އިންޑިއާ ފިލްމުތަކަށް އޮސްކާ އެވޯޑު ނުލިބެނީ މިހެންވެ
އިންޑިއާގެ ފިލްމުތައް އޮސްކާ އެވޯޑަށް ނޮމިނޭޓްވި ނަމަވެސް، އެ ފިލްމުތަކަށް އެވޯޑު ކާމިޔާބުވުމުގައި ހުރަސްތަކެއް އެބަހުރި ކަމަށް ޑައިރެކްޓަރު ކިރަން ރާއޯ ބުނެފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ހިތްތައް ހިންދީ ސިނަމާއިން ފަތަހަކުރަމުން އަންނަތާ އެތައް ސަތޭކަ އަހަރުވެފައިވީ ނަމަވެސް އޮސްކާ އެވޯޑް ފޯ ބެސްޓް އިންޓަނޭޝަނަލް ފީޗަ ފިލްމު އިންޑިއާގެ ފިލްމަކަށް ކާމިޔާބު ކުރެވިފައި ނެތީ ހުޅަނގު މީހުން ހިންދީ ސިނަމާއާ މެދު ދެކޭ ނަޒަރިއްޔާތުގެ ސަބަބުން ކަމަށް ކިރަން ވަނީ ބުނެފައެވެ. ކިރަން ހާމަކުރި ގޮތުގައި އިންޑިއާގެ ސިނަމާއަކީ އެއް ފިލްމަކުން ވެސް އެތައް ވާހަކަތަކެއް ކިޔައިދޭ ސިނަމާއެއް ނަމަވެސް އިންޑިއާގެ ފިލްމުތަކުގެ އުފެއްދުންތެރިކަމާ މެދު ބޭރުގެ ޤައުމުތަކުގެ މީހުން އަދިވެސް ސުވާލު އުފައްދާ ކަމަށެވެ. ޚާއްސަކޮށް އެކަޑެމީ އެވޯޑުގެ ޖޫރީންގެ ގޮތުގައި ތިބޭ މެމްބަރުން ދެކޭ ގޮތުގައި އޮސްކާ އެވޯޑެއް ކާމިޔާބު ކުރުމަށް އިންޑިއާގެ ސިނަމާތަކުން ފުރިހަމަކުރަންޖެހޭ ކެޓަގަރީތައް އަދިވެސް އެބަހުރި ކަމަށް ކިރަން ވަނީ ބުނެފައެވެ. މި އަހަރުގެ ފިލްމުފެއަ އެވޯޑުގައި ވިދާލި "ލާޕަތާ ލޭޑީސް"ގެ ޓީމު--ފޮޓޯ/ފިލްމުފެއަ ކޮންމެ ޤައުމަކުން ވެސް އަނެއް ޤައުމަކުން އުފައްދާ ފިލްމާ މެދު ދެކޭގޮތް ވަރަށް ތަފާތު ކަމަށާއި އެކަން ޖަޕާނުގައި ބޭއްވި އިންޓަނޭޝަނަލް އެކަޑެމީ ފިލްމު ފެސްޓިވަލެއްގައި ސާބިތުކޮށްދިން ކަމަށް ކިރަން ވަނީ ބުނެފައެވެ. މި އަހަރުގެ ފިލްމުފެއާ އެވޯޑުގައި 13 ކެޓަގަރީއަކުން އެވޯޑު ކާމިޔާބުކުރި ކިރަންގެ ފިލްމު "ލާޕަތާ ލޭޑީސް"އަށް އެ ފެސްޓިވަލުގައި އެވޯޑެއް ކާމިޔާބު ކުރެވުނުއިރު އެއީ އެ ފެސްޓިވަލްގައި ވާދަކުރި އެންމެ ބޮޑު ކޮމާޝަލް ފިލްމު ނޫން ކަމަށް ވެސް ކިރަން ވަނީ ބުނެފައެވެ. ނަމަވެސް، ފިލްމު "ލާޕަތާ ލެޑީސް"ގެ ޓީމުން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް އެ ޤައުމުން ފިލްމު ބަލައިގަތުމަކީ ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކިރަން ވަނީ ބުނެފައެވެ. އިންޑިއާއިން އަންނަ އަހަރުގެ އޮސްކާ އެވޯޑަށް ފޮނުވަން ނޮމިނޭޓްކޮށްފައިވާ ފިލްމު "ހޯމްބައުންޑް"ގެ ޕޯސްޓަރެއް އަދި ފިލްމުގެ ޑައިރެކްޓަރު ނީރަޖް--ފޮޓޯ/ފިލްމުފެއައިންޑިއާއިން އުފައްދާ ފިލްމުތަކަށް އޮސްކާ އެވޯޑެއް ކާމިޔާބުކުރަން ބޭނުންވާނަމަ އެ ފިލްމު ވާންޖެހޭނީ ހުރިހާ ޤައުމެއްގެ އޯޑިއަންސަށް އުފައްދާ ފިލްމަކަށް ކަމަށާއި އެއާ ޚިލާފަށް މިހާރު އުފައްދާ ފިލްމުތަކުގެ ފުރަތަމަ އޯޑިއަންސަކީ ވެސް އިންޑިއާ މީހުން ކަމަށް ކިރަން ވަނީ ބުނެފައެވެ. އެވޯޑެއް ކާމިޔާބު ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ ބަޔަކީ އޯޑިއަންސް ކަމަށާއި އޯޑިއަންސަށް ފިލްމެއް ކަމުދިޔުމަކީ ބައެއް ފަހަރު ލިބޭ ވަރަށް ބޮޑު ނަސީބެއް ކަމަށް އެކްޓަރު އާމިރު ޚާންގެ ކުރީގެ އަންހެނުން ވަނީ ބުނެފައެވެ. އަންނަ އަހަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްކޮށްފައިވާ ފިލްމު "ހޯމްބައުންޑް"އަށް އެވޯޑު ކާމިޔާބުވުމުގެ އުއްމީދު އެބައޮތް ކަމަށް ބުނަމުން ކިރަން ބުނީ މިފަހަކަށް އައިސް އިންޑިއާގައި އުފައްދާ ފިލްމުތަކުގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަމަށް ބަލާފައި އެފަދަ އެވޯޑެއް އިންޑިއާއަށް ލިބުމަކީ ދުރުކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ