ލޯކަލް ޓޫރިޒަމް ފުޅާވެ ކަރަންޓު ޑިމާންޑު ބޮޑުވާތީ، އުކުޅަހަށް އިތުރު ޖެންސެޓެއް

އއ. އުކުޅަހުގައި ލޯކަލް ޓޫރިޒަމް ފުޅާވެ، ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވަމުން އަންނާތީ ސްޓެލްކޯއިން އެ ރަށަށް އިތުރު ޖެންސެޓެއް ފޮނުވައިފިއެވެ. ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޓްވީޓެއްގައި ވަނީ ލޯކަލް ޓުއަރިޒަމްގެ ދާއިރާއިންނާއި، އުމްރާނީ ގޮތުން އުކުޅަސް ތަރައްގީވަމުން އަންނަ ކަމަށެވެ. އަދި، އެ ރަށުގައި ކަރަންޓުގެ ޚިދުމަތަށް އޮތް ޑިމާންޑް އިތުރުވަމުން އަންނަކަން ވެސް އެ ކުންފުނިން ދެނެގަންނަ ކަމަށް ބުނެފައިވެއެވެ. އެހެންވެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެ ޖެންސެޓް އިންސްޓޯލްކޮށް، ބޭނުންކުރަން ފެށުމާއެކު އުކުޅަހުގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. https://x.com/STELCOMALDIVES/status/1987024034488263057 އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އުކުޅަހުގެ އާބާދީ 1،284އަށް އަރައެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓު ކެނޑޭ މައްސަލަ ދޭތެރެދޭތެރެއިން ފެންމަތިވަމުންދެއެވެ. އެފަދަ މައްސަލަތައް ދިމާވުމުން، ކަރަންޓު މައްސަލަ ހައްލުވުމުން އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުންދާންޖެހެއެވެ. ބޮޑު އާބާދީތައް އޮންނަ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ފުވައްމުލަކު ސިޓީގައި ވެސް ކަރަންޓުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ ދެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ދެނީ ފެނަކައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ