އެލިއާގެ ބްލަޑް ކޭމްޕް ހޮނިހިރު ދުވަހު ހުޅުމާލޭގައި ބާއްވަނީ އެލިއާގެ ބްލަޑް ކޭމްޕް ހޮނިހިރު ދުވަހު ހުޅުމާލޭގައި ބާއްވަނީ

އެލިއާއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ބްލަޑް ކޭމްޕް އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރު، އޮރެންޖް ހިޔާގައި ބޭއްވުމަށް ނިންމައިފި އެވެ.
އެލިއާއިން ބުނީ އެ ބްލަޑް ކޭމްޕް ކުރިއަށްދާނީ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން އިރުއޮއްސި 6:00 ޖަހަންދެން ކަމަށެވެ.
މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން އެލިއާއިން ބާއްވާ އެ ކޭމްޕްގެ މަގްސަދަކީ ލޭ ހަދިޔާކުރުމަކީ ދިވެހިންނަށް އަހުލުވެރި ކަމަކަށް ހެދުމާއެކު، އެކަކު އަނެކަކަށް އަޅާލާ، ބޭނުންޖެހޭ ހިނދު ތައްޔާރަށް ތިބޭ މުޖުތަމައުއެއް ބިނާ ކުރުމެވެ.
ދިވެހިންގެ މެދުގައި ލޭ ހަދިޔާކުރުން ފަދަ ދަރުމަވެރި ހަރަކާތްތައް ހިންގުމަކީ މަގުބޫލު އަދި ގިނަ ފަރުދުންގެ ތަރުހީބު ލިބޭ ކަމަށްވާތީ، މިފަހަރުގެ ކޭމްޕް ވެސް ކާމިޔާބު ކޭމްޕަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް އެލިއާއިން ބުންޏެވެ.
"އިންސާނުންގެ ތެރޭގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބައެއް. ހާއްސަކޮށް، އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ ވަރަށް ބޮޑަށް އަގުކުރެވޭ ކަންކަން. ލޭ ދިނުމަކީ އިންސާނީ ދިރިއުޅުމަށް އަގުހުރި އަދި ނުހަނު މުހިންމު ހިދުމަތެއް،" އެލިއާއިން ބުންޏެވެ.
އެލިއާއިން ބުނީ ލޭގެ ބޭނުންޖެހޭ ވަގުތު އެކަށީގެންވާ ލޭގެ ރިޒާވެއް ފަސޭހައިން ލިބެން ހުރުމުގެ ސަބަބުން، ސިއްހީ ހިދުމަތްތެރިންނަށް ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާ ކަމަށެވެ.
ނެޝަނަލް ބްލަޑް ސާވިސްއާ ހަވާލާދީ އެލިއާއިން ބުނީ ލޭ ހަދިޔާކުރާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން، ލޭ ހޯދުމަށް ބޮޑެތި ދަތިތަކާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ފުރަތަމަ ފަހަރަށް ލޭ ހަދިޔާކުރާ މީހުންގެ އަދަދުވެސް މަދު ކަމަށެވެ.
ލޭ ހަދިޔާކުރުމުގެ މައިގަނޑު މަގްސަދަކީ އެހެން މީހުންނަށް އެހީތެރިވުން ކަމުގައިވީ ނަމަވެސް، ލޭ ހަދިޔާކުރާ ފަރާތަށްވެސް ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބެ އެވެ.
އެގޮތުން ގަވާއިދުން ލޭ ހަދިޔާކުރުމުން ހަށިގަނޑުގައި ދަގަނޑުގެ މިންވަރު ދުޅަހެޔޮ މިންގަނޑެއްގައި ހިފެއްޓުމަށް އެހީވެ، ކާޑިއޯވަސްކިއުލާ ބަލިތަކުގެ ނުރައްކާތެރިކަން މަދުކޮށް، ލޭގެ އައު ސެލްތައް އުފެދުމަށް މަގުފަހިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ