއެއްގައި ވިދާޅުވެފައިވަނީ، ޗައިނާގައި ހަރަކާތްތެރިވާ ސައިބާ އެކްޓަރުން ވަނީ އެމެރިކާގެ އަދި ދުނިޔޭގެ މުވާސަލާތީ ބޮޑެތި ކުންފުނިތަކުގެ ނެޓްވޯކްތަކަށް ވަދެ، ޖާސޫސްކުރުމުގެ ބޮޑެތި ކެމްޕޭންތައް ހިންގާފައި ކަމަށެވެ. އަދި އެމެރިކާގެ ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއި، އެގައުމުގެ މުހިންމު އިންފްރާސްޓްރަކްޗާ ނެޓްވޯކްތަކަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރާ ފަރާތަކީ ޗައިނާ ކަމަށް ވެސް އެމެރިކާގެ ތަރުޖަމާނު ވިދާޅުވިއެވެ. ސައިބާ ހަމަލާތަކުގެ ތުހުމަތުތައް ޗައިނާއާއި އެމެރިކާގެ ދެމެދުގައި ވަނީ ފާއިތުވި އަހަރުތަކުގައި އިތުރުވެފައެވެ. މި ދެގައުމުން ވެސް ދަނީ އަނެއް ގައުމަކީ އެމީހުންނަށް އޮތް އެންމެ ބޮޑު ސައިބާ ނުރައްކާ ކަމަށް ސިފަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ