އިބްރާހިމްގެ ދެމަފިރިންގެ ކުއްލި ވަކިވުމުން އާއިލާއަށް ބޮޑު ހިތާމައެއް އިބްރާހިމްގެ ދެމަފިރިންގެ ކުއްލި ވަކިވުމުން އާއިލާއަށް ބޮޑު ހިތާމައެއް

އާދައިގެ މަތިން ޑިއުޓީ ނިންމާލުމަށްފަހު އިއްޔެ ވެސް ހަވީރު ކޮލެޖަށް ދިޔާމެވެ. ކޮލެޖަށް ގޮސްފައި ކްލާސް ފެށުމުގެ ކުރިން އަބަދުވެސް ކްލާސް ކުދިންނާއެކު ކެންޓީނުގައި ސޮއިފޮދެއް ބޮވޭތޯ ބަލަމެވެ. އެގޮތުގެ މަތިން ހެދިކާ ނަގައިގެން އައިސް އިށީނދެ، ސައިބޯން ނުފެށެނީސް ބޮޑުބޭބެއެއް ގުޅައިފި އެވެ. ވަރަށް ބޮޑަށް ހާސްވެފައި ހުރެ ބޮޑުބޭބެ ދިން ހަބަރާއެކު އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ގަބޫލުކުރަން ވެސް އުނދަގޫވި އެވެ. އަހަންނަށް ފުރަތަމަ ވެސް އަހާލެވުނީ ހަމަ ޔަގީންހެއްޔެވެ؟
އެ ހަބަރަކީ އިއްޔެ އަހަރެންގެ ބޮޑުބޭބެއެއް ކަމަށްވާ ސ. ހިތަދޫ، ކްރޭންގެ، އިބްރާހިމް އަބްދުﷲ، 60، އާއި އޭނާގެ އަނބިމީހާ ސ. މަރަދޫ، ނާރެސް، ފަރުހަނާޒް ރަޝީދު، 52، އެ ދެމަފިރިން ދިރިއުޅޭ ގޭގެ ފާހާނާ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހަބަރެވެ. ވިސްނާ ވިސްނައި ވެސް ދެމީހުން އެއްކޮށް މަރުވި ސަބަބެއް ސިކުނޑިއަށް ގެންނާކަށް ނޭނގުނެވެ. ހަމަ ގައއިމުވެސް އާދައިގެ މަރެއް ނޫންކަން އެނގުނެވެ.
މިހާތަނަށް އެ ދެ މީހުން މަރުވެފައި އޮތް މަންޒަރު އެންމެ ފުރަތަމަ ފެނުނު މީހުން މައުލޫމާތު ދިން ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބޮޑަށް ބެލެވެނީ ގެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖެނެރޭޓަރުން ކުރި ދުމުގެ އަސަރުންނެވެ.
ނަމަވެސް ރަސްމީ އިދާރާއަކަށް މިހާތަނަށް ވެސް ވީ ގޮތެއް ކަށަވަރު ކުރެވިފައެއް ނުވެ އެވެ. ހަމަ ގައިމުވެސް ކަރަންޓުގައި ޖެހިގެން މަރުވިކަން އެނގޭނެ ހެއްކެއް ފެންނާކަށް ނެތެވެ. މުޅި އުމުރު ބޯޓު ދަތުރު ކުރުމަށްފަހު ބޮޑުބޭބެ ރަށަށް ބަދަލުވީ އޭނާއަށް ލިބުނު ގޯތީގައި ގެ ހަދައި ނިންމާށެވެ.
ބޮޑުބޭބެ އާއި ބޮޑުބޭބެގެ އަންހެނުންގެ ހަބަރެއް ނުވާން ފެށީ އަންގާރަ ދުވަހު އިރުއޮއްސުނު ފަހުންނެވެ. އަންގާރަ ދުވަހުގެ ރޭގަނޑު ފިހާރަ ވެސް ނުހުޅުވާ ކަމަށްވެ އެވެ. އެހެންކަމުން ހާދިސާއެއް ހިނގީ އަންގާރަ ދުވަހު އިރުއޮއްސުނު ފަހުން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. އެ ރޭ ބޮޑުބޭބެގެ އަންހެނުންގެ އާއިލާއިން ތަކުރާރުކޮށް އެ ދެމީހުންނަށް ގުޅުމުން ވެސް ފޯނެއް ނުނަގަ އެވެ.
އެންމެ ފަހުން އިއްޔެ ވެސް ދެ މީހުންގެ އެއްވެސް ހަބަރެއް ނުވެގެން ބޮޑުބޭގެ އަންހެނުންގެ ބައްޕަ މަރަދޫގައި ހުރެފައި ހިތަދޫއަށް ދިޔަ އެވެ. ހިތަދޫއަށް ގޮސް ބޮޑުބޭބެގެ އާއިލާ މީހުންނާއެކު ދެމެފިރިން ދިރިއުޅޭ ގެއަށް ދިޔަ އެވެ. އެ ގެއަށް ގޮސް ދޮރުގައި ތަޅައިތަޅާ ވެސް ނުހުޅުވަ އެވެ. އެންމެފަހުން ކުޑަދޮރު ހުޅުވައިގެން ބެލިއިރު އެތެރޭގައި ހިލަމެއް ނެތެވެ.
ގެއަށް ވަދެވޭނެ އިތުރު ގޮތެއް ނެތުމުން ގޭގެ ތެރެއަށް ވަނީ ފުރާޅުން ޓިނު ނަގައިގެންނެވެ. އެތެރެއަށް ވަނީ ފުލުހުންނާ ވެސް އެކީގަ އެވެ. ބެލިއިރު ދެ މީހުން ވެސް ތިބީ ފާހާނާ ތެރޭގަ އެވެ. ބޮޑުބޭބެގެ ބޯ އޮތީ ފަޅައިގެން ގޮސްފަ އެވެ. އޭނާގެ އަންހެނުން އަނގައިން ކޮންމެވެސް ވަރަކަށް ލޭ އައިސްފައި ހުއްޓެވެ. އެހެންވީމާ ދެމީހުންގެ ހަށިގަނޑުން ވެސް ކޮންމެވެސް ވަރަކަށް ޒަހަމް ފެންނަން ހުއްޓެވެ.
ބޮޑުބޭބެގެ ހަށިގަނޑު ކޮންމެވެސް ވަރަކަށް އޮތީ ހަރުވެފަ އެވެ. އެކަމަކު ބޮޑުބޭބެގެ އަންހެނުންގެ ހަށިގަނޑު އޮތީ މަޑުކޮށް ކަމަށްވެ އެވެ. ނަމަވެސް ދެމީހުން މަރުވީ ކޮން ގަޑިއަކު ކަމެއް ބުނާކަށް ނޭނގެ އެވެ. ބޮޑުބޭބެގެ އަންހެނުން އޮތީ ބޮޑުބޭބެގެ ގައިމައްޗަށް ވެއްޓިފައި ކަހަލަ ގޮތަކަށެވެ. ދެ މީހުންގެ ހަށިގަނޑު ވެސް މިހާރު އޮތީ ތަހުލީލުތަކެއް ހެދުމަށްފަހު ހިތަދޫ މޯޗަރީގަ އެވެ.
ބޮޑުބޭބެއަކީ ދީނީ ކަންކަމަށް އަބަދުވެސް ވަރަށް އިސްކަންދީ ފަސް ނަމާދު ކުރި މީހެކެވެ. ބޮޑުބޭބެގެ އަންހެނުންވެސް ދީނީ ކަންކަމަށް އިސްކަންދިނެވެ. ބޮޑުބޭބެއަށް ދަރިއަކު ލިބިފައި ނެތަސް، ބޮޑުބޭބެގެ އަންހެނުންގެ ދަރިއަކު ހުރެ އެވެ. އޭނާ މަސައްކަތްކުރަމުންދިޔައީ ރިސޯޓެއްގަ އެވެ.
ބޮޑުބޭބެ އެންމެ ކުޑައިރުން ފެށިގެން ވަޒީފާއަކަށް އުޅުނީ ބޯޓު ދަތުރުކުރުމުގަ އެވެ. އެ ވަޒީފާގައި އުޅެމުން ބައެއް ވިޔަފާރިތައް ވެސް ކުރި އެވެ. ރާއްޖެއިން ބޭރުން ފޮއްޗާއި ބެޑްޝީޓް ގެނެސްގެން ވެސް ވިއްކި އެވެ. އެންމެ ފަހުން އެ ވިޔަފާރިކުރަމުން ގޮސް ގޭގެ ގޯތި ތެރޭގައި މަގަށްވާ ގޮތަށް ހުޅުވީ ފިހާރައެކެވެ. އެ ފިހާރަ ހުޅުވިތާ އަހަރުތަކެއް ވެދާނެ އެވެ. އެ ފިހާރައިގެ ހުރިހާ ކަމެއް ބޮޑުބޭބެ ރަށުގައި ނެތް ދުވަސްތަކުގައި ބެލެހެއްޓީ ބޮޑުބޭބެ އަންހެނުންނެވެ.
ބޯޓު ދަތުރުކުރުމުގެ ވަޒީފާ ދޫކޮށްލުމަށްފަހު އެންމެ ފަހުން ރަށަށް ބަދަލުވިތާ އަދި ވާނީ ހަތަރު ވަރަކަށް މަހެވެ. ރަށަށް ބަދަލުވީ ބޮޑުބޭބެއަށް ހިތަދޫ ޓޫރިޒަމް ޒޯނުން ލިބުނު ގޯތީގައި ހަދަމުންދިޔަ ގޭގެ މަސައްކަތް ނިންމުމަށެވެ. އެހެންވެ، މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުރީ މުޅިން ވެސް އެ ގޭގެ މަސައްކަތުގަ އެވެ. ދެ ކޮޓަރީގެ އެ ގެ ހެދީ އަންހެނުންގެ ދަރިއަށް ވެސް ކޮޓަރިއަކާ އެކީގަ އެވެ.
އެ ގެ ބޮޑުބޭބެ ޑިޒައިންކޮށް ހެދީ އިހު ޒަމާނު ގެ ހުރި ގޮތަށެވެ. ފާހާނާގައި ވަޅެއް ވެސް ލި އެވެ. އަދި ގެ ހެދީ ވީހައި ވެސް ސެކިއުރިޓީ ވަރުގަދަކޮށެވެ. ސަބަބަކީ އައްޑޫގައި ވައްކަމުގެ ކަންތައް ބޮޑުކަމުންނެވެ. އަބަދުވެސް ވައްކަމާއި މަސްތުވާތަކެތީގެ ކަންކަން އައްޑޫގައި ބޮޑުކަމުގެ ޝަކުވާ ބޮޑުބޭބެ ކުރެ އެވެ.
ގެ ހަދަމުންދަނިކޮށް ގެ ހިޔާކުރަން ބަހައްޓާފައި ހުރި ބައެއް ޓިނުތައް ވެސް ވަގަށް ނެގި އެވެ. އެ ގެއަކީ ވަކިން އޮތް ޓޫރިޒަމް ސަރަހައްދުގައި ހުރި ހަމައެކަނި ގެ އެވެ. އެހެންވެ، ވަގުންގެ ލޮލުގައި އެ ގެ އަޅައިގަންނަ މިންވަރު ގިނަ އެވެ.
ގޭގެ ސެކިއުރިޓީ ވަރުގަދަ މިންވަރަކީ ގޭގައި ހުންނަނީ ވެންޓިލޭޝަނަށް އެންމެ ކުޑަދޮރެކެވެ. އެ ދޮރު ވެސް ހުންނަނީ އެތެރެއަށް ނުވަދެވޭ ގޮތަށް ދަގަނޑު ޖަހައިފަ އެވެ. ދެން ގެއަށް ވަދެވެން އިންނަނީ މައި ދޮރު އެކަންޏެވެ. އެ ދޮރުވެސް ހަދާފައި ހުންނަނީ ވަރަށް ވަރުގަދަކޮށެވެ. ފެން ލައިޓް ހުއްޓަސް ވައި ދައުރުވާނެ ގޮތެއް ނެތެވެ.
ގެއަށް ބަދަލުވެވޭ ވަރަށް މަސައްކަތްތައް ނިމުމާއެކު ބޮޑުބޭބެ ބޭނުންވީ ވީހައިވެސް އަވަހަށް ގެއަށް ބަދަލުވާށެވެ. އެހެންވެ، ގެއަށް ކަރަންޓު ގުޅައިދިނުމަށް އެދި ފެނަކައަށް ފޯމު ވެސް ހުށަހެޅި އެވެ. އެކަމަކު ޓޫރިޒަމް ޒޯނުގައި މީހުން އާބާދުވާން ފަށާފައި ނުވާތީ އެ ސަރަހައްދަށް ފެނަކައިން މިހާތަނަށް ކަރަންޓު ލާފައެއް ނުވެ އެވެ.
ފެނަކައިން ކަރަންޓު ގުޅައިދިނުން ލަސްވާތީ ބޮޑުބޭބެގެ ވިސްނުމަކަށްވީ ގޭގައި އަމިއްލަ ޖެނެރޭޓަރެއް ބަހައްޓައިގެން ގެއަށް ކަރަންޓު ދިނުމަށެވެ. އެގޮތުން ތިން ކިލޯގެ އިންވާޓާ ޖެނެރޭޓަރެއް މާލެއިން ރަށަށް ގެންގޮސް ގޭގައި ޖެނެރޭޓަރު ބަހައްޓައިގެން ކަރަންޓު ލި އެވެ. ޖެނެރޭޓަރު ބަހައްޓާފައި ބޮޑުބޭބެމެން ނިދާ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގެ ފާހާނާގައި ކަމަށްވެ އެވެ.
ޖެނެރޭޓަރު ބެހެއްޓުމަށްފަހު ގެއަށް ކަރަންޓުދީގެން އެ ގެއަށް ބަދަލުވިތާ އަދި ވާނީ އެންމެ ތިން ވަރަކަށް ދުވަސް ކަމަށްވެ އެވެ. އެހެންވީމަ ޖެނެރޭޓަރު ޖައްސާފައި ހުރުމުގެ ސަބަބުން މުޅި ގޭގެ ތެރޭގައި ދުމުގެ އަސަރު ހުންނާނެ ކަމަށް ބެލެވެ އެވެ.
ހަބަރެއް ނުވެގެން އެގެއަށް އިއްޔެ ހަވީރު އެންމެ ފުރަތަމަ ވަދެވުނު މީހުންނަށް ވެސް ފާހަގަކުރެވުނީ ދުމުގެ އަސަރު ހުރި ކަމަށެވެ. ގެއަށް ވަތްއިރު ކަރަންޓެއް ވެސް ނެތެވެ. ޖެނެރޭޓަރުން ތެޔޮ ހުސްވެގެން އޭތި ނިވުނީ ކަމަށް ބެލެވެ އެވެ.
---
ދެ މީހުންގެ ހަށިގަނޑު ވެސް މިވަގުތު އޮތީ މޯޗަރީގަ އެވެ. ދެ މީހުން މަރުވި ގޮތް ފުލުހުންނަށް ޔަގީންކޮށް އެނގޭނެ ގޮތެއް ނެތެވެ. ގިނަ ތަހުލީލުތަކެއް ހެދި އެވެ. ފުލުހުންގެ ފޮރެންސިކް ޓީމުން ގޮސް ވެސް ބެލި އެވެ. ދުމުގެ އަސަރުން މަރުވިކަން ވެސް ފުލުހުންނަށް ކަށަވަރެއް ނުވެ އެވެ. އެކަމަކު ފުލުހުން ރަސްމީކޮށް ބުނީ ޝައްކު އުފެދޭ ކަމެއް މަރުގައި ނެތް ކަމެވެ.
ބޮޑުބޭބެ އާއި ބޮޑުބޭބެގެ އަންހެނުންގެ އާއިލާގެ އެދެނީ އެންމެ ކަމަކަށެވެ. އެއީ ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ކުރުމަށް ދެމީހުންގެ ހަށިގަނޑު ވީހައިވެސް އަވަހަށް އާއިލާއާ ހަވާލުކޮށްދިނުމަށެވެ. އާއިލާއިން މިވަގުތު ބޭނުންވަނީ ވީހާވެސް އަވަހަށް ވަޅުލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ