މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ތައްޔާރުކުރި ދެ ހުތުބާއެއް ނުކިޔައި ފޮރުވާފައި އޮތް ކަމަށް ބުނެ އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މަޖިލީހުގައި ހެއްދެވީ ބޮޑު ދޮގެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް މިއަދު ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ރިބާ އާއި ވެރިމީހާގެ މަސްއޫލިއްޔަތާ ބެހޭ ދެ ހުތުބާ ކިޔަން ޝެޑިއުލް ކޮށްފައި އޮއްވައި ނުކިޔައި ފޮރުވާފައި އޮތް ކަމަށެވެ.
"ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ދެ ހުތުބާއެއް އޮތް ފޮރުވާފައި، ދެ ހުތުބާއެއް ފޮރުވާފައި އޮތް، އެއް ހުތުބާއަކީ ރިބާގެ ހުތުބާ އަނެއް ހުތުބާއަކީ ވެރިމީހާގެ މަސްއޫލިއްޔަތާ ބެހޭ ހުތުބާ، މީގެ ތެރެއިން އެއް ހުތުބާ ލިޔުއްވާ އުސްތާޒް އިބްރާހިމް ރަޝީދު މޫސާ އަނެއް ހުތުބާ ލިޔުއްވި ބޭފުޅެއް އަޅުގަނޑު މިވަގުތު ސީދާ ހަނދާނެއް ނެތް،" ޝަހީމް ވިދާޅުވި އެވެ.
"މި ހުތުބާ ކިޔަން ޝެޑިއުލްކޮށްފައި އޮއްވައި މި ހުތުބާތައް އޮތީ ނުކިޔާ ގޮތަށް ނިންމައި ފޮރުވާފައި. އޮއްވައި އަޅުގަނޑުމެން މިދިޔަ އަހަރުގެ ތެރޭގައި މި ދެ ހުތުބާ ވާނީ ކިޔާފައި."
ނަމަވެސް ޝަހީމް ދެއްކެވި އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މިދިޔަ ސަރުކާރުގެ އިސްލާމިކް މިިނިސްޓަރު، އަހުމަދު ޒާހިރު ވިދާޅުވި އެވެ.
"ދޮގެއް އެއީ ހަމަ، ކަނޑައެޅިގެން ދޮގެއް، ހުންނާނެ ވެރިމީހާގެ ޒިންމާއާ ބެހޭގޮތުން ހުތުބާ ކިޔާފައި، ރިބާގެ މައްސަލައިގައި ވެސް ހުންނާނެ ވާހަކަ ދައްކާފައި، ހުންނާނެ ހަމަ ރިބާއާ ބެހޭގޮތުން ވެސް ހުތުބާ ކިޔާފައި، ޝަހީމްގެ ހަނދާން ބަލީ ކަންނޭނގެ،" ޒާހިރު ވިދާޅުވި އެވެ.
މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން ޝަހީމް ވަނީ ކުރީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، އިސްލާމިކް މިނިސްޓްރީ ވެސް އޮތީ ދަރުވާލައިފައި ކަމަށް ޝަހީމް ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އޭގެ އެއްވެސް ހެއްކެއް އޭނާ ނުދައްކަވަ އެވެ.
ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ދެ ހުތުބާއެއް ނުކިޔައި ފޮރުވާފައި އޮތް ކަމަށްބުނެ ޝަހީމް ހެއްދެވީ ދޮގެއް: ޒާހިރު ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ދެ ހުތުބާއެއް ނުކިޔައި ފޮރުވާފައި އޮތް ކަމަށްބުނެ ޝަހީމް ހެއްދެވީ ދޮގެއް: ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ