ހުވަދޫއަތޮޅުގައި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް: 12 ކިލޯގެ ޑްރަގް، 16 މީހަކު ހައްޔަރު

ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ސައުތު ޕޮލިސް އިން ހުވަދޫއަތޮޅުގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގަައި މި އޮޕަރޭޝަން ހިންގީ މި މަހުގެ ދެ އަކން 13 އަށެވެ.
މި އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ ގއ. މާމެންދޫއިން ހައްޔަރުކުރި ހަތް ފިރިހެނުންނާއި އަންހެނަކާއި ގދ. ވާދޫއިން ހައްޔަރުކުރި ފަސް ފިރިހެނުންގެ އިތުރުން މާލެއިން ހައްޔަރުކުރި ތިން ފިރިހެނުންނެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެކެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް 18 ގެއަކާއި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށަކާއި ހުސްބިންތަކެއް ބަލައިފާސްކުރުމުގެ އިތުރުން ދެ ކާރާއި ފަސް ސައިކަލް ބަލައިފާސްކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ. އަދި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވެ އެވެ.
މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، ތިން މީހަކަށް 30 ދުވަސް، ހަ މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެ އެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގެ މައުލޫމާތު ކުރިން މީޑިއާތަކަށް ހިއްސާނުކުރީ، މި އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ތަންތަނަކީވެސް "އޮޕަރޭޝަން އަލިމަގު" އާ ގުޅޭގޮތުން އެއްކުރެވުނު މައުލޫމާތުގެ އަލީގައި ބަލައި ފާސްކުރެވުނު ތަންތަނަށް ވެފައި މައުލޫމާތު ހާމަކޮށްފިނަމަ "އޮޕަރޭޝަން އަލިމަގު" އަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ ކަމަށެވެ.,
މިއާއެކު، އިތުރަށް މަޑުނުކޮށް، ލިބެމުން ދިޔަ މައުލޫމާތަށް ބަލައި ހެކި ގެއްލިދާނެ ކަމުގެ ފުރުސަތު އޮތުމާއެކު އޮޕަރޭޝަންގެ މި ބައި ކުރިއަށް ގެންދިއުމަށް ނިންމީ ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ