ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު ފޫއަޅުވާލައިގެން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އޮތް ނުރައްކާ ބޮޑު ކަމަށް ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދިނުމަށް އަހުމަދު ސަރުވަޝް އާދަމް މިއަދު ހުށަހެޅި ސިޓީގައި ވިދާޅުވެއްޖެ އެވެ.
ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.
"މި މުއާމަލާތަށް މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ، އަޅުގަނޑުގެ ނަޒަރުގައި އޭގެ ޤާނޫނީ ސައްޙަކަމާމެދު ސުވާލު އުފެދޭ، ރާއްޖޭގެ އިޤްތިސާދަށް ނުރައްކާ ބޮޑު، އަދި ބޯޑުގެ ފައިޑިއުޝަރީ ޒިންމާއާ ފުށުއަރާ މުއާމަލާތެއް،" ސަރުވަޝްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވި އެވެ.
ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ސަރުކާރުން އަދިވެސް އެއްބަހެއް ނުވެ އެވެ. ބައެއް ނޫސްތަކަށް ސަރުކާރުގެ އިސް ވެރިން ދިން އިންޓަވިއުތަކުގައި ބުނަނީ ކުރަން އުޅޭ ކަމަކީ އިންވެސްޓެއް ކަމަށެވެ. އެކަމަކު، އެ ފައިސާއިން އަމިއްލަ ކުންފުނިތަކަށް ދަރާފައިވާ ފައިސާތައް ދައްކަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
"މި ހިންގާ މުއާމަލާތް ހިންގަނީ މި ހުދޫދުތަކުގެ ތެރޭގައެއް ނޫން. އަދި ޕެންޝަން އޮފީސް މެދުވެރިކޮށް މި މުއާމަލާތް ކުރިއަށް ގެންދިއުމަށް ރާވައިފައިވަނީ މި ގާނޫނު ފޫއަޅުވައިލުމަށްފަހު ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކަމަށްވެސް އަޅުގަނޑު ދެކެން. އަދި މީގެ އިތުރުން، މި މުއާމަލާތުގައި މިހާތަނަށް ހުށަހަޅާފައިވާ ލިޔުންތަކުގައި އެއްވެސް ފަރާތެއްގެ ޤާނޫނީ ރައުޔެއްވެސް ބޯޑަށް ހުށަހަޅާފައިނުވޭ. އެހެންކަމުން، މި މުއާމަލާތުގެ ގާނޫނީ ސައްހަކަމާމެދު ސުވާލު އުފެދޭ ސީރިއަސް ކަންތައްތަކެއް ހިމެނޭ،" ސަރުވަޝް ލިޔުއްވި އެވެ.
ކުންފުނިތަކަށް ފައިސާ ދެއްކުމަށް އެ ފައިސާ ބޭނުން ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެއީ ޗާޕުކުރުން ނޫން ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. ސަރުވަޝްގެ އިސްތިއުފާގެ ސިޓީގައި ވަނީ އެ ކަމުގެ ސަބަބުން ދިވެހި ރުފިޔާގެ ސަޕްލައި އިތުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.
"މީގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓް މަތިވެ، ޑޮލަރުގެ އަގަށް ނޭދެވޭ ބަދަލުތަކެއް އައުމަކީ އޭގެ ނުރައްކާ ބޮޑު ހިރާހެއް. މީގެ ސަބަބުން އަންނަ އިންފްލޭޝަން އިތުރު 0.11 އިންސައްތަ ޕޮއިންޓުން މަތިވެއްޖެނަމަ، މިއީ ޕެންޝަން ފަންޑަށް ލިބޭ ރިއަލް ރިޓަރން އެއްކޮށް ގެއްލޭނެ ކަމެއް،" ސަރުވަޝް ވިދާޅުވި އެވެ.
އިންފްލޭޝަން ބޮޑުތަނުން މަތިވެ، ރުފިޔާގެ އަގު ދަށްވަމުން ދާނަމަ، ޕެންޝަން ފަންޑުގެ އެސެޓް ވެލިއު އަދި މުސްތަގުބަލުގެ ޕާޗޭސިން ޕަވާ ދަށްވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"،މި ނަތީޖާތަކަކީ، އިގުތިސާދީ އިލްމުގެ ތިއަރީގެ އިތުރުން، އައިއެމްއެފް، ވޯލްޑް ބޭންކް އަދި އޯއީސީޑީގެ ދިރާސާތަކުން ހާމަވާ އަދި ފަހުގެ ތާރީހުގައި، ގާނާ، އާރޖެންޓީނާ އަދި ޒިމްބާބުވޭ ފަދަ ޤައުމުތައް ތަޖުރިބާކޮށްފައިވާ ކަންތައްތަކެއްކަންވެސް ފާހަގަކުރަން،" ރާއްޖެއަށް އޮތް ނުރައްކަލުގެ ބޮޑުކަން ހާމަކުރަމުން ސަރުވަޝް ވިދާޅުވި އެވެ.
ސަރުކާރުން ފައިސާ ޗާޕު ކުރަން ނިންމުމުން ވަރަށް ބޮޑެތި ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ހޯދަނީ ގާނޫނު ފޫއަޅުވާލައިގެން، އިގުތިސޯދަށް އޮތް ނުރައްކާ ބޮޑު: ސަރުވަޝް ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ހޯދަނީ ގާނޫނު ފޫއަޅުވާލައިގެން، އިގުތިސޯދަށް އޮތް ނުރައްކާ ބޮޑު: ސަރުވަޝް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ