ކުރީ ސަރުކާރަށް ނިންމާލެވުނީ ހަނިމާދޫ އެއާޕޯޓްގެ 28 ޕަސެންޓް، 72 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފް

ރާއްޖޭގެ އުތުރުގެ އިގްތިސާދީ މައި ދޮރޯށީގެ ގޮތުގައި ސިފަކުރާ ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް މިރޭ ހުޅުވުނުއިރު އެއާޕޯޓް ތަރައްގީގެ މަސައްކަތުގެ 72 އިންސައްތަ ނިންމީ މި ސަރުކާރުން ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ނިންމުނީ އެއާޕޯޓްގެ 28 ނުވަތަ 30 އިންސައްތަ މަސައްކަތް ކަމަށެވެ. ބާކީ 70 ނުވަތަ 72 އިންސައްތަ މަސައްކަތް ނިންމީ މި ސަރުކާރުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާކުރު މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ބާރު އަޅުއްވާ އެހީތެރިވެ ދެއްވީ ރައީސް މުޢިއްޒު އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު --
"މި މަސައްކަތަކީ މި ސަރުކާރު އައިއިރު 28 ޕަސެންޓާއި 30 ޕަސެންޓާއި ކޮމްޕްލީޓްވެފައިވާ ތަނެއް. ތަފާތު މީހުން ތަފާތުގޮތްގޮތަށް ދެކިދާނެ. އެކަމަކު މިވަރު ބޮޑު ފެސިލިޓީއެއް ހަދާއިރު ހިންގުމަށް ބޭނުންވާ ހުރިހާ ކަމެއް އެއީ ހިންގުމަށް ބޭނުންވާނެ ކަންކަން," ޝަރީފްް ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި ވަނީ ނުނިމި ހުރި ބައެއް މަސައްކަތްތައްވެސް ފާހަގަ ކުރައްވާފަ އެވެ.
"އަޅުގަނޑުމެން ހަވާލުވިއިރު ޕެސެންޖާ ޓާމިނަލް ބިލްޑިންއެއް ނުނިމޭ. ކާގޯ ޓާމިނަލް ބިލްޑިންއެއް ނުނިމޭ. ޖެޓީއެއް ނުނިމޭ, ފަޔަރ ސްޓޭޝަނެއް ނުނިމޭ. އިންޖީނުގެއެއް ނުނިމޭ," ޝަރީފް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު --
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވަނީ ރަންވޭ ބޮޑުކޮށް ޓާމިނަލްވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިންމާފަ އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފަހުން ތަރައްޤީ ކުރެވުނު ރަންވޭއަކީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި ބޯޓްފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. ޖާގަ ތަނަވަސް މި އެއަރޕޯޓްގައި އޭ-320 އަދި ބޮއިންގް-737ގެ މަރުކާގެ ފްލައިޓްތަކަށް ހިދުމަތް ދެވޭނެއެވެ. މި އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ބޭއްވޭ ޖާގައިގެ އޭޕްރަންއެއް ވެސް ތަރައްޤީކޮށްފައިވެއެވެ. މި މަޝްރޫއު އަށް ޖުމުލަ 2 ބިލިއަން ރުފިޔާ (800 މިލިއަން ޑޮލަރު) ވަނީ ޚަރަދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ