ކެމޮމައިލް 61

"ހަޔާތަކީ ކުރު އެއްޗެކެވެ. ވަގުތު ބޭކާރުނުކޮށް ﷲ ތައާލާ އެންގެވިގޮތަށް އުޅެމުން އުފަލުގައި ދިރިއުޅުން ވޭތުކުރާށެވެ. ހިތާމައާއި ނެގެޓިވް ވިސްނުންތަކަށް ޖާގަ ނުދޭށެވެ. އެއިން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ފަހި ވިސްނުމާއި ޝުކުރުވެރިވުމާއި ވަކީލުކުރުންފަދަ ކަންތައްތަކުން ހިތަށް ހަމަޖެހުން ލިބޭނެއެވެ." *** ތުނިކޮށް ވެހެންފެށި ވާރޭ ބޯކޮށްލީ އޭނަގެ ކަރުނަފަދައިންނެވެ. ކުޑަދޮރަށް ހަމަލާދޭންފެށިއެވެ. އޭނަ ކަރުނުން ފުސްވެފައިވާ ލޮލުން ދޮރާއި ދިމާލަށް ބަލަންފެށިއެވެ. އަނެއްކާވެސް ވާރޭ އައީ ހަމަ އެފަދަ މެސެޖަކާއިގެން ހެއްޔެވެ؟ ކުރީފަހަރު ޒުބޭރުވަނީ ނުރައްކަލުގައިކަން ބުނެދޭން ލައިލާއައީވެސް މިފަދަ ރެއެއްގައެވެ. *** އަހަރުތަކެއް ފަހުން ހޮސްޕިޓަލަށް ޑިއުޓީއަށް އަންނަމުން ދިޔަ ނަރުސްކުދިންގެ ހުދު ކޯޓާއި ނަން ބެޖްތަކަށް އިރުގެ އަލިކަންއެޅި ވިދަމުންދިޔައެވެ. މިރިއަމްވެސް ކާރުން ފައިބައިގެން ހިނގައިގަތްއިރު މޫނުމަތިން ފެނުނީ އަމިއްލަ ނަފުސަށް އިތުބާރު އޮތްވަރެވެ. އެތެރެއަށް ވަދެފައި އާދައިގެ މަތިން ބަލިމީހުންގެ ހާލު އޮޅުން ފިލުވައިލަން ވޯޑުތަކަށް ޒިޔާރަތްކުރިއެވެ. "އައްސަލާމް އަލައިކުމްް މިރިއަމް ސިސްޓާރ.."ކަައުންޓަރު ކައިރީގައި ހުރި ނަރުސްކުއްޖަކަށް އޭނަ ފެނުމާއެކު އުފަލުން ލޯ ދިއްލުނެވެ. "ވައަލައިކުމުއްސަލާމް....ބެޑް ސިކްސްގެ ވައިޓަލްސް ބަލައިލަން ހަނދާންނައްތާނުލައްޗޭ އިނގޭ..ޑައލިސިސް ހެދުމަށްފަހު ބީޕީ ފްލަކުޗްއޭޓް އެބަވޭ..." އޭނަ ހިނިތުންވެލިއެވެ. "ޔެސް މޭމް..." އެލަފުޒު އަޑު އަދިވެސް އޭނަގެ ކަންފަތަށް ބީރައްޓެއްސެވެ. މިފަދަ މަގާމަށް އާދެވިދާނެކަމަށް އޭނަ ދުވަހަކުވެސް ނުދެކެއެވެ. ހަތް އަހަރުކުރިން އޭނަވެސް އުޅުނީ ތަމްރީނުވަމުން ދިޔަ ނަރުސްކުއްޖެއްހެންނެވެ. އެހެން މީހުންގެ އަމުރަށް ތަބާވާން ޖެހެނީ އަޅެއްފަދައިންނެވެ. އަމިއްލަ ނަފުސަށް ޔަގީންކަމެއް ނޯވެއެވެ. މަޑުމަޑުން ވާހަކަދައްކާ ލަދުރަކިކުއްޖެކެވެ. މިހާރު މަންޒަރު ބަދަލުވެއްޖެއެވެ. އޭނައަކީ ނަރުހުންގެ އިސް ވެރިޔާއެވެ. ޑޮކްޓަރުންނާއި ބަލިމީހުންވެސް އޭނައަށް އިހުތިރާމްކުރެއެވެ. އެކި މައްސަލަތަކުގައިި އޭނަގެ ލަފާ ހޯދައެވެ. އިދާރީ މުވައްޒަފުންވެސް އޭނަ ފެނުމުން އަދަބުވެރިކަމާއެކު ސަލާމްކޮށްލައެވެ. އިސްވެރިޔަކަށްވީ ނަމަވެސް ބަލިމީހުންނަށް ޚިދުމަތްކުރުމަކީ އޭނަގެ އުފަލެކެވެ. ފިޒިޝަނުންގެ އިސްވެރިޔާ އޭނަ ފެނުމުން ގޮވައިލިއެވެ."އިއްޔެ މިރިއަމް ސިސްޓަރގެ މަސައްކަތް ވަރަށް ބަރާބަރު...އޮޕަރޭޝަނަށްފަހު ނާޒިމާ ސްޓޭބްލްވާން އިރުކޮޅެއްވެސް ނުނަގާ....އެހެންވެ އެމީހުން ދިން ހަދިޔާއެއް.." "ތެންކިޔު ޑޮކްޓަރ..."އޭނަ ގެ ހީލުމުގައި ރަސްމީގޮތެއް ހުއްޓެވެ. އޭނަ ކެބިންއަށް ވަނުމާއެކު ނަޒަރުގައި އަޅައިގަތީ މޭޒުމަތީގައި ހުރި ލިލީމަލުގެ ވާސްއެވެ. ކައިރީގައި ކުޑަ ނޯޓެކެވެ. ބަލިމީހުންގެ ފަރާތުން އޭނައަށް އެފަދަ ތައުރީފުގެ ބަސްތައް އިވޭލެއް މަދެއް ނޫނެވެ. " ތިއީ ހަމަ އަޅުގަނޑުމެންގެ މަންމައަށްޓަކާ ރަހުމަތެއް......ﷲ ބަރަކާތް ލައްވާށި.." މިރިއަމް އެކާޑުގައި މަޑުުމަޑުން އަތް ޖައްސައިލިއެވެ. އޭނަގެ މޭގައި ކުޑަ ހޫނު އިހުސާސެއް ހިނގައިގަތެވެ. އޭނަ އަބަދުވެސް ބޭނުންވީ މިފަދައިން ބަލިމީހުން އޭނަ ބަލައިގަތުމެވެ. ތައުރީފު ބޭނުންނުވިޔަސް އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ ﷲ ތައާލާގެ ރުހިވޮޑިގަތުމާއި ދަރުމަ ބޭނުންވެގެންނެވެ. އެ ސަވާބު ލިބޭނެކަން އެނގޭނީ މިދުނިޔެއާއި ވަކިވުމުންނެވެ. ނަމަވެސް މިދުނިޔެއިންވެސް ބައެއް އުއްމީދު ފުރިހަމަވެއްޖެއެވެ. އޭނަ ބޭނުންވީ މިފަދަ ހަޔާތެކެވެ އޭނަގެ ދިރިއުޅުމުގެ ބޭނުމަކީ ހަމައެކަނި ހިތާމައިގާ ނިމިގެން ދިޔުމަށްވުރެ މުޖުތަމައަށް އެފަދަ އަގުހުރި ޚިދުމަތެއްކޮށްދިނުމެވެ. މިރިއަމްގެ ރިހިކުލައިގެ ކާރަށް އަރައިގެން ދުއްވައިލަމުން ގުރުއާން އަޑުއަހަންފެށިއެވެ. ހުސްވަގުތެއް ލިބިއްޖެއްޔާ އޭނަގެ އުފަލަކީ ގުރުއާނެވެ. *** މާލޭގެ މަގުތަކާއި އިމާރާތްތައް ބަދަލުވެ މަގުތައް ފުޅާވެ ސާފުތާހިރުކަމުގެ ނިޝާންތައް ބަލައިލި ކޮންމެ ދިމާލަކުން ފެނެއެވެ. އޭނަ އަބަދުވެސް ދުއްވަނީ ހަމަ އެއްމަގަކުންނެވެ. އިމާރާތްތައް ފަސްދެމުން ދިޔައިރު އޭނަގެ އަތްތިލަ ބޭއްވިފައިވަނީ ހުންގާނުގައެވެ. ތުންފަތުގައިވީ ހިނިތުންވުމެކެވެ. ގެއާިއ ހަމަޔަށް ފޯރުމާއެކު އޮޓޮމެޓިކް ދޮރާށި ހުޅުވުނެވެ. ކުރިމަތިން ފެންނަން ހުރީ އަގުބޮޑު އެޕާޓްމެންޓެކެވެ. އެތަނުގެ ދޮރުތަކަށް އުޑުގެ ހިޔަނި އެޅި ނިކަން ފުރިހަމަކޮށް ފެނެއެވެ. ލޮބީގައި ހަރުލާފައިވަނީ ލިލީ އަދި ޑިސިންފެކްޓެންޓް ވަހެވެ. ހޮސްޕިޓަލުގެ ތެރެއިން ނޭފަތުގައި ޖެހޭވަހެވެ. މިއީ އޭނައާއި ފިރިމީހާގެ އަމިއްލަ ގެއެވެ. އަމިއްލަވަންތަކަން އިހުސާސްކުރެވޭ އަމިއްލަ ތަނެކެވެ. ހުވަފެނުންވެސް ފެނިފައިނުވާހާ އަރާމު ތަނެކެވެ. އެޕާޓްމެންޓްގެ ދޮރު ހުޅުވައިލުމާއެކު ގަނޑުފެންފަދަ ފިނިކަމެއް މޫނުގައި ބޮސްދިނެވެ.ތަޅުންމަތީގެ ބައްތިތަކުން ސަންގުމަރުމަރުހިލައަށްވެސް މަޑު އައްޔެއް ވެރިކުރުވާފައެވެ. އެހާ ސާމާނު ގިނައެއްނޫނެވެ. މަތާރަންފިލާގައި މެޑިކަލް ޖާނަލްސްތަކާއި އޭނަގެ މަންމަގެ ފޮތްތައް ވިއެވެ. އެތަނުގައި ހިފާފައި ވަނީ އޫދުއާއި ޖޭޒްމިންގެ ލުއިވަހެވެ. ކޮފީ މޭޒުމަތީގައި ހުރި ވާސް ފުރިފައިވީ ކެމޮމައިލް މާތަކުންނެވެ. އޭނަ ބޫޓު ބާލާފައި ހަރުގަނޑުގައި ބަހައްޓަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ކައުންޓަރުމަތީ ދަަބަސްބޭއްވިއެވެ. އޭނަ އެގޭތެރޭގައި އުޅުނީ އެތައް ޒަމާނެއްވާންދެން އުޅެ ފަރިތަވެފައިވާ ތަނެއްހެންނެވެ. ބެލްކަނީގެ ދޮރު ހުޅުވައިލުމުން ވައިރޯޅިއަކަށްފަހު ވައިރޯޅިއެއް އެތެރެއަށް ވަނުމުގެ ޝަރަފު ހާސިލުކުރިއެވެ. އޭނަ އިރުކޮޅެއްވާންދެން މަގުގެ ހަލަބޮލިކަން ދެކެން މަޑުކޮށްލިއެވެ. އަދިވެސް ދޭތެރެއަކުން މިފަދަ އެކަނިވެރި ވަގުތުކޮޅު އޭނަގެ ހިތަށް ދަމާލައެވެ. އޭނަ އަމިއްލައަށް އެ ހަނދާންތާއި ދިމާލަށް ނުދިޔަސް އެ ހަނދާންތައް އަބަދުވެސް އޭނަގެ ސިކުނޑީގައިވާ ހިޔަންޏެއްފަދައިން ފިލާހުރެއެވެ. ބައެއްފަހަރު ކެމޮމައިލްގެ ވަސް ނޭފަތުގައި ޖެހުމުންނެވެ. ބައެއްފަހަރު އެ ހުނުމުގެ އަޑެވެ. ފިޔަވަޅުތަކުގެ އަޑެވެ. ނޫނީ ހަމަ ވާރޭގެ ތިކިތައް ދޮރުފަތުގައި ޖެހޭ ގޮތުންވެސް މެއެވެ. ހިތުދަސްވެފައިވާ ވިންދެއްފަދައިންނެވެ. އެ ހަދާންތަކުގައި ކުރިން ޣަރަގުވެގެންދަނިކޮށް އަތުގައި ކޮޅަށް ހިފާ ހިތްވަރުދިން ބައިވެރިޔާއާއެކު އޭނަ މިވަނީ އުފާތަކުގެ އެތައް ފަތްތަރެއް ގިރާކޮށްފައެވެ. އޭނަ ބެލްކަނީއިން އެނބުރުނީ އަނެއްކާވެސް އެ ހަނދާންތަކުގެ އައްސޭރިފަށުން ދުރަށް ދިޔުމަށެވެ. ނޫނީ އެކަނޑަށް ވެއްޓި ޣަރަގުވެދާނެއެވެ. ކައުންޓަރުމަތީގައި އޮތް ފޯނު ދިއްލުމުން ނެގިއިރު މެސެޖެކެވެ. ހޮސްޕިޓަލްގެ ބޯޑުން ހަދާންކޮށްދީފައިވަނީ އަންނަ ހަފްތާގެ ހަފްލާއެވެ." ނަރސް އޮފް ދަ ޔިއަ" ގެ މަގާމު މިއަހަރު ލިބެނީ އޭނައަށެވެ. އޭނަ ޖަވާބެއް ލިބުނުއިރު ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. "ދުނިޔެއިން ލިބޭ އެވޯޑްތަކާއި މަގާމުތަކަކީ ހަމައެކަނި ދުނިޔެއިން ލިބޭ ވަގުތީ އުފަލެއް އަދި ދެއްކުންތެރިކަމެއް...މުހިއްމުކަމަކީ ހެޔޮ އަމަލުތަކާއިގެން ދުނިޔެއާއި ވަކިވުން ކަން ހަނދާންނައްތާނުލާތި މިރިއަމް..އެވޯޑްތަކުން ޝެލްފް ޒީނަތްތެރިވިޔަސް ކަށްވަޅަށްދާނީ އެހުރިހާ އެއްޗެހި ބަހައްޓާފައި...މަތީ މަގާމާއި މުއްސަދިކަން ލިބުމުން ބޮޑާނުވެ ހައްތާ ހިތްތިރިކުރަން ޖެހޭނީ..." އޭނަ ހެދުން ބަދަލުކޮށްލާފައި ޚަތިމް ހިފައިގެން ގޮސް އިށީދެލީ ބެލްކަނީގައި ހުރި ސޯފާގައެވެ. މިއީ މަންމަގެ ކިޔަވަންގެންގުޅުނު ގުރުއާނެވެ، އޭނަ މާކްކޮށްފައިވާ ސަފުހާ ހުޅުވައިލާފައި ކިޔަވަންފެށިއެވެ. ކޮންމެ އާޔަތަކާއިމެދު ވިސްނަމުންނެވެ. ފުރަތަމަވެސް ހިތަށް އަސަރުކުރުވާފަދަ ފުރިހަމަ ވަހީބަސްފުޅެކެވެ. ރައުދު ސޫރަތުގެ އަށާވީސް ވަނަ އާޔަތުގައިވަނީ “ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ” "އެއީ އީމާން ވީ މީހުންނެވެ. އަދި ﷲ ހަނދުމަކުޅައުމުން ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" މިފަދަ އާޔަތްތަކަކީ އޭނަގެ ހިތުގެ ފިނިކަމެވެ. ކިތަންމެ އަވަދިނެތި އުޅުނަސް ފަތިސްނަމާދަށްފަހު އަދި ގެއަށް އައިސް ގުރުއާން ނުކިޔަވަންޏާ ދުވަސް ފުރިހަމައެއްނުވާނެއެވެ. އެކަމަށް އާދަވެ ހޭނުނުފަހުން އެންމެ ދުވަހެއްވެސް ވައްޓާނުލާ އޭނަ ކިޔަވަނީ އެއީ ހަމަ ހިތުގެ ހަމަޖެހުން ކަން ޔަގީންވާތީއެވެ. ސިކުނޑީގައި ގަދަވާ އަޑުތަކުން ހިމާޔަތް ހޯދުމަށެވެ. އުފަލަކީ މުއްސަދިކަމާއި މަޝްހޫރުވުން ނޫންކަމާއި ﷲ ތައާލާގެ ފަރާތުން އަންނަ އެއްޗެއްކަމުގައި ހިތަށް ހަނދާންކޮށްދިނުމަށެވެ. ކިޔަވާ ނިމިގެން ޚަތިމް ލައްޕާލިއިރު ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. "އަލްހަމްދުލިﷲ...ހުރިހާކަމަކަށް..ﷲ ގެންދެވި އެއްޗެއްސާއި ދެއްވި އެއްޗެއްސަށް..މިއަދު ހަޔާތުގެ ހުރިހާ ހުވަފެންތަކެއް ފުރިހަމަވީއިރު ދެކެން މަންމަ ހުރިނަމަ...އެތައް އަހަރެއްވާންދެން ހިތާމަ ނޫން އެއްޗެއް ނުފެނުނު...ނަމަވެސް ﷲ ތައާލާ އުފާވެރިކަމުގެ މިންވަރެއް ދުނިޔެއިން ދެއްވީ...."އޭނަ އެތައްފަހަރު ޝުކުރުވެރިވިއެވެ. ގޭގެ މައިދޮރުގެ ތަޅު ހުޅުވުނުއަޑާއެކު އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުން ފުޅާވިއެވެ. ދޮރު ރަގަޅަށް ނުހުޅެވެނީސް އިސްތަށިގަނޑު ހާވާލައިގެން ހުރި ކުޑަ އަންހެންކުއްޖެއްގެ ހުނުމުގެ އުފާވެރިކަން ގުގުމައިލިއެވެ. ތުއްތު ދެފަޔަށް ލެވުނުހާބާރެއް ލާފައި އޭނައާއި ދިމާލަށް ދުއވައިގަތެވެ. ސަންގުމަރުމަރު ތަޅުންމަތި އޮމާންކަމުން ކައްސާލާފާނެތީ އޭނަ ލޯބިން ބުނެލީ މަޑުމަޑުން ދުވުމަށެވެ. "މަންމާ....." މިރިއަމް އަތް ހުޅުވައިލުމާއެކު ދަރިފުޅުގޮސް އަތުގެ ހިމާޔަތަށް ވަނެވެ. އޭނަ ލުއިފަތެއްހެން ދަރިފުޅު އުރާލާފައި އޭނަގެ ކޯތާފަތް އެކުއްޖާގެ މީރުވަސްދުވާ މޫނުކޮޅުގައި ޖައްސައިލިއެވެ."މަންމަގެ ކުޑަ ކުޑަ މަރީ.." "މަންމަ ގުރުއާން ކިޔަވަނީ؟ ބިސްމިﷲ..."އެކުއްޖާ މިރިއަމްގެ ކަރުގައި އޮތް ހާރުގައި ހިފަހައްޓައިލިއެވެ. "ޢާނ ލޯބި..މަންމަ އަބަދުވެސް ކިޔަވަމެއްނު..ދަރިފުޅުވެސް ކިޔަވަންވާނެ..."އޭނަގެ ނަޒަރު ދެން ހުއްޓުނީ ދޮރާއި ދިމާލަށެވެ. ހަމްޒާ ދޮރުފަތް ހުޅުވަން ހިފަހައްޓައިލިގޮތަށް ހުރެ އަނެއް އަތުން ބޫޓު ކިބަ ބާލަންފެށިއެވެ."މަންމަ ގާތަށް ދަރިފުޅު ގެންދިޔައީ..." "ބަސްއަހައިގެން ހުރީ؟" މިރިއަމްގެ އަޑުގައިވީ ސަމާސާގޮތެކެވެ. އޭނަ ދަރިފުޅު މަރްވާ ކިހިލީގައި ޖަހައިލިއެވެ. "ވަރަށް ބަރާބަރު..."ހަމްޒާ ކުޑަކޮތަޅެއް ހިފައިގެންގޮސް ކައުންޓަރުމަތީގައި ބޭއްވިއެވެ."މިރިއަމް ގަންނަން ބުނި އެއްޗެހި..ޒައިތޫނު ތެލާއި ކަދުރު އަދި......" "ކެމޮމައިލް ސައި..." ހަމްޒާ ގެ އަޑު ތަންކޮޅެއް މަޑުވިއެވެ. "ހަނދާން ހުރި ދޯ...."މިރިއަމް ހިނިތުންވެލިއެވެ."ޑިނާއަށް ކޯނޗެއް ރަގަޅުވާނީ؟" ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ